ވިޔަފާރި

މައިކްރޯސޮފްޓުން ދިރާގާ ގުޅިގެން އޮފީސް 365 ރާއްޖެއަށް!

މަސައްކަތުގެ މާހައުލަށް އިތުރު އަވަސް ކަމެއް ގެނެސްދޭ "މައިކްރޯސޮފްޓް އޮފީސް 365" ދިރާގާ ގުޅިގެން ރާއްޖެއަށް މިއަދު ތައާރަފުކޮށްފި އެވެ.

ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޕްރޮޑަކްޓް ރާއްޖެއަށް ތައާރަފުކޮށްދެއްވީ، ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު އެވެ.

މި ރަސްމިއްޔާތުގައި އިސްމާއިލް ވިދާޅުވީ ދިރާގުން އަބަދުވެސް މަސައްކަތް ކުރަނީ ރައްޔިތުންނަށް ފަސޭހަތައް ގެނެސް ދިނުމަށް ކަމަށާ، މިގޮތުން މައިކްރޯސޮފްޓާ ގުޅިގެން ގެނެސްދޭ "އޮފީސް 365" އަކީ އެފަދަ ހިދުމަތެއް ކަމަށެވެ.

"މައިކްރޯސޮފްޓް އޮފީސް 365 އަކީ މަސައްކަތް ކުރުމުގައި އިތުރު ފަސޭހައެއް ގެނެސްދޭ އެއްޗެއް. މީގެ ކުރިން އަޅުގަނޑަށް މި ބޭނުން ކުރުމުގެ ނަސީބު ލިބުނު. އެކިތަންތަނަށް ދަތުރުކުރާއިރު ވެސް މި [އޮފީސް 365] ބޭނުންކޮށްގެން މަސައްކަތްތައް ކޮށް ހެދޭނެ،" އިސްމާއިލް ވިދާޅުވި އެވެ.

ދުނިޔޭގެ އެންމެ ބޮޑު ސޮފްޓްވެއާ ކުންފުނި މައިކްރޯސޮފްޓުން ވަނީ "އޮފީސް ކްލައުޑް ސޮލިއުޝަން ޕާޓްނަރެއް" ގެ ގޮތުގައި ދިރާގު ހަމަޖައްސައިގެންނެވެ.

މައިކްރޯސޮފްޓުން ދެކުނު އިރުމަތީ އޭޝިޔާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ޗީފް މާކެޓިން އޮފިސަރު ރީނާ ޗައި ވިދާޅުވީ މި ހިދުމަތަކީ މިއަދުގެ ވިޔަފާރީގެ މާހައުލަށް އެންމެ މުހިންމު އެއް ހިދުމަތް ކަމަށެވެ.

"މިއަދުގެ މަސައްކަތުގެ މާހައުލުގައި ބޭނުންވަނީ ޑިޖިޓަލީ މަސައްކަތް ކުރެވޭނެ މާހައުލެއް. މައިކްރޯސޮފްޓުން 1494 ވިޔަފާރީގެ ވެރިންނާއި 250 މުވައްޒަފުން މެދުވެރިކޮށް ކުރި ދިރާސާއަކުން ވެސް ދައްކަނީ ހަމަ އެގޮތަށް. ދިރާސާގައި ބައިވެރި މީހުންގެ 80 ޕަސެންޓް ބޭނުންވަނީ ޑިޖިޓަލް މަސައްކަތުގެ މާހައުލެއް،" ރީނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ހިދުމަތަކީ ރާއްޖެ ފަދަ ދުރަށް ބެހިގެން ގޮސްފައިވާ ޖަޒީރާ ރަށްތަކެއް އެކުލެވޭ ގައުމަކަށް މުހިންމު ހިދުމަތެއް ކަމަށެވެ.

"އެއް ނެޓްވޯކެއް މެދުވެރިކޮށް މަސައްކަތުގެ މާހައުލުގައި ކުރަން ޖެހޭ ހުރިހާކަމެއް ކޮށްލެވުމަކީ ލިބޭނެ ބޮޑު ފަސޭހައެއް،" ރީނާ ވިދާޅުވި އެވެ.

"މައިކްރޯސޮފްޓް އޮފީސް 365" ފަރުކޮށްފައިވަނީ އެ ފަހަރާ އެތަށް ބަޔަކަށް މަސައްކަތް ކޮށްލެވޭ ގޮތަށެވެ. މި ސޮފްޓްވެއާ މެދުވެރިކޮށް މަސައްކަތް ކުރާއިރު ވީޑިއޯ ކޯލާއި ވޮއިސް ކޯލް އަދި ސޯޝަލް މީޑިޔާ ބޭނުންކޮށްލަން ފަސޭހަ އެވެ. މި ހިދުމަތް ދަނީ ދުނިޔޭގެ ބޮޑެތި ކުންފުނިތަކާއި ބޭންކްތަކުގައި ބޭނުން ކުރަމުންނެވެ. މި ހިދުމަތް ބޭނުންކުރާ ތަންތަނުގެ ތެރޭގައި ސިންގަޕޫރުގެ އެންމެ ބޮޑު ބޭންކް ކަމަށްވާ ޑީބީއެސް" ހިމެނެ އެވެ. މީގެ އިތުރުން ކެމްބޯޑިޔާގައި ކުދިން ވަގަށް ނެގުމާއި ކުދިންގެ ފަގުފާރި ހުއްޓުވުމަށް ހާއްސަކޮށް ޗައިލްޑް ޕްރޮޑަކްޝަންގައި ބޭނުންކުރެ އެވެ.