ފިނިޕޭޖް

Jul 5, 2017

ދެހާސް އެގާރަ ވަނަ އަހަރު ސްޓާ ޕްލަސްއިން ދައްކަން ފެށި ޑްރާމާ "އިސް ޕިޔާރް ކޯ ކިޔާ ނާމް ދޫން" އަކީ ޓީވީ ސިލްސިލާ އަށް މަރުދޭ މިހުންގެ ތެރޭގައި އެންމެ ވައިގަ ހިފި ޝޯ އެވެ.

އެ ޑްރާމާ ބެލުންތެރިންގެ މެދުގައި އެހާ ބޮޑަށް މަގުބޫލުވެގެން ދިއުމުގެ އެންމެ ބޮޑު އަސްލަކީ ޑްރާމާގެ ލީޑްރޯލުން ފެނިގެންދިޔަ ދެ ތަރިން ކަމަށްވާ ބަރުން ސޮބްތީ އާއި ސަނާޔާ އިރާނީގެ ލޯބި ޖޯޑުގެ ސަބަބުންނެވެ. ޑްރާމާގެ ނަމުންނަމަ އަރްނަވް ސިންހް ރައިޒާދާ އާއި ޚުޝީގެ ލޯބީގެ ކުޅިގަނޑުގެ ސަބަބުން ޝޯއަކީ އެއްވައިނައިގެ ޝޯއެކެވެ.

ބަރުން އާއި ސަނާޔާގެ ވަރުގަދަ ކެމިސްޓްރީގެ ޖާދޫގައި ޖެހި ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ލިބި އެއްވަނަ ޑްރާމާގެ ގޮތުގައި އޭރު އޮތްއިރު، މި ޑްރާމާގެ ދެ ސީޒަނެއް މިހާތަނަށް ވަނީ ގެނެސްދީފަ އެވެ.

ތިން ވަނަ ސީޒަނަކާ އެކު މި ޑްރާމާ އަލުން މިވަނީ ހޯމަ ދުވަހު ސްޓާ ޕްލަސްއިން އަލުން ދައްކަން ފަށާފަ އެވެ. ބަދަލަކާ އެކު "އިސް ޕިޔާރް ކޯ ކިޔާ ނާމް ދޫން 3" ފެންނާނެ ކަމަށް އުންމީދުކުރެވުނު ނަމަވެސް ތިން ވަނަ ސީޒަން ފެށުމާ ހަމައަށް ވެސް މި ޝޯގެ ފޭނުން އެންމެ ގަދަޔަށް ދައްކަމުން އައި ވާހަކަ އަކީ ސަނާޔާއާ ނުލައި މި ޝޯ އަށް ކިހާ ވަރެއްގެ ކާމިޔާބެއް ލިބިދާނެ ތޯ އެވެ.

ސަނާޔާގެ ބަދަލުގައި ތިން ވަނަ ސީޒަންގައި ބަރުން އާއެކު ފެނިގެންދަނީ ކަލާޒްއިން މިފަހުން ދެއްކި ޝޯ "ކަސަމް ތެރޭ ޕިޔާރް ކީ" އިން ފެނިގެންދިޔަ ޝިވާނީ ތޯމަރް އެވެ.

ޝިވާނީ އާއެކު މި ޝޯ އަށް ކިހާ ވަރެއްގެ ފުރިހަމަ ލިބިގެންދާނެ ކަމުގެ ސުވާލު އުފެދިފައި ވަނިކޮށް ސީޒަން ތިނެއް ޕްރިމިޔާކޮށްފައިވާއިރު ކުރިން ވެސް އެންމެ ގަދަޔަށް ވާހަކަ ދެކެވުނު ގޮތަށް ސީޒަން ތިނެއްގެ ފެށުން ވަރަށް ވަނދެވެ.

ފުރަތަމަ ޝޯގެ ރިވިއުތަކަށް ބަލާއިރު ފާޑުކިޔާ ފަރާތްތަކުން ބުނެފައިވަނީ މި ސިލްސިލާގެ ކުރީގެ ދެ ސީޒަންގައި ހިމެނުނު ބެލުންތެރިންގެ ހިތް އަތުލާނެ ފަދަ ޖާދުލެއް ތިން ވަނަ ސީޒަނުގެ ފުރަތަމަ އެޕިސޯޑުން ނުފެނުނުއިރު އުންމީދުކުރި ގޮތާ ހިލާފަށް ތިން ވަނަ ސީޒަނުގެ ފެށުމުން ލިބުނީ ވަރަށް ބޮޑު މާޔޫސްކަމެއް ކަމަށެވެ.

ނަމަވެސް ބެލުންތެރިންނަށް ބަރުން ފެނިގެންދާ ނެގެޓިވް ރޯލު ކަމު ގޮސްފައިވާއިރު، ތިން ވަނަ ސީޒަނަށް އޭނާގެ ބަދަލުކޮށްލާފައިވާ ލުކްސްގެ ސަބަބުން އެތަކެއް އަންހެން ފޭނުންނެއް ވަނީ އޭނާގެ ޖާދޫގައި މިހާރު ވެސް ޖެހިފަ އެވެ.

ބަރުން އަކީ ޓީވީ ސީރީޒް ކުޅޭ ފިރިހެން އެކްޓަރުންގެ ތެރެއިން އެންމެ ރީތި އެއް އެކްޓަރުއިރު އޭނާ ތިން ވަނަ ސީޒަންގެ ޕްރޮމޯތަކުގައި ތަންކޮޅެއް ދިގު ތުނބުޅިއަކާ އެކު ފެނިގެންދާ ލުކް މިވަނީ ޒުވާން ފިރިހެން ކުދިންގެ މެދުގައި ނިކަން މަޝްހޫރުވެފަ އެވެ.

ކޮންމެ އަކަސް ބެލުންތެރިިން މަގުބޫލު ޝޯ އެނބުރި އަޔަސް މި ޝޯ އަށް ވުރެން ބޮޑަށް ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައިވަނީ ބަރުން އާއި ސަނާޔާގެ ޖޯޑަށްކަން ސީޒަން ތިނެއްގެ ފުރަތަމަ އެޕިސޯޑަށް ލިބުނު ފިނި ތަރުހީބުން މިވަނީ އެނގިގެން ގޮސްފަ އެވެ.