ހަބަރު

މިނިވަން ދުވަސް ފާހަގަ ކުރާނީ ހައްގުތައް އަނބުރާ ހޯދައިގެން: ޝިފާޒް

އިދިކޮޅު ފަރާތްތަކުން މިހާރު ކުރާ މަސައްކަތަކީ ރައްޔިތުންނަށް ބޭނުންވާ ހައްގުތައް ހޯދައިދީ އިންސަފު ގާއިމް ކުރުމަށް ކުރާ މަސައްކަތެއް ކަމަށާއި އެގޮތުން މި އަހަރުގެ މިނިވަން ދުވަސް ފާހަގަ ކުރާނީ އެކަންކަން ހާސިލުކޮށްގެން ކަމަށް އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ޕާޓީގެ ހަރުގެ، މ. ކުނޫޒުގައި އިދިކޮޅު ފަރާތްތަކުން މިރޭ ބޭއްވި ޖަލްސާގައި ޝިފާޒް ވިދާޅުވީ ގާނޫނު އަސާސީގައި ރައްޔިތުންނަށް ލިބިދޭން ޖެހޭ ކަމަށް ބުނެފައިވާ ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަމާއި އަދި އެހެނިހެން އަސާސީ ހައްގުތައް މި ސަރުކާރުން ހިފަހައްޓާފައިވާ ކަމަށެވެ. އެހެންވެ އެކަން ހުއްޓުވުމަށް ހުރިހާ ޕާޓީތަކުގެ ލީޑަރުން ގުޅިގެން ސަރުކާރާ ދެކޮޅަށް ކުރަން ފެށި މަސައްކަތުގެ ނަތީޖާ މިހާރު ނިކުންނަން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން އިންސާފާއި މިނިވަންކަން ކަށަވަރު ކުރެވޭ ހިސާބަށް އާދެވިފައިވާ ކަމަށް ވިދާޅުވި އެވެ.

އެހެންކަމުން މި އަހަރުގެ މިނިވަން ދުވަސް ދިވެހިން ފާހަގަ ކުރާނީ އެ ހައްގުތައް އަނބުރާ ހޯދާގެން މިނިވަން ރައްޔިތުންގެ ގޮތުގައި ކަމަށާއި
ގެއްލިފައިވާ ހިޔާލު ފާޅު ކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަން އަނބުރާ ހޯދައިގެން ކަމަށް ޝިފާޒް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މި ގުޅިފައިވާ ޓީމު ބަލި ކުރެވޭނެ އެއްވެސް ގޮތެއް ރައީސް ޔާމީންއަކަށް ނޯންނާނެ. ރާއްޖޭގެ މުސްތަގުބަލު ބަނަވަމުންދާތަން ބަލަން އެ ލީޑަރުން ނުތިއްބަވާނެ. އިރާދަކުރެއްވީއާ ޖޫންޖުލައިގެ މި ކޮޅިގަނޑުން އަޅުގަނޑުމެން ހިފާ އަމާން ބަނދަރަކީ އަޅުގަނޑުމެންގެ މި ފެށޭ 52 ވަނަ މިނިވަން ދުވަސް. މި ފަހަރުގެ މިނިވަން ދުވަސް ފާހަގަ ކުރާނީ މިނިވަން ރައްޔިތުންގެ ގޮތުގައި އަޅުގަނޑުމެން ވާ ހާލުގައި. އެ ހިސާބަށް ދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން މިހާރު އެބައޮތް،" ޝިފާޒް ވިދާޅުވި އެވެ.

ޝިފާޒް އިތުރަށް ވިދާޅުވީ އެ މަސައްކަތް ކާމިޔާބު ކުރުމަށް ރައްޔިތުންގެ ފަރާތުން އެދޭ ކަމަކީ ދާއިރާތަކުގެ މެންބަރުންނަށް ހިތްވަރު ދިނުމަށް އެ މެންބަރަކު ނިސްބަތްވާ ދާއިރާ އަދި ރަށެއްގައި އަޑުއުފުލައި މުޒާހަރާއަށް ނިކުތުމެވެ. މިހާރު އިދިކޮޅު ފަރާތްތަކާ ނުގުޅި ތިބި މެންބަރުންގެ ދާއިރާތަކުގެ ރައްޔިތުން ވެސް އެ މެންބަރުންނަށް ވިސްނާދެއްވުމަށް ސިފާޒު ގޮވާލެއްވި އެވެ.