ބޮލީވުޑްގެ އެންމެ ލޯބި އެއް ޖޯޑުގެ ގޮތުގައި ބެލެވިފައި އޮތީ ރަންބީރު ކަޕޫރާއި ކެޓްރީނާ ކައިފް އެވެ. އެކަމަކު ހަ އަހަރުވީ ދިގު ލޯބީގެ ގުޅުން ދެ ތަަރިން ކުއްލި އަކަށް ނިންމާލުމުން ގިނަ ބަޔަކަށް ލިބުނީ ސިހުމެކެވެ.
ގާތްގަނޑަކަށް ކައިވެންޏާއި ހަމައަށް ގޮސްފައި އޮތް ލޯބީގެ ގުޅުން ނިންމާލި ސަބަބު މިހާތަނަށް ވެސް ހާމަކޮށްފައިނުވީ ނަމަވެސް ރަންބީރާއި ކެޓްރީނާ ރުޅިވި ފަހުން އެ ދެމީހުންގެ ދެމެދުގައި ބޮޑު ނުތަނަވަސް ކަމެއް އުފެދި އެކަކު އަނެކަކާ އެއްވެސް ގޮތަކަށް ވާހަކަ ނުދައްކާ ކަމަށްވެ އެވެ.
ރުޅިވިއިރު އެކުގައި އަނޫރާގް ބާސޫގެ "ޖައްގާ ޖާސޫސް" ގެ މަންޒަރުތައް ނަގަމުން އައުން ވީ ދެމީހުންގެ ދެމެދުގައި އުފެދުނު ދުރުކަން ކުޑަކުރަން ލިބުނު ފުރުސަތަކަށެވެ. އަލުން ސުލްހަވެ ނުގުޅުނު ނަމަވެސްް ދެމީހުން ވަނީ ގާތް އެކުވެރިންނަށްވެފަ އެވެ.
މި މަހުގެ 14 ވަނަ ދުވަހު "ޖައްގާ ޖާސޫސް" ރިލީޒް ކުރާއިރު، ދެތަރިން އަންނަނީ ވަރަށް ފޯރީގައި ފިލްމުގެ އެންމެ ފަހުގެ ޕްރޮމޯޝަން ހަރަކާތްތަކުގައި ބައިވެރިވަމުންނެވެ.
އެގޮތުން ރަންބީރާއި ކެޓްރީނާ ވަނީ އަބޫދާބީ ގައި ބޭއްވި ސައުތް އިންޑިއަން އިންޓަނޭޝަން މޫވީ އެވޯޑްސް (ސީމާ) ހަފްލާގައި ބައިވެރިވެފަ އެވެ. މި އެވޯޑް ހަފްލާ އަކީ ސައުތް އިންޑިއަން ފިލްމު އިންޑަސްޓްރީގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އަގު ވަޒަންކުރަން ބޭއްވި އެވޯޑް ހަފްލާއެއް ނަމަވެސް މި ހަފްލާގެ ހުރިހާ ސަމާލުކަމެއް ލިބިފައިވަނީ ކެޓްރީނާ އާއި ރަންބީރަށެވެ.
އަތުގުޅުވާލައިގެން ސްޓޭޖުގައި މި ދެތަރިން ހުއްޓި ވަނީ އެމީހުންގެ ފިލްމު ޕްރޮމޯޓްކުރުމުގެ އިތުރުން ފަރި ހަރަކާތެއް ވެސް ދައްކާލާފަ އެވެ. މިހާރު އެންމެ ގަދަޔަށް ދެކެވެމުން އަންނަ ވާހަކައަކީ މި ދެތަރިން ސީމާގައި ފެނިލި ފެނިލުން ލޯބި ކަމުގެ ވާހަކަ އެވެ.
ރީނދޫ ކުލައިގެ ސީކުއިން ޓޯނީ ވާޑް ކޯޓުއާ ގައުންއެއްގައި ރަންބީރާއެކު ކެޓްރީނާ ރެޑް ކާޕެޓުގައި ހިނގާލާ ފޮޓޯތައް އާންމުވުމުން ބެލުންތެރިން މިދެތަރިންގެ ޖޯޑު ސިފަކުރީ ބިއުޓީ އެންޑް ދަ ބީސްޓް ގޮތުގަ އެވެ. އެ ކާޓޫނުގައި ބެލް ފެނިގެންދާ ކަހަލަ ރީނދޫ ހެދުމެއްގައި ކެޓްރީނާ ފެނިގެންދިޔައިރު ރަންބީރަކީ ބީސްޓަށް ލޯބިވެރިޔަކު ލިބުމުން ރީތި ޕްރިންސަކަށް ބަދަލުވި ކެރެކްޓަރުގެ ގޮތުގައި ސިފަކޮށްފަ އެވެ.
ރަންބީރާއި ކެޓްރީނާ ސީމާގައި ފެނިލި ފެނިލުން ފެއަރީ ޓޭލްއެއްގެ ގޮތުގައި ސިފަ ކުރަމުން އަންނައިރު، މިދެތަރިން އެ ހަފްލާގެ ސްޓޭޖުގައި ހުއްޓި ތިބޭއިރު ފެނިގެންދަނީ އަތާ އަތް ގުޅުވާލައިގެން ތިބި ތަނެވެ. އޭގެ ފަހުން އޯޑިއަންސާއެކު ގޮނޑި ބަރީގައި އިށީންދެ ތިބިއިރު ރަންބީރު ފެނިގެންދަނީ ކަޅި ޖަހާ ނުލާ ކެޓްރީނާ އަށް ބަލަމުންދާ ތަނެވެ.
މި އެވޯޑް ހަފްލާގެ ތެރެއިން އާންމުވެފައިވާ ވީޑިއޯ ތަކާއި ފޮޓޯތަކުން މިކަން ވަރަށް ރަނގަޅަށް ހާމަވެގެންދެ އެވެ. އަދި އެކުގައި ހީ ސަމާސާކުރާ މަންޒަރު ވެސް ފެނިގެން ވަނީ ގޮސްފަ އެވެ.
ރަންބީރު މީގެކުރިން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ބަތަލާ ދިޕިކާ ޕަދުކޯން އާއި ރުޅިވިފަހުން ވެސް އެދެތަރިން އެކުގައި ފެނިގެންދާ ކޮންމެ ފަހަރަކު ފެނިގެންދަނީ ވަރަށް އެކުވެރިކޮށް ފެނިގެންދާ ތަނެވެ.