ވާހަކަ

މުޅިޖާންހިތާ

(2 ޖުލައި 2017 އާ ގުޅޭ)
"ތިވާހަކަތައް ފަހުން ދައްކާނީ... މިތާ މަޑުކުރާންވެއްޖެއްޔާ އެޕޮއިންޓްމެންޓު ކަޓާފާނެ" ލޫކަން ބުންޏެވެ. އައިރާގެ އަތުގައި ހިފާލުމާއެކު މީހުންތަކުގެ ތެރެއިން ލޫކަން އައިސް މަޑުކޮށްގެން އޮތް ކާރެއްގެ ފަހަތު ދޮރުފަތް ހުޅުވާލި އެވެ. އަދި އައިރާ އެއަށް އެރުވުމާއެކު ލޫކަން ވެސް ފަހަތު ސީޓުގައި ހަމަޖެހިލިއެވެ. ވާނުވާ ނޭނގިގެން އައިރާ ތުންފަތް ހަފާލަހަފާލާ އިނެވެ. އެހެން އިންދާ ކާރު އައިސް ވަނީ ހޮސްޕިޓަލުގެ ތެރެއަށެވެ. ލޫކަން ފޭބި ގޮތަށް ދޮރުހުޅުވާލައިގެން އައިރާ ފައިބަންދެން މަޑުކޮށްލައިގެން ހުއްޓެވެ.

ލޫކަންގެ ކާރުގައި އައިރާ ގެނައީ ހޮސްޕިޓަލަށްކަން އެނގުމުން އިހު ލިބިފައިހުރި ހާސްކަން ކުޑަވި އެވެ. ހަމައެހިނދު ލޫކަންގެ ގާތުގައި ދެކެވިފައި އޮތް ވާހަކައެއްގެ މަތީން އައިރާ ހަނދާންވި އެވެ. ކާރުން ފައިބާ އެކަމާ ގުޅޭ ގޮތުން އައިރާއަށް އެއްޗެއް ނުބުނެވެނީސް ލޫކަން ކާރުގެ ފަހަތު ދޮރުފަތް ލައްޕާލާފައި އެތެރެއަށް އައުމަށް ބުންޏެވެ.

ހޮސްޕިޓަލުތެރެއަށް ދެ ޒުވާނުން އެކުގައި ވަދެގެން އައިއިރު ޑޮކްޓަރަށް ދައްކަން އައިސް ތިބި މީހުން މަދެއް ނޫނެވެ. އެމީހުންގެ ނަޒަރުތައް ހުއްޓިފައިވާއިރު އައިރާގެ ހިތް ބުނަމުންދިޔައީ އެ މީހުން އެ ބަލަނީ ލޫކަންއަށް ކަމުގަ އެވެ. ލޫކަން ފެންނަ ކޮންމެ މީހަކަށް ވެސް އެކަން އެނގޭނެ ކަހަލައެވެ. އޭނާގެ ހަށިގަނޑުގެ ތެދުކަމާއި ހަރަކާތްތަކުގައި ހުންނަ ފިރިހެންވަންތަ ކަމުގެ އިތުރުން ރާއްޖޭން މަދުން ނޫނީ ނުފެންނަ ފަދަ ހަމުގެ ކުލަ އަލި ރީތި ކަމެއް އޭނާއަށް ލިބިފައިވާތީ އެވެ. އެ ރީތިކަން އިތުރަށް ފުރިހަމަކޮށްދޭ ކަމެއް ކަމުގައި އޭނާގެ ހުންނަ "އެމެރިކަން ސްޓައިލް" ވެއެވެ.

އެތެރެއަށް ވަދެގެން އައި ވަރަކަށް މީހުން މަދުވަމުން ދިޔައެވެ. އައިރާއަށް މަގު ދައްކަމުން ލޫކަން އައިސް އެތެރެ ނުފެންނާނޭހެން ފުސްކޮށްފައި ހުރި ބިއްލޫރި ދެފަރާތަށް ހުޅުވޭ ދޮރެއް ކައިރީ މަޑުކުރި އެވެ. ދޮރުގެ އެއްފަރާތް ހުޅުވާލާ އެތެރެއަށް ލޫކަން ބޯދިއްކޮށްލި އެވެ.

"ޒޭން... ޒޭން..." ލޫކަންގެ ފިރިހެންވަންތަ އަޑުން ތަންކޮޅެއް ހަރުކޮށް އަވަސް ކަމާއެކު ގޮވާލިއެވެ.

"އަހަންނަށް ބުނެވުނު ކަންނޭނގެ އަހަރެން މަސައްކަތްކުރާ ޑިޕާޓްމެންޓުގެ ބޮޑު މީހަކީ ޒޭންކަމަށް" ދޮރު ކައިރީ މަޑުކޮށްލައިގެން ހުރެ ލޫކަން ބުނެލިއެވެ. އޭނާއަށް ބަލަން ހުރި އައިރާ އެއްބަސްވުމުގެ ގޮތުން ބޯޖަހާލި އެވެ.

"ހިނގާ ދަމާ" ދޮރުން ނުކުން ލޫކަން ފަދަ އިސްކޮޅުން ބޮޑު ޒުވާނާއާ ދިމާއަށް އައިރާއަށް ބަލާލެވުނެވެ. ހަމައެވަގުތު ލޫކަންގެ ބޮލުން އޭނާ އައިރާއަށް އިޝާރާތް ކޮށްލީ ހިނގައިގަތުމަށެވެ. ޒޭންއާއި ލޫކަންގެ މިސްރާބު ހުރީ އައިރާ ގޮވައިގެން ސްކޭންކުރާ ކޮޓަރިއަށް ދިއުމަށެވެ.

"މީތަ އައިރާއަކީ؟" ސިޑިން އަރަމުން އައިރާއަށް ބަލާލާފައި ޒޭން އަހާލީ ލޫކަންގެ ގާތުގަ އެވެ.

"އާން! މީ އައިރާ... އިހަށް މިކަން ނިންމާލާފަ ރަނގަޅަށް ތަޢާރަފު ކޮށްދޭން މި ހުންނަނީ" ލުއި ހިނިތުންވުމަކާއެކު ލޫކަން ބުނެލި އެވެ. އޭނާގެ ދެލޮލުން ސިއްރުކުރާ ކަންތައްތައް ޒޭންއަށް އެނގެ އެވެ. މާނަވީ ހިނިތުންވުމެއް ޒޭންގެ ތުންފަތަށް ވެރިވެގެން ދިޔައީ އެހެންވެއެވެ.

ސްކޭން ކުރާ ކޮޓަރިއަށް ފުރަތަމަ ވަނީ ޒޭންއާއި ލޫކަން އެވެ. އެއަށްފަހު ގިނަ އިރެއްނުވެ ޒޭން ނުކުމެ އައިރާއަށް ވަނުމަށް އެދުނެވެ. ސްކޭން ކުރާން ހުރީ އަންހެން ޑަކްޓަރެކެވެ. އިސްކޮޅުން ކުރުވެފައި ހަށިގަނޑު ވެސް ހިމަވުމުން ފެންނަ ފެނުމަށް އޭނާ ހީވަނީ އުމުރުން ވަރަށް ޅަކުއްޖެއް ހެނެވެ. ނަމަވެސް ލޮލުގައިވާ ނަންބަރު އައިނާއި ތުންފަތުގައިވި ފުޅާ ހިނިތުންވުމުން އެއީ ހިތްހެޔޮ މީހެއްގެ ގޮތުގައި އައިރާއަށް ފާހަގިވިއެވެ.

"މީ ޑަކްޓަރ ނައިލާ. މިތާ ހުރި އެންމެ މޮޅު ސްކޭން ޑަކްޓަރު" ލޫކަން ބުންޏެވެ.

"އައިރާ ދޯ... އާދޭ މިކޮޅަށް. އެނދުގައި އޮށޯވެލަންވީނު" ޑަކްޓަރު ނައިލާ ދިވެހި ބަހުން ބުނެލި އެވެ. އެނދު ކައިރިއަށް އައިރާ އައުމަށްފަހު އޮށޯވެލުމުގެ ކުރިން އޭނާ ބަލާލީ ލޫކަންއަށެވެ. އެތަނުގައި ލޫކަން ހުންނާކަށް އޭނާ ބޭނުން ނުވާ ކަހަލައެވެ. އައިރާ ދުލުން ހާމަނުކުރި ނަމަވެސް އޭނާގެ ދެލޮލުން އެކަން ލޫކަން ދެނެގަތެވެ.

"އަހަރެން ބޭރުގައި މަޑުކޮށްލާނަން" ލޫކަން މިހެން ބުނެލުމާއެކު ސްކޭން ކޮޓަރިން ނުކުތެވެ. އޭނާ ނުކުންތާ ފަސްމިނެޓު ވެސް ނުވަނީސް ޑަކްޓަރު ނައިލާ ނުކުތެވެ. އޭނާއާއެކު އައިރާ ވެސް ނުކުތެވެ. ގޮނޑިބަރީގައި މަޑުކޮށްގެން ތިބި ޒޭން އާއި ލޫކަން ވެސް ހައިރާން ވެގެން ތެދުވިއެވެ.

"ލޫކަން ވެސް ތީ އަންހެނުންގެ ޑަކްޓަރެއްނު. ސްކޭންކުރާން ގެނައިމަ ނިމުނީތަ؟ އައިރާ ރެޑީތޯ ވެސް ނުބަލަމެއްނު... އޭނާއަށް ފެންދީބަލަ" ލޫކަންއާ ދިމާއަށް ނައިލާ ބުނެލި އެވެ. އެއާއެކު ލޫކަންއަށް އޭނާގެ ނިތްކުރީގައި ވައަތުން ޖަހާލެވުނެވެ. ހަމައެހިނދު އޭނާގެ ކޮނޑަށް ޒޭންގެ ހަމަލާއެއް އެރިއެވެ. ލޫކަން އަވަހަށް ދެތިން ފެންފުޅި ހިފައިގެން އައިސް އައިރާއަށް އެތަނުން ފެންފުޅިއެއް ދިއްކޮށްލިއެވެ. އަދި އެވަގުތު ސްކޭންކުރާން އައިސް އެއްވެސް މީހަކު ނެތުމުން އެންމެން އެކުގައި ގޮނޑި ބަރީގައި ތިއްބެވެ.

"އަވަސް އަރުވާލިޔަސް ތީ ބޮޑުވަރު" ޑަކްޓަރުން އެކަކު އަނެކަކާ ދިމާކުރަމުން ދިޔަ މަންޒަރު ބަލަން އައިރާ ހުއްޓެވެ. ޒޭންއާއި ނައިލާގެ ދިމާ ކުރުންތަކުން ލޫކަން ހީނގަންނަ ކޮންމެ އޭނާއަށް އައިރާ ބަލާލައެވެ. ލޫކަންއެކޭ އަރައިގެން އަންނަ އިރެއްފަދަ އެވެ. އޭނާގެ ފަރާތުން އައިރާއަށް އިހުސާސް ކުރެވެނީ އެފަދަ ހޫނުކަމަކާއި އޯގާތެރި ކަމެކެވެ. އައިރާގެ އަނދިރިވަމުން އަންނަ ހަޔާތް އެ އިރުގެ ސަބަބުން ދުވަހަކަށްވުރެ ދުވަހެއް ހުޅުދާން ވަމުން އަންނަ ކަހަލައެވެ. އެ ހޫނު ކަމުން ރައްކާތެރިކަން އައިރާ އިހުސާސް ވެއެވެ. އެހެންނަމަވެސް އޭނާ އެ އިހުސާސްތައް ދެކެ ބިރުގަނެއެވެ. ލޫކަންއާ ގިނަގިނައިން ނަޒަރު ސީދާ ނުކުރަނީ އެހެންވެ އެވެ. އޭނާއަށް ގިނައިރު ބަލަން އިނދެފިނަމަ އެމީހަކަށް އޭނާގެ އަމިއްލަ އިޚްތިޔާރުން ބޭރުގައި ވެސް ލޫކަންގެ ހުރިހާ އަދާއަކަށް ހިތް ލެނބި ދީވާނާ ވެދާނެ އެވެ. އެފަދަ ނުރައްކާތެރި ބާރެއް އަމިއްލަ ވުޖޫދަށް ގެންނާކަށް އައިރާ ކުޑަކޮށް ވެސް ބޭނުމެއްނޫނެވެ.

"ހަނދާން އެބަހުރިތަ އަހަރެން ބުނި ވާހަކަ" ޒޭން އިނދެފައި ކަމެއް ހަނދާންކޮށްދޭން ލޫކަންއަށް އުޅުނެވެ.

"ނިންމާލާފައި އައިރާ ގޮވައިގެންނު ދާނީ" ލޫކަން އިނދެފައި ބުންޏެވެ. އެއަޑު އިވި ހައިރާންކަމާއެކު އައިރާއަށް އެ ދެ ޒުވާނުންނަށް ބަލާލެވުނެވެ.

"ލޫކަން ކީއްވެތަ އެހެން ކަންތައް އެ ކުރަނީ؟ ރުބީނާއަށް އަހަރެން ގޭގައި ނެތްކަން އެނގިއްޖެއްޔާ ވާނޭ ގޮތް ވެސް ނޭނގެ. އެނބުރި އެގެއަށް ވައްދާނޭ ކަމެއް ވެސް ނޭނގެ... ނޫން! ނޫން! ދަރިފުޅު އޮތިއްޔާ އޭނާ އަހަރެން ބޭރެއް ނުކުރާނެ. ފޯނުގަނޑު ވެސް އޭނާ ހަލާކުކޮށްލީވިއްޔާ... އެހެންނޫންނަމައެއްނު ބައްޕައަށް ގުޅާނީ... ލިޒީގެ ހާލެއް ވެސް އެނގެނީއެއްނޫން... އޭނާ ވެސް އުޅޭނެ އަހަރެން ގެ ޚަބަރެއް ނުވެގެން. ކިހިނެއް އެނގެނީ މިވަރުގެ ބޮޑު ކެއްސެއް އަހަންނަށް ލިބޭނެ ކަމެއް. އަހަރެންގެ ދިރިއުޅުން ފަހަތަށް ނޫނީ ނުދޭ. ނިޔާނު ވަކިވުމާއެކު އަނެއްކާ ވެސް އަހަރެން މިހުރީ އިހު ހުރި އައިރާއަށް ވެފައި. އަޅާލާނެ މީހަކުނެތް... ނޫން! އަޅާލާނެ މީހަކު ނެތޭ ބުނެވިދާނެތަ؟ އެހެންވެއްޖެނަމަ ލޫކަން އެއީ ކާކު؟ އޭނާ އަހަންނަށް އެކޮށްދޭ ހުރިހާ ކަމަކީ އެހީތެރިކަމެއް ނޫންތަ؟ އެކަމަކު... އޭނާ ވެސް ކިހާ ދުވަހެއް ވަންދެން އަހަންނަށް އެހީވާނީ"

"އައިރާ... ރެޑީތަ؟" އިސްޖެހި ފިކުރުތަކުގެ ތެރެއަށް ގެއްލި އިން އައިރާގެ ސަމާލުކަން ނައިލާ ހޯދިއެވެ. ވިސްނާލާ ފަދަ ގޮތަކަށް އައިރާ މަޑުމަޑުން ބޯޖަހާލިއެވެ.

ސްކޭން ކޮޓަރިއަށް އައިރާ ގޮވައިގެން ނައިލާ ވަނެވެ. ޒޭންއާއި ލޫކަން ގޮނޑިބަރީގައި އެކަނިވުމުން ފުރަތަމަ ވާހަކަ ދެއްކީ ޒޭންއެވެ.

"އަހަރެން އަޖައިބުވެއްޖެ ލޫކަށް އެ ކުއްޖާ ކަމުދިޔައިމަ"

"ކިހިނެއްވީ؟ ހުތުރީތަ؟ ނުވާނެ އެހެނެއް" ސްކޭން ކޮޓަރިއާ ދިމާއަށް ބަލާލާފައި ބުންޏެވެ.

"ރީތި ކަމުގެ ފުރިހަމަ މިސާލެއް. އެކަމާ އަހަރެން ދެބަހެއް ނުވާނަން. އަޖައިބުވީ އެކަމާއެއްނޫން. ލޫކް އާދެވެފައިވަނީ މި ރާއްޖޭގެ ސަޤާފަތަކަށް ނޫން. އެކަމަކު ވެސް އައިރާ ފަދަ އަންހެންކުއްޖަކު ކަމުދިޔައިމަ. އައިރާއަކީ ބުރުގައި އަޅައިގެން ހުރި ވަރަށް ވެސް ސާދާ އަންހެންކުއްޖެއް. މޭކަޕް ކުރުމެއް ޒީނަތްތެރިވުމެއްނެތް. އެހެންނަމަވެސް ފެންނަނީ އެއްވެސް އުނިކަމެއްނެތި"

"އައިރާގެ ދިލައިން ފުރިފައި ހުންނަ ދެ ލޮލާއި ހިނިތުންވާން ހަނދާންނެތިފައިވާ ދެ ތުންފަތް އަހަރެންގެ ހިތުގައި ނޭނގޭ އަސަރުތަކެއް އުފެއްދި. ބަޔާންކުރާން ދަތި އޮއިވަރެއްގައި އަހަރެންގެ މުޅި ނަފްސު ބެހިގެން ދިޔަ ފަދަ. އިންތިހާއަށް އެ މަޢޫސޫމުކަން މިލްކުކޮށް އަހަރެންގެ ހައްޤަކަށްވުމަށް އެދެވުނު. އައިރާގެ ހަޤީޤަތް އެނގުނު ވަގުތު އަހަރެންގެ ހިތް ރޯލިކަން ޔަގީން. ހީކުރި ވަރަށް ވުރެ ވެސް އައިރާ ޚާއްޞަ... ވަރަށް ޚާއްޞަ... އެ ދިގު އެސްފިޔަތަކަށް ނުހިފެއްޓިގެން ދެމިގެންނަން ކަރުނައިގެ ސައިލާއެކު އަހަރެންގެ ކެތްތެރިކަން އިމްތިހާނު ކުރާ ފަދަ. ޒޭން! އަހަންނަށް... އައިރާ ދެކެ ލޯބިވެވިއްޖެ... އެއް އިންސާނަކު އަނެއް އިންސާނެއް ދެކެ ލޯބިވާނެ އެންމެ ބޮޑަކަށް. ވަރަށް ބޮޑަށް ލޯބިވެވިއްޖެ.. އެ އަންހެންކުއްޖާއަށް ޓަކައި ކޮންމެ ކަމެއް ވެސް ކުރާން ކެރޭވަރަށް އޭނާ ކަމުގޮސްފި. އަހަރެންގެ ބާރުގައިވާ ހުރިހާ އުފަލެއް އައިރާއަށް ހޯދައިދޭން އަހަރެން ބޭނުން. އޭނާ ހިނިތުންވެލައިގެން ހުންނާނެ ދުވަހެއްގެ އިންތިޒާރުގައި ހުރީމު"

"އެނގިއްޖެ... ވަރަށް ސާފު... ލޫކް ތިވަނީ އެ އަންހެންކުއްޖާއާ ހެދި ހަމަ ރަނގަޅަށް ވެސް ދީވާނާވެފައި. އައިރާ ފެނުމުން އޭނާގެ ޚާއްޞަ ގޮތެއް އެބަހުރިކަން އަހަންނަށް ވެސް ފާހަގަވި. ޔާނާއާ ލޫކް ބައްދަލުވުމުން ވަރަށް އުފާވާނެ. ޚާއްޞަކޮށް އައިރާ ގޮވައިގެން އައިސްފިނަމަ. އެނގޭތަ! ލޫކްގެ ނަސީބު އަހަރެން މީހަކާ އިނދެގެން ހުރިކަން. އެހެންނޫނީ ފުރަތަމަ ނަޒަރުން އަހަންނަށް ވެސް އައިރާ ކަމުދިޔައީސްކަން ޔަގީން" ޒޭންގެ ސަމާސާއާއެކު ދެ ޒުވާނުން ހޭން ފެށިއެވެ.

ސްކޭންކުރާ ކޮޓަރީގެ ދޮރުހުޅުވުމާއެކު ދެ ޒުވާނުންގެ ދެމެދުގައި ދެކެވެމުންދިޔަ ވާހަކަ ވަގުތުން ހުއްޓާލާ މޫނުމަތީގެ އަސަރުތައް ބަދަލުވެގެން ދިޔައެވެ. ދޮރުން ނުކުން އައިރާއަށް ލޫކަންގެ ގާތުގައި ޒޭން ހުރިކަން ވެސް ފާހަގައެއް ނުވިއެވެ. އަތުގައި އޮތް ސްކޭން ފޮޓޯއަށް ބަލަމުން ލޫކަންއަށް ބަލާލިއެވެ. އެ ތުންފަތުގައި ހިނިތުންވުމެއް ވިއިރު އޭނާގެ ދެ ލޯ ފުރެމުން އައެވެ. ލޫކަން އަވަސް އަވަހަށް އައިސް އައިރާގެ ގާތުގައި މަޑުކޮށްލިއެވެ.

"ތެންކިއު... ތެންކިއު..." ކޯތާފަތުންލާފައި ކަރުނައިގެ ރޮނގި ދެމިގެން ތިރިއަށް ދިޔައިރު ލޫކަންއާ ލޮލާ ލޯ އަމާޒުވެފައި ހުރެ ވައިއަޑުން އައިރާ ބުނެލިއެވެ. އަދި އަތުގައި އޮތް ސްކޭން ފޮޓޯތައް ލޫކަންއަށް ދައްކާލި އެވެ. ހިނިތުންވަމުން ދިޔައިރު ވެސް އައިރާއަށް ރޮވެނީ އެވެ.

"ސަމްތިން ރޯންގް" ހިނިތުންވެލައިގެން އައިރާއަށް ބަލަން ސްކޭން ކޮޓަރީގެ ދޮރުމަތީ ނައިލާ ހުއްޓެވެ. ޒޭން ސުވާލުކުރީ އޭނާއާ އެވެ. އެހިނދު ނައިލާ ދެފަރާތަށް ބޯހޫރާލިއެވެ.

"އިޓްސް އަ ބޯއި... ބިއުޓިފުލް ހެލްތީ ބޯއި..." ފުޅާ ހިނިތުންވުމަކާއެކު ނައިލާ ބުނެލިއެވެ.

ލޫކަންއަށް ނައިލާގެ އަޑު އިވި ބޭއިޚްތިޔާރުގައި ހީނލެވުމާއެކު އައިރާ ގެނެސް މޭގައި ޖައްސާލެވުނެވެ. އައިރާއަށް ވެސް ލިބިފައި ހުރި އުފާވެރިކަމެއްގެ ސަބަބުން އެފަދަ ގާތްކަމަކަށް ބޭނުންވެފައި ހުރި ފަދައެވެ. ލޫކަންގެ މޭގައި ބޯޖައްސާލެވުމާއެކު އަދިވެސް އެއްފަހަރު ސްކޭން ފޮޓޯގައިވި އައިރާގެ ދަރިފުޅަށް ބަލާލެވުނެވެ.

"އަހަރެން ގާތުގައި އެދެނު ކަންތައް މި ފުރިހަމަކޮށްދިނީ... އުފާވެއްޖެކަން އެނގޭ. ދެން ނުރޮއެ..." އެއްއަތުން އައިރާގެ ގައިގާ ހިފާ ގާތްކޮށްލައިގެން ހުރެ އަނެއް އަތުން އޭނާގެ ކޯތާފަތް ލޫކަން ފުހެލިއެވެ. ދެ މީހުންނަށް ތިބެވުނީ ކިހާ ގާތްކޮށްކަން އައިރާއަށް އެނގުނީ ދެނެވެ. ގެނައި ކުއްލި ހަރަކާތަކާއެކު ފަހަތަށް ފިޔަވަޅެއް އަޅާލާ އަމިއްލައަށް ދެއަތުން މޫނު ފުހެލިއެވެ. އަދި ލަދުވެތި ބެލުމަކުން ލޫކަންއަށް ބަލާލުމާއެކު ނިކަން ސިއްރުން "ސޮރީ" އޭ ބުނެލިއެވެ. އެހިނދު ލޫކަންގެ ތުންފަތަށް ވެރިވިތަން ފެނުނީ ލާނެތް ހިނިތުންވުމެކެވެ.

"މެންދުރު ކާގަޑި ފަހަނައަޅައި ހިނގައްޖެ... އެހެންވިޔަސް މިއަދު ޖެހޭނީ ހަމަ ކައިގެން ދާން. އަހަރުމެން ނައިސްގެން ޔާނާ ވެސް ދެތިން މެސެޖު މިހާރު ކޮށްފި" ޒޭން ހުރެފައި ބުންޏެވެ.

"އަހަރެން މިކަން ކޮށްދިނީމަ ސައެއް ނޫނީ ކޮފީއެއް ވެސް ނެއްތަ؟" ޒޭނާއާ ދިމާއަށް ނައިލާ ބުންޏެވެ.

"އަހަރެން ދޭނަމޭ ނައިއަށް ކާން. ބޭނުންތަނަކުން ބޭނުން އެއްޗެއް" ޒޭންގެ ކުރީން ލޫކަން ބުނެލިއެވެ. އެއާއެކު ޒޭންއާއި ނައިލާ އެކަކު އަނެކަކަށް ނިތްއަރުވާލާފައި ހޭންފެށިއެވެ.

"މާދަމާ ތިކަމުގެ ހިސާބު ނިންމާނީ. ދެން އަވަހަށް އެކުއްޖާއަށް ފާޚާނާ ދައްކަން ދޭ. މަގޭ ވެސް ޑިއުޓީ ނިމިފަ މި ހުރީ. ދާން މި ދަނީ" ނައިލާ ބުންޏެވެ. އައިރާ ފާޚާނާއަށް ދާން ބޭނުންވެފައި ހުރިކަން ހަނދާންވީ ނައިލާ އެހެން ބުނީމައެވެ. އެއާއެކު ބަނޑުގައި ހިފަހައްޓާލެވުނެވެ.

ފާޚާނާއަށް ވަދެފައި ނިކުން އައިރާ ގޮވައިގެން ޒޭންއާއި ލޫކަން ހޮސްޕިޓަކުން ނުކުތެވެ. ސީނިއާ ސްޓާފުންގެ ކާރު ޕާކުކޮށްފައި އޮތް ތަނުން ޒޭން އޭނާގެ ރަތްކުލައިގެ ކާރު ނެރެގެން އައިސް ލޫކަންމެން ކައިރީ މަޑުކޮށްލިއެވެ. ފަހަތު ސީޓަށް އައިރާ އެރުމުން ދޮރުފަތް ލައްޕާލާފައި ލޫކަން އައިސް އެރީ ކުރީގައި ޒޭންއާ ޖެހިގެން ހުރި ސީޓަށެވެ. އެއާއެކު ހޮސްޕިޓަލު ތެރެއިން ކާރު ނުކުތުމަށް ޒޭން ދުއްވާލިއެވެ.

ކާރުގެ ކުރީގައި ހުރި ލޯގަނޑުކޮޅުން ދޭތެރެއަކުން ފަހަތުގައި އިން އައިރާއަށް ލޫކަން ބަލާލައެވެ. ހަމައެގޮތަށް އައިރާއަށް ވެސް ލޫކަންއަށް ބަލާލެވެނީ އެއްވެސް އިޚްތިޔާރަކާ ނުލައެވެ. ދާން މިއުޅެނީ ޒޭންގެ ގެއަށްކަން އައިރާއަށް އެނގެއެވެ. އެނބުރި ގެއަށްދާން އައިރާ ބޭނުމެވެ. ނަމަވެސް ލޫކަންގެ ގާތުގައި އެހެން ބުނާކަށް ނުކެރުނެވެ. ހަމައެއާއެކު އައިރާގެ ހިތް އެދެމުން ދިޔައީ ލޫކަންއާއެކު އޭނާ ހޭދަކުރާ މިނިވަން ވަގުތުކޮޅު ދިގު ދެމިގެން ދިއުމަށެވެ. އެ ޚިޔާލާއެކު ސިކުނޑީގެ ކަނަކުން ބިރުވެރިކަމުގެ ހަނާ ވެސް އަޅާލައެވެ. ފާޅުގައި އައިރާއަށް ލިބިފައިވާ މިނިވަންކަމުގެ އުފާ ހާސިލުކުރާން ވަރަށް ބޮޑަށް ވެސް ޖެހިލުންވެއެވެ.

"މި ގަޑީގައި ފަހަރެއްގައި މިންޙާ ނިދާފައި ވެސް އޮވެދާނެ... ހޭލާ އުޅެންޏާ ފޯރިފަށެއް ހުންނާނެ. ނިކަން ފަސޭހައިން ރައްޓެހިވާނެ މީހުނާ. ވާހަކަދައްކަން ފަށައިފިއްޔާ އަނެއްކާ މީހާ ވާހަކަދައްކާކަށް ފުރުޞަތެއް ނުލިބޭނެ. ބައްޕައާ ދެ މީހުން ވާހަކަދައްކާއިރު އަދި ނިކަން މަޖާވާނެ. އިނގިރޭސިން ވާހަކަދައްކާ ހިތްވާނެ ވަރަށް. ލޫކް އޭނާއާ ވާހަކަދައްކައިފިއްޔާ އުފަލުން ނޭނގެ އުޅޭނެ ގޮތެއް ވެސް" ގެއާ ކައިރިވަމުން ދިޔައިރު ވަރަށް ހިނިއައިސްފައި އިނދެ ޒޭން އޭނާގެ ހަތަރު އަހަރުގެ އަންހެން ދަރިފުޅުގެ ވާހަކަ ބުންޏެވެ. އެވާހަކައާއެކު އައިރާގެ ތުންފަތުގައި ލުއި ހިނިތުންވުމެއް ދުވެލިއެވެ. މަޑުމަޑުން އަމިއްލަ ބަނޑުގައި ފިރުމާލީ އެފަދަ ދުވަހެއް އޭނާ ވެސް ދުށުމަށް އެދޭ ފަދައިންނެވެ.

ކާރު މަޑުކޮށްލީ ތިންބުރިއަށް ނަގާފައި ހުރި ގެއެއްގެ ކުރިމައްޗަށެވެ. އަތުން ފަރުމާކޮށްފައިވާ ލަކުޑި ބޮޑު ދޮރު އައިރާގެ ލޮލުގައި އަޅައިގަތެވެ. ކާރުން ފައިބާ ލޫކަންއާއި އައިރާ ދޮރޯށި ކައިރީ މަޑުކޮށްލިއެވެ. ޒޭން ގަރާޖު ހުޅުވުމާއެކު ކާރު އެތެރެއަށް ވެއްދިއެވެ. އަދި ގަރާޖު ތެރެއިން ލާފައި ގޭތެރެއަށް ވަދެގެން އައިސް ބޭރު ދޮރޯށި ހުޅުވިއެވެ. އެއާއެކު އައިރާ ކުރިއަށް ހުރެ ލޫކަންއާ ދެ މީހުން ގޭތެރެއަށް ވަނެވެ. ޒޭންގެ ފަހަތުން އައިސް އައިރާއާއި ލޫކަން އެ ގޭގެ "ބޯލްރޫމެއް" ފަދަ ތަނަވަސް ބޮޑުކޮޓަރިއަށް ވަނެވެ. ތަފާތު ރީތި ކަމެއް ލިބިފައިވާ ގެއެއްކަން ފުރަތަމަ ފިޔަވަޅުން ވެސް އައިރާއަށް ފާހަގަ ކުރެވުނެވެ. ބޮޑުކޮޓަރީގެ މެދުގައިވާ ސޯފާތަކާ ދިމާލުގައި އެލުވާފައި ހުރި ރަންކުލައިގެ ޗާންދަލީއާއާއި ފައިދަށުގައިވި ސަންގުމަރުމަރު ތަޅުމުން އައިރާ އާޝޯޚުވިއެވެ. އެ އޮފުދާރު ތަޅުމުގައިވާ ރަތްކުލައާއި ރަންކުލައިގެ ފުޅާ ބޯޑަރުން ގޭގެ ޝާހީކަން އިތުރުކޮށްދެއެވެ. އެއްފަރާތުގައި ހުރި ފުޅާ ހަރުފަތްލީ ސިޑީގެ އަތްގަނޑުގައި އަތްކަންކޮށްފައި ހުރިލެއް ކުޅަދާނަކަމުން އިހު އާސާރީގޮތް ދައްކުވައިދެއެވެ. މަތީގައި ހުންނަ މީހުން ފެންނަ ފަދަ ގޮތަކަށް ހަދާފައިވާ ބޮޑު ކޮޓަރިއެކެވެ. ވިންދު އަވަސްވެ އައިރާއަށް ހިންދިރުވާ ލެވުނެވެ. ލޫކަންއަކީ ވެސް ރާއްޖޭގެ މަޝްހޫރު މުއްސަނދިންގެ ތެރޭގައި ހިމެނޭ އެކަކުގެ ދަރިއެކެވެ. ނަމަވެސް އޭނާގެ ގެއަށް ފުރަތަމަ ވަން ދުވަހު ވެސް މިފަދަ ޖެހިލުންވާ ފަދަ އިހުސާސެއް އައިރާއަށް ނުކުރެވެއެވެ. ލޫކަންއާ ގާތަށް ޖެހިލެވުނީ އެހެންވެއެވެ. ނޭނގުމެއްގެ ތެރޭގައި ވެސް އައިރާގެ ފުށުން ކުޑަކުޑަ ކޫރުމެއްހާ ހިސާބު ވެސް އެގޭގައި އެޅިދާނޭތީވެ ކަންބޮޑުވެފައެވެ.

"ޔާން... ޔާނާ..." ޒޭން ބޫޓު ބޭލުމާއެކު އެތެރެއަށް ވަދެ އޭނާގެ އަންހެނުންނަށް ގޮވާލިއެވެ. އެވަގުތު ބަދިގެ ފަރާތުން ނުކުތީ ހުސްނާއެވެ.

"ދަރިފުޅު އައީތަ؟ ހާދަ އިރެއްވެއްޖެޔޭ ޔާނާ ކާން ހަދައިގެން ހުންނަތާ. މިންނު ނިންދަވަން ކޮޓަރިއަށް ވަދެވީ. ޔާނާއަށް ދައްތަ ގޮވާލަދެންތަ؟" ޓިޝޫއަކުން ދެއަތް ފުހެމުން އައި ހުސްނާ ބުންޏެވެ.

"އަޅުގަނޑު ގޮވާލަފާނަން. ދައްތާ! މީ އަޅުގަނޑުގެ ވަރަށް ގާތް ބައެއް. ލޫކްއާއި އައިރާ. އެމީހުން މިގެއަށް ގެންނަން ވެގެން އެހާވަރުން ކެއުން ތައްޔާރުކުރީ. ބައްޕަ ކޮބާ؟" ސިޑީގެ ހަރުފަތްތައް ކައިރިއަށް އައިސް ޒޭން މަޑުކޮށްލައިގެން ހުރެ ކަރުގައި އޮތް ޓައީގެ ގޮށަށް ދޫކުރަމުން ވާހަކަދެއްކިއެވެ.

"މެންދުރުފަހު ނިދާލަން މިގަޑީގައި ކޮޓަރިއަށް ވަންނާނެއެއްނު. އެކަމަކު އަދި ހިޔެއްނުވޭ ނިދާނެހެން. ދާދި ދެންމެއަކު އެ ވަނީ" ހުސްނާ މިހެން ބުނުމުން ޒޭން ބޯޖަހާލާފައި އެނބުރުނީ ލޫކަންއާ ދިމާއަށެވެ. އަދި ސޯފާތައް ދައްކާލާފައި އޭނާ ޔާނާ ގޮވައިގެން އަންނަން ދެން މަޑުކޮށްލުމަށް ބުންޏެވެ. އެއާއެކު ލޫކަންގެ ހަރަކާތްތައް ހުރި ގޮތް ބަލަމުން އައިރާ ވެސް އޭނާ އިށީން ސޯފާގައި އިށީނދެއްޖެއެވެ. އަދި ކުޑަވެގެފައި އިން އުނގަށް ދެއަތްލައިގެން އިނެވެ.

"އަދިވެސް ކަންބޮޑުވެފައިތަ ތި އިނީ... ހާސްނުވެބަލަ... އަހަންނާއެކު އައިރާ އުޅެގެން އެއްޗެއް ބުނާން ކެރޭވަރު މީހަކު ނުހުންނާނެ" އައިރާ އިން ގޮތް ފެނި ލޫކަން މަޑުމަޑުން ބުނެލިއެވެ. (ނުނިމޭ)