ރިޝްވަތު ދީގެން ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ބަދަލު ކުރަން އުޅެނީ އިދިކޮޅު ފަރާތްތަކަށް ގޮތް ހުސްވެގެން ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މުއިއްޒު މިހެން ވިދާޅުވީ މަސީހުގެ އިތުބާރު ނެތް މައްސަލައާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ސަރުކާރުގެ މެންބަރުންނަށް ރިޝްވަތު ދިން ކަމަށް ފުލުހުން ތުހުމަތުކޮށް މައްސަލަ ތަހުގީގު ކުރަން ފަށާފައިވާތީ އެވެ. މިނިސްޓަރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިޝްވަތު ދީގެން މަޖިލީހުގެ ރައީސް ބަދަލު ކުރަން އުޅުމަކީ ގޮތް ހުސްވެފައިވާ ކަން ދައްކާދޭ ނާތަހުޒީބު އަދި ފިނޑި އަމަލެއް ކަމަށެވެ.
ފުލުހުން މިއަދު ބުނި ގޮތުގައި ރިޝްވަތު ދިން މައްސަލާގައި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންއާ ދެކޮޅަށް ހެކި ލިބިފައިވާ ކަމަށެވެ. އަދި މަސީހުގެ އިތުބާރު ނެތް މައްސަލާގައި ރިޝްވަތު ދެމުން އަންނަ ކަމުގެ މައްސަލައެއް ރޭ ވެސް ފުލުހަށް ހުށަހެޅިފައިވާ ކަމަށެވެ.
ރިޝްވަތު ދިން މައްސަލަ ފެންމަތިވެފައިވާ އިރު އިދިކޮޅު ފަރާތްތަކުން ވަނީ ޕީޕީއެމްގެ ނުވަ މެންބަރުންނާއެކު 45 މެންބަރުންގެ ސޮއި ހަމަކޮށްގެން މަސީހުގެ އިތުބާރު ނެތް މައްސަލަ ހުށަހަޅާފަ އެވެ. ނަމަވެސް އެ މައްސަލަ ހުށަހެޅުމާ އެކު މަޖިލީހުގެ ޖަލްސާތައް ވެސް މެދު ކަނޑާލުމަށް ވަނީ ނިންމައިފަ އެވެ.