ހަބަރު

ރައީސް ޔާމީން މެންބަރުންނަށް ރިޝްވަތެއް ނުދެއްވާނެ: ތަރުޖަމާނު

ރައީސް އަބްދުﷲ ޔާމީނަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދެއްވައިގެން އެއްވެސް ކަމެއް ކުރައްވާނެ ބޭފުޅެއް ނޫން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

މުއާޒު ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ، ރައީސް ޔާމީން ވެވަޑައިގެންނެވި ވައުދުތަކާއި އެމަނިކުފާނުގެ މެނިފެސްޓޯގައިވާ ކަންކަން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މަޖިލީހުގެ މެންބަރުންގެ ފަރާތްޕުޅުން ބޭނުންވާ އެހީތެރިކަން ހޯދަން އާދޭސް ދަންނަވާފައިވާ ކަމަށެވެ.

"ރައްޔިތުންގެ ކަންކަން ފުރިހަމަ ކޮށްދެއްވުމުގައި އެހީތެރިކަން ދެއްވުމަށް މެންބަރުންގެ އަރިހުން އާދޭސް ދަންނަވަން ޖެހިވަޑައިގެންނެވި ނަމަވެސް މި ރައީސަކީ މެންބަރުންނަށް ރިޝްވަތު ދެއްވައިގެން އެއްވެސް ކަމެއް ކުރައްވާނެ ރައީސްއެއް ނޫން ކަމުގެ ޔަގީންކަން ލޮބުވެތި ރައްޔިތުންނަށް އަރުވަން،" މުއާޒު ވިދާޅުވި އެވެ.

މުއާޒު މިގޮތަށް ޓްވީޓް ކުރައްވާފައިމިވަނީ، ޕީޕީއެމްގެ 10 މެންބަރުން މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ސޮއިކޮށްފައި ވަނިކޮށެވެ.

އިދިކޮޅު ބައެއް ފަރާތްތަކުން ގެންދަނީ މެންބަރުންނަށް ރިޝްވަތުދީ މެންބަރުން ތިއްބެވި ކޮޅު ބަދަލު ކުރުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް ތުހުމަތު ކުރަމުންނެވެ. މީގެ ކުރިން ނެގި މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައާ ގުޅިގެން ރިޝްވަތު ދެއްވި ކަމުގެ ތުހުމަތު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށްކޮށް ވަނީ ދައުވާކޮށްފަ އެވެ. އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ވެސް އެ ތުހުމަތު ވަނީ ކޮށްފަ އެވެ.