ރިޕޯޓް

މާލީ މުއާމަލާތުގައި ޞުކޫކް އެނގޭތަ؟

އިސްލާމިކް ފައިނޭންސުގެ ރާއްޖެ މިދަނީ ހަލުވި ފިޔަވަޅު ތަކެއް އަޅަމުންނެވެ. މި ފިޔަވަޅުތަކާއެކު އިސްލާމީ މާލީ މުއާމަލާތްތަކުގެ ޕްރޮޑަކްޓްތައް ތައާރަފު ވަމުންދެ އެވެ. މިގޮތުން އެންމެ އާއްމު ނަމަކީ "ޞުކޫކް" އެވެ. ނަމަވެސް ގިނަ މީހުންނަށް ޞުކޫކްއަކީ ކޮން އެއްޗެކަމާއި މި މަސައްކަތް ކުރާ ގޮތެއް ނޭނގެ އެވެ. އެއީ ކޮން އެއްޗެއް ހެއްޔެވެ؟

"ޞުކޫކް އަކީ އަރަބި ބަހުން ސެޓިފިކެޓަށް ކިޔާ ނަމެއް. މި ޒަމާނުގައި ޞުކޫކް ބޭނުން ކުރެވެނީ އިސްލާމިކް ފައިނޭންޝަލް އިންސްޓްރޫމަންޓެއް ނުވަތަ މާލީ ކަރުދާހެއްގެ ގޮތުގައި. ޞުކޫކް ސެޓިފިކެޓް ދޫކުރާ ފަރާތަށް ކިޔަނީ ޞުކޫކް އިޝުއާ ނުވަތަ ޞުކޫކް ދޫކުރާ ފަރާތް. އަދި ޞުކޫކް ސެޓިފިކެޓް ގަންނަ ފަރާތްތަކަށް ނުވަތަ ޞުކޫކް އަށް އިންވެސްޓުކުރާ ފަރާތްތަކަށް ކިޔަނީ ޞުކޫކް ހޯލްޑަރުން ނުވަތަ ޞުކޫކް ގެ ވެރިފަރާތް،" މޯލްޑިވްސް ސެންޓަ ފޯ އިސްލާމިކް ފައިނޭންސް (އެމްސީއައިއެފް) ގެ ޗެއާޕާސަން ޑރ. އައިޝަތު މުނީޒާ ވިދާޅުވި އެވެ.

ޞުކޫކްގެ ވާހަކަ ދެކެވޭއިރު، ހިތުގައި ގިނަ ސުވާލުތަކެއް އުފެދެ އެވެ. ޞުކޫކް ގަންނާނީ ކިހިނެއް ހެއްޔެވެ؟

ރާއްޖޭގައި އިސްލާމިކް ފައިނޭންސް ކުރިއަރުވަމުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ މުނީޒާ ވިދާޅުވީ ޞުކޫކް ސެޓިފިކެޓެއް ގަތުމުން ޞުކޫކްގައި އިންވެސްޓް ކުރެވުނީ އެވެ. ސަބަބަކީ ކޮންމެ ޞުކޫކް ސެޓިފިކެޓަކުން ވެސް އެ ގަންނަ ފަރާތަށް ފައިދާ ލިބޭތީ އެވެ. ޞުކޫކް މުދަލުގައި ބައިވެރިވެގެން ފައިދާގައި ހިއްސާވާ ފަރާތަކަށް ޞުކޫކް ސެޓިފިކެޓް ގަންނަ ފަރާތްވާތީ އެވެ.

ކޮންމެ ޞުކޫކް ސެޓިފިކެޓެއް ވެސް ރަމްޒުކޮށްދޭނީ ޞުކޫކް ހޯލްޑަރުން ގަންނަ ސެޓިފިކެޓަކުން، ޞުކޫކް ދޫކުރާ ފަރާތުން ކުރަން ކަނޑައަޅާފައިވާ ވިޔަފާރީ ނުވަތަ ގަންނަން ކަނޑައަޅާފައިވާ މުދާ ނުވަތަ ކުއްޔަށް ދޭ މުދަލުގައި ޞުކޫކް ހޯލްޑަރުން ބައިވެރިވާކަމެވެ. ޞުކޫކް ހޯލްޑަރުންނަށް ޞުކޫކް ސެޓިފިކެޓެއް ގަނެގެން ލިބޭ ފައިދާ ލިބެން ޖެހޭނީ ހަގީގީ ވިޔަފާރީ އަކުން ނުވަތަ ހަގީގީ މުދަލެއްގައި ބައިވެރިވެގެންނެވެ. ފައިސާ އިން ފައިސާ ހެދުން ނުވަތަ ހަގީގީ ގަނެވިއްކުމުގެ އެއްވެސް މުއާމަލާތެއްގައި ބައިވެރިނުވެ ފައިސާއިން ލޯނު ދީގެން، ލޯނަށް ދިން މިންވަރު އަނބުރާ ރައްދުކުރާއިރު ވަކި މިންވަރެއް އިތުރަށް ދިނުމަށް ޝަރުތުކޮށް ކުރާ ކޮންވެންޝަނަލް ބޮންޑުގެ މުއާމަލާތަކީ އިސްލާމީ ޝަރީއަތުގައި ހަރާމް މުއާމަލާތެވެ

ދެން އޮތް ސުވާލަކީ ޞުކޫކް ގަތުމަކީ އިންވެސްޓްމަންޓަކަށް ވަނީ ކީއްވެގެން ހެއްޔެވެ؟

ޖަވާބަކީ ޞުކޫކް ގަތުމަކީ ޞުކޫކް މުދަލުން ލިބޭ ފައިދާގައި ބައިވެރިވުމަށް ހިއްސާއެއް ގަތުމެވެ. ޞުކޫކް ކޮންމެ ސެޓިފިކެޓަކުން ވެސް އެ ގަންނަ ފަރާތަކަށް ކަނޑައަޅާފައިވާ ގޮތުގެ މަތިން ޞުކޫކް ގެ ފައިދާ ލިބޭނެއެވެ. މިސާލަކަށް އެޗްޑީއެފްސީ "މުޟާރަބާ ޞުކޫކް" ސެޓިފިކެޓެއް ފަސް ސަތޭކަ ރުފިޔާ ދިނުމަށްފަހު ގަނެފި ނަމަ، އެ ސެޓިފިކެޓް ގަންނަ ފަރާތަށް ދިހަ އަހަރު ނިމެންދެން، އަހަރަކު ދެފަހަރު، ޞުކޫކް ފައިސާ ބޭނުންކޮށްގެން އެޗްޑީއެފްސީ އަމްނާ އަށް ލިބޭ އާމްދަނީގެ 65 ޕަސެންޓް ޞުކޫކް ގަތްފަރާތްތަކުގެ މެދުގައި ބެހޭނެއެވެ. އެހެންކަމުން ޞުކޫކް ސެޓިފިކެޓް ގަތުމަކީ ކުރެވޭ އިންވެސްޓުމަންޓެކެވެ.

ޞުކޫކްއާ ކޮންވެންޝަނަލް ބޮންޑާއި ހުރި ގުޅުން

ޞުކޫކްއާ ކޮންވެންޝަނަލް ބޮންޑާއި ހުރި ގުޅުމަކީ ދެވައްތަރަކީ ވެސް މާލީ ކަރުދާހުގެ ގޮތުގައި ބޭނުންކުރެވޭ އެއްޗެކެވެ. ދެވައްތަރުގެ މާލީ ކަރުދާހަކީވެސް ދަރަނީގެ މައްޗަށް ބަރޯސާވެގެން ކުރެވޭ މުއާމަލާތެކެވެ. މި ދެވައްތަރުގެ މުޢާމަލާތުގައި ވެސް، ފައިސާ ހޯދޭނީ ވަކި ކަނޑައެޅޭ ވަރެއް، ވަކު ކަނޑައެޅޭ މުއްދަތަކަށެވެ. ހިއްސާފަދައިން މުޅި އުމުރަށް މިފަދަ މާލީ ކަރުދާހެއް ނުވިއްކާނެއެވެ. ޞުކޫކް އަކީ ޝަރީއާ ހުއްދަކުރާ ގޮތުގެ މަތިން ކުރެވޭ މުޢާމަލާތެކެވެ. ކޮންވެންޝަނަލް ބޮންޑުގެ މުޢާމަލާތް އިސްލާމީ ގިއުގަނޑަށް ފެއްޓުމަށްފަހު، އެ މުޢާމަލާތް ކުރެވޭ ގޮތަށް ޞުކޫކް ވިއްކުމޭ ކިޔަ އެވެ.

އެހެން ސުވާލެކެވެ: ޞުކޫކް އާ ކޮންވެންޝަނަލް ބޮންޑު އެއީ އެކައްޗެއް ނޫން ހެއްޔެވެ؟

"ޞުކޫކް އާ ކޮންވެންޝަނަލް ބޮންޑަކީ އެއް މަޤްސަދެއްގައި [ޔައުނީ ފައިސާ ހޯދުމަށް] ދޫކުރެވޭ މާލީ ކަރުދާހެއް. ނަމަވެސް ޞުކޫކްއާ ކޮންވެންޝަނަލް ބޮންޑާ ހުރި ތަފާތަކީ ޞުކޫކްއެއް މެދުވެރިކޮށް ފައިސާ ހޯދަނީ ޝަރީއާ ހުއްދަކުރާ ގޮތުގެ މަތިން. ނަމަވެސް ކޮންވެންޝަނަލް ބޮންޑު މެދުވެރިކޮށް ފައިސާ ހޯދެނީ ޝަރީއާގައި ޙަރާމް ރިބާ ހިމެނޭގޮތުގެ މަތިން،" ޑރ. މުނީޒާ ވިދާޅުވެފައިވެ އެވެ.

ޞުކޫކްއާއި ކޮންވެންޝަނަލް ބޮންޑާއި ހުރި ތަފާތު

ޞުކޫކްއާ ކޮންވެންޝަނަލް ބޮންޑާއި ހުރި މައިގަނޑު ތަފާތަކީ ކޮންވެންޝަނަލް ބޮންޑަކީ އަރަނިވެރިޔަކާއި ދަރަނިވެރިޔަކާއި މެދު އުފެދޭ ގުޅުމަކަށް އިންޓަރެސްޓުގެ ނަމުގައި ރިބާގެ ބާވަތެއް ނަގައިގެން ކުރެވޭ މުޢާމަލާތަކަށްވާއިރު، ޞުކޫކް އަކީ އިސްލާމީ އުޞޫލުތަކާއި ހަމަތަކުގެ މަތިން ގަނެވިއްކުމުގެ މުއާމަލާތަކަށް ބަރޯސާ ވެގެން ކުރެވޭ ޝަރީއާ ހުއްދަ މުއާމަލާތެކެވެ.

ރާއްޖޭގައި ކުރެވޭ ޞުކޫކް މުޢާމަލާތުގެ ބައެއް ބައިވެރިން

1- ޞުކޫކް ދޫކުރާ ފަރާތް:

ޞުކޫކް ދޫކުރާ ފަރާތަށް ޞުކޫކް އިޝޫކުރާ ފަރާތޭވެސް ކިޔެއެވެ. ޞުކޫކް ދޫކުރާ ފަރާތްވާންވާނީ ސަރުކާރަކަށް ނުވަތަ ޤާނޫނީ ވަކި ޝަޚްސަކަށެވެ. އާއްމުކޮށް ޞުކޫކް ވިއްކާނަމަ، އެ ޞުކޫކް ދޫކުރާ ފަރާތް ވާންވާނީ ޕަބްލިކް ލިސްޓަޑް ކުންފުންޏަކަށެވެ.

2- ޞުކޫކް ގަންނަފަރާތް:

ޞުކޫކް ގަންނަ ފަރާތްތަކަށް ޞުކޫކް ހޯލްޑަރުންނޭ ވެސް ކިޔެއެވެ. ޞުކޫކް ގަންނަ ފަރާތަކީ، ޞުކޫކް ދޫކުރާ ފަރާތުން ޞުކޫކް ދޫކުރުމަށް ހުޅުވާލުމުން ޞުކޫކް ސެޓިފިކެޓު ގަންނަ ކޮންމެ ފަރާތެކެވެ. މި ފަދައިން ޞުކޫކް ގަތުމަށް ކިޔަނީ އިންވެސްޓުކުރުމެވެ. ސަބަބަކީ ޞުކޫކް އަކީ ފައިދާ ލިބޭގޮތަށް ކުރެވޭ ވިޔަފާރީގެ މުޢާމަލާތެއްކަމުގައިވާތީއެވެ. މިގޮތުން، ވަކި ފަރުދަކަށް ނުވަތަ ކުންފުންޏަކަށް ވެސް ޞުކޫކް ގަނެވިދާނެ އެވެ.

3- ޝަރީއާ އެޑްވައިޒާ:

ޝަރީއާ އެޑްވައިޒަރަކީ ޞުކޫކް ގެ އޮނިގަނޑު އެކުލަވާލައި، ޝަރީއާ ގެ ކަންކަމުގައި ޞުކޫކް ދޫކުރާ ފަރާތަށް ލަފާދޭ ފަރާތެވެ.

ޞުކޫކް ފައިދާ:

ޞުކޫކް ފައިދާ އަކީ ރިބާ އެއް ނޫނެވެ. ޞުކޫކް ފައިސާ އަކީ ގަނެވިއްކުމުގެ މުޢާމަލާތެއް ކޮށްގެން ޞުކޫކް ދޫކުރާފަރާތުން، ޞުކޫކް ގަންނަފަރާތަށް ލިބޭނެ ކަމަށް ކަނޑައަޅާފައިވާ ޙަލާލު ފައިދާ އެވެ.

އިންފޯމޭޝަން މެމޮރެންޑަމް/ޞުކޫކް ބަޔާން:

ޞުކޫކްއާ ބެހޭ މައުލޫމާތާއި އަދި ޞުކޫކް ދޫކުރާފަރާތުގެ އިތުރުން، ޞުކޫކް މުޢާމަލާތުގައި ބައިވެރިވާ އެންމެހައި ފަރާތްތަކުގެ މައުލޫމާތު އެކުލެވޭ ޑޮކިޔުމެންޓެވެ. ޞުކޫކްއަށް އިންވެސްޓުކުރުމުގެ ކުރިން ކޮންމެ ފަރާތަކުން ވެސް ޞުކޫކް ބަޔާން ނުވަތަ އިންފޯމޭޝަން މެމޮރެންޑަމް ރަނގަޅަށް ކިޔައި، ދިރާސާ ކުރަންޖެހޭނެ އެވެ.

މިސާލު: އެޗްޑީއެފްސީ މުޟާރަބާ ޞުކޫކް އަކީ މާލީ ކަރުދާހެކެވެ. އެޗްޑީއެފްސީ މުޟާރަބާ ޞުކޫކް އިންވެސްޓުމެންޓް ސެޓިފިކެޓެއްގެ އަގަކީ ފަސް ސަތޭކަ ރުފިޔާއެވެ. މި ޞުކޫކް މެދުވެރިކޮށް މުޅިއަކު އެޗްޑީއެފްސީއިން ހޯދަން ބޭނުންވަނީ ފަންސާސް މިލިއަން ރުފިޔާއެވެ. އެޗްޑީއެފްސީ ޞުކޫކް އިން ލިބޭ ފައިސާ ބޭނުންކުރަން ހަމަޖޖެހިފައިވަނީ އެޗްޑީއެފްސީގެ އިސްލާމިކް ވިންގް، އެޗްޑީއެފްސީ އަމްނާ މެދުވެރިކޮށް ގެދޮރު އިމާރާތްކުރުމުގެ އެހީތެރިކަން ޝަރީއާ ހުއްދަކުރާ ޕްރޮޑަކްޓްސްތަކަކުން އާއްމުންނަށް ފޯރުކޮށްދޭށެވެ. މި ޞުކޫކްގެ އުމުރަކީ ދިހަ އަހަރު ދުވަހެވެ. ދިހަ އަހަރު ވަންދެން އަހަރަކު ދެ ފަހަރު ޞުކޫކް ފައިސާ އިންވެސްޓުކޮށްގެން ލިބޭ އާމްދަނީގެ 65 ޕަސެންޓް ޞުކޫކް ގަންނަ ފަރާތްތަކުގެ މެދުގައި ބަހާނެ އެވެ. އެޗްޑީއެފްސީ ޞުކޫކްއާ ބެހޭ ހުރިހާ މުހިއްމު މައުލޫމާތެއް ލިބޭނީ އެޗްޑީއެފްސީ މުޟާރަބާ ޞުކޫކް ބަޔާނުންނެވެ.

މުޟާރަބާއަކީ ކޮބާ؟

އެއް ފަރާތުން ފައިސާ ދިނުމުން އަނެއް ފަރާތުން އެ ފައިސާ ބޭނުންކޮށްގެން ޙަލާލު ވިޔަފާރީއެއްކޮށް، އެ ވިޔަފާރީއަކުން ލިބޭ ޙަލާލު ފައިދާ ދެފަރާތުގެ މެދުގައި ކުރިން ކަނޑައެޅޭ ފައިދާ ބަހާނެ ރޭޝިއޯ އަކާއި އެއްގޮތަށް ބަހާ ޕާޓްނަރޝިޕްގެ އެއްބަސްވުމެކެވެ. މި މުޢާމަލާތުގައި ސަތޭކަ ޕަސެންޓު މާލީ ގެއްލުމުގެ ޒިންމާ ނަގަން ޖެހޭނީ ފައިސާ އިންވެސްޓުކުރި ފަރާތުންނެވެ. އަދި ފައިސާ މެނޭޖްކުރި ފަރާތުން ގެއްލުމުގެ ގޮތުގައި ނަގާނީ މަސައްކަތުގައި ހޭދަކުރި ވަގުތެވެ. ފައިސާ މެނޭޖްކުރާ ފަރާތުގެ އިހުމާލުން ގެއްލުމެއް ވެއްޖެނަމަ، އެ ގެއްލުމެއްގެ ފުރިހަމަ ބަދަލު ފައިސާ މެނޭޖްކުރާ ފަރާތުން ދޭން ޖެހޭނެ އެވެ.

މިސާލު: އަލީ އަކީ ސަރުކާރުގެ އޮފީހެއްގައި މަސައްކަތްކުރާ މީހެކެވެ. އޮފީހުގެ މަސައްކަތަށްފަހު، ދެން އޮންނަނީ އާއިލާއާއެކު ހޭދަކުރާ ވަގުތެވެ. ނަމަވެސް ވިޔަފާރީއެއް ނުވަތަ ރަނގަޅު އިންވެސްޓުމަންޓެއްކޮށްގެން ޙަލާލު ފައިދާއެއް ހޯދުމުގެ ވިސްނުން އަބަދު ވެސް އަލީ ގެންގުޅެއެވެ. މިގޮތުން އެއްދުވަހަކު އަލީ ގެ ރަޙުމަތްތެރި އަހުމަދާ ދިމާވެގެން، އަހުމަދު ފަށަން އުޅޭ އިސްލާމިކް ރިސޯޓެއް ހުޅުވުމުގެ މަޝްރޫޢުގެ ވާހަކަ އަލީ އަށް ކިޔައިދިނެވެ. އަލީ ބޭނުންވީ އޭނާ ރައްކާކޮށްފައި ހުރި ފައިސާ އަހުމަދު ގެ އެ ވިޔަފާރީ އަށް އިންވެސްޓުކޮށް އެކަމުގައި ބައިވެރިވާށެވެ. ނަމަވެސް، އަލީ އަށް އެ ވިޔަފާރީ ހިންގުމުގައި ޢަމަލީ ގޮތުން ބައިވެރިވެވެން ނެތްކަމުގައި ބުންޏެވެ. އެހެންކަމުން، އަލީ އާއި އަހުމަދު ގަސްދުކުރީ މުޟާރަބާ މުއާމަލާތެއް ކުރާށެވެ. އަލީ އާއި އަހުމަދުގެ މުޟާރަބާގައި އަލީ އަކީ ރައުސުލްމާލު ނުވަތަ ފައިސާ ދޭފަރާތްކަމުން، އަލީ ދިނީ ދިހަ މިލިއަން ރުފިޔާ އެވެ. އަހުމަދަކީ ވިޔަފާރީ މެނޭޖްކުރާ ފަރާތެވެ. މި ވިޔަފާރީގައި ފައިދާއެއް ވެއްޖެ ނަމަ ލިބޭ ފައިދާގެ 70 ޕަސެންޓް އަކީ އަލީގެ އެއްޗެކެވެ. އަދި ފައިދާގެ 30 ޕަސެންޓް އަކީ އަހުމަދުގެ އެއްޗެކެވެ.