ހަބަރު

އަގުލަބިއްޔަތާއެކު ގާނޫނީ ބާރު ވަނީ އިދިކޮޅަށް ލިބިފައި: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު އިދިކޮޅު ފަރާތްތަކަށް ލިބިފައިވާ ކަމަށާއި އެއީ އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތަށް ގާނޫނީ ބާރު ލިބުން ކަމަށް ކުރީގެ ރައީސް މަހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

ވެރިކަމުގައި ހުންނަވައިގެން ގާޒީއަކު ހައްޔަރު ކުރެއްވި މައްސަލާގައި ޖަލު ހުކުމެއް އިއްވާފައިވާ ރައީސް ނަޝީދު، އިދިކޮޅު ފަރާތްތަކުން މިރޭ ކުނޫޒުގައި ބޭއްވި ޖަލްސާއަށް އިއްވެވި މެސެޖެއްގައި ވިދާޅުވީ، އިދިކޮޅު ފަރާތްތަކަށް ރައްޔިތުންގެ އަޣުލަބިއްޔަތާއި ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ލިބިފައިވާ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާ ދެކޮޅަށް 45 މެންބަރުން ތިއްބެވިއިރު، ލޯކަލް ކައުންސިލް އިންތިހާބުގައި އިދިކޮޅު ޕާޓީތަަކަށް ވަނީ އަޣުލަބިއްޔަތު ލިބިފައިވާ ކަމަށެވެ.

ނަޝީދު ވިދާޅުވީ، ގައުމަށް ގެންނަން ރައްޔިތުން އެދޭ ބަދަލުތައް ގެނައުމަށް އިދިކޮޅު ފަރާތްތަކުން މިހާރު ކުރިއަށް ދަނީ އަޣުލަބިއްޔަތު ލިބުމުން ލިބިފައިވާ ގާނޫނީ ބާރާއެކު ކަމަށެވެ. އެހެންކަމުން އެކަމަށް ހުރިހާ މުއައްސަސާތަކުން ވެސް އިހުތިރާމް ކުރުމަށް ގޮވާލައްވާ ކަމަށެވެ.

"ދިވެހިރާއްޖޭގެ މުސްތަގިއްލު މުއައްސަސާތަކާއި ފަނޑިޔާރު ގެތަކާއި ސަލާމަތީ ބާރުތަކަށް ވެސް ދަންނަވާލަން ބޭނުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ތަނަވަސް އަޣުލަބިއްޔަތެއް އިދިކޮޅު ފަރާތްތަކަށް މިވަނީ ލިބިފަ، އޭގެ ކުރިން ރަށު ކައުންސިލް، އަތޮޅު ކައުންސިލް، ސިޓީ ކައުންސިލްގެ ވަރަށް ތަނަވަސް އަގުލަބިއްޔަތު ވެސް ވަނީ ލިބިފަ،" އެމްޑީޕީގެ ރައީސް ނަޝީދު ވިދާޅުވި އެވެ. "އެ އަގުލަބިއްޔަތު ލިބިގެން މި ހިންގަނީ ގާނޫނީ މަސައްކަތެއް، އެއަށް ހުރަސް އެޅުމަށް އެއްވެސް ފަރާތަކުން ނޫޅުއްވާ، އަޅުގަނޑުމެންގެ އަމާޒަކީ ހެޔޮ ވެރިކަމެއް ހޯދައިދިނުން، ނިކުމެ މިތިބީ އެ މަސައްކަތުގައި،"