ހަބަރު

މެންބަރު ރަޝީދުގެ ޝަކުވާތަކެއް ފުލުހަށް ހުށަހަޅައިފި

އިސްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ފުލުހަށް ޝަކުވާތަކެއް ހުށަހަޅައިފި އެވެ. ރަޝީދު ފުލުހަށް ހުށަހެޅީ ކޮން ޝަކުވާތަކެއް ކަމެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

ނަމަވެސް ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ހުށަހެޅި އިރު ރަޝީދުގެ ސޮއި ވެސް އޭގައި ހިމެނެ އެވެ. އަދި އޭނާ ސޮއި ކުރާ ފޮޓޮއެއް ވެސް ވަނީ އާންމުވެފަ އެވެ. ނަމަވެސް ރަޝީދު ވަނީ އެކަން ދޮގު ކުރައްވާ އޭނާގެ ސޮއި އޮޅުވާލާފައިވާ ކަަމަށް ވިދާޅުވެފަ އެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުންގެ ތަރުޖަމާނު ސުޕްރިންޓެންޑެންޓް އަހްމަދު ޝިފާން ވިދާޅުވީ ރަޝީދު ހުށަހަޅާފައި ވަނީ ޕާސަނަލް ޝަކުވާތަކެއް ކަމަށާއި އެ މައްސަލަ މިއަދު އާންމު ކުރައްވާނެ ކަމަށެވެ. ނަމަވެސް އެއީ ސޮއި ފޯޖު ކުރުމާ ގުޅޭ މައްސަލައެއް ނޫން ކަމަށް ވެސް ޝިފާން ވިދާޅުވި އެވެ.

ސޮއި އޮޅުވާލާފައިވާ ކަމަށް ރަޝީދު ވިދާޅުވި ނަމަވެސް އިދިކޮޅު ކޯލިޝަންގައި ހިމެނޭ ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން ރޭ ވިދާޅުވެފައި ވަނީ މަސީހުގެ އިތުބާރު ނެތް މައްސަލާގައި ރަޝީދު ސޮއި ކުރެއްވީ ގަދަބާރުންނެއް ނޫން ކަމަށާއި އޭނާ އަމިއްލައަށް ބޭނުން ވެގެން ކަމަށެވެ. ސޮއި އޮޅުވާލި ކަމަށް ވިދާޅުވެ އެ މައްސަލަ ބަލައިދިނުމަށް މެންބަރު އަހުމަދު ރަޝީދު މިހާރު ވަނީ މަޖިލީހުގައި އެދިފަ އެވެ.