ބޭރު ކުޅިވަރު

ޓެރީ އެސްޓަން ވިލާ އަށް ސޮއިކޮށްފި

Jul 4, 2017

ޗެލްސީގެ ކުރީގެ ކެޕްޓަން ޖޯން ޓެރީ އެސްޓަން ވިލާއަށް ސޮއިކޮށްފި އެވެ.

ޓެރީ، 36، ވަނީ މިހާރު ޗެމްޕިއަންޝިޕް (ދެވަނަ ޑިވިޝަން)ގައި ވާދަކުރަމުންދާ ވިލާއާއެކު އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

ވިލާ އަށް ސޮއިކުރުމަށް ފަހު ޓެރީ ބުނީ އިނގިރޭސި ޕްރިމިއާ ލީގުގެ ބައެއް ކްލަބުތަކުން ބޮޑެތި އަގުތައް ހުށަހެޅި ނަމަވެސް، ޕްރިމިއާ ލީގުގެ ކްލަބަކަށް ބަދަލުނުވީ ޗެލްސީއާ ދެކޮޅަށް ކުޅެން ބޭނުންނުވާތީ ކަމަށެވެ.

ޓެރީ ޗެލްސީއާއެކު ހަދާފައިވާ ކޮންޓުރެކްޓް ހަމަވެފައި އޮތުމުން، އޭނާ ވިލާ އަށް ބަދަލުވީ ފްރީ ޓްރާންސްފާއެއްގަ އެވެ.

ޗެލްސީގައި 22 އަހަރު ހޭދަކުރުމަށް ފަހު، އެ ކްލަބު ދޫކޮށްލަން ޓެރީ ނިންމީ އެންޓޯނިއޯ ކޮންޓޭގެ ކޯޗުކަމުގެ ދަށުން އޭނާ އަށް ލިބެމުންދާ ފުރުސަތުތައް މަދުވުމުންނެވެ.


ޗެލްސީ އަށް 1998 ވަނަ އަހަރުން ފެށިގެން މިދިޔަ ސީޒަންގެ ނިޔަލަށް ކުޅުނު ޓެރީ އަކީ އެ ކްލަބުގެ ލެޖެންޑެކެވެ. ޓެރީ އަކީ ޗެލްސީގެ ތާރީހުގައި އެންމެ ކާމިޔާބު ކެޕްޓަނެވެ. ޓެރީ ވަނީ ޗެލްސީއާއެކު ޕްރިމިއާ ލީގު ފަސް ފަހަރު، އެފްއޭ ކަޕް ހަތަރު ފަހަރު އަދި ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގު ކާމިޔާބުކޮށްފަ އެވެ.