ކުޅިވަރު

ފަހު ވަގުތު ވިކްޓަރީން ގަދަ ހަތަރެއްގެ އުންމީދު ދަމަހައްޓައިފި

Jul 5, 2017

މެޗުގެ ފަހު ވަގުތު ގްރީންސްޓްރީޓް ކޮޅަށް، ވައްދާލި ލަނޑާއެކު 2-1 ނަތިޖާ އަކުން މޮޅުވެ، ގަދަ ހަތަރެއްގެ އުންމީދު ވިކްޓަރީން ދަމަހައްޓައިފި އެވެ.

ފުރަތަމަ ބުރުގައި، މި ދެ ޓީމު ބައްދަލު ކުރި މެޗު، އެންމެން ހައިރާން ކޮށްލުމަށްފަހު ގްރީން ކާމިޔާބު ކުރީ 1-0 ން ނެވެ. ނަމަވެސް މިރޭގެ މެޗުން މޮޅުވެ، ވިކްޓަރީ ވަނީ ޕޮއިންޓްގެ ގޮތުން، މިވަގުތު ހަތަރު ވަނައިގައި އޮތް، ގްރީންއާ އަރާ ހަމަކޮށްފަ އެވެ. ދެ ޓީމަށް ވެސް ލިބިފައި ވަނީ 18 ޕޮއިންޓެވެ.

ނަމަވެސް، ލަނޑުގެ ތަފާތުން ގްރީން އަށް ކުރި ލިބެ އެވެ. އެ ޓީމަށް ފައިދާ ހަތަރު ގޯލް އެބައޮތެވެ. ވިކްޓަރީއަށް އޮތީ ފައިދާ އެންމެ ގޯލެކެވެ. މެޗުގެ ކުރިން ވިކްޓަރީގެ ކޯޗް އަލީ ސުޒޭން ބުނެފައި ވަނީ، މި މެޗު ކާމިޔާބު ކުރާ ޓީމަކަށް ގަދަ ހަތަރެއްގެ ފުރުސަތު ވަރަށް ބޮޑުވެގެންދާނެ ކަމަށް އޭނާގެ ހިސާބުތަކުން ދައްކާ ކަމަށެވެ.

"އިރާދަ ކުރެއްވިއްޔާ މިހާރު (ގަދަ ހަތަރެއްގެ މަގާމު) ވަރަށް ފުރުސަތު ބޮޑު،" މެޗަށް ފަހު ވާހަކަ ދައްކަމުން ސުޒޭން ބުންޏެވެ. ވިކްޓަރީ އެންމެ ބޮޑަށް ވާދަ ކުރަން ޖެހޭ ޓީމަކަށް އެންމެ ކައިރީ ގައި މިއޮތީ ގްރީން ސްޓްރީޓް، ގްރީން ސްޓްރީޓާ އަރާ ހަމަ ކުރެވުނީ [ދެތިން ގޯލް] ގެ ތަފާތުން އެ ޓީމު ކުރިގައި މިއުޅެނީ، އެ ތަފާތު ނައްތާލަން އިރާދަ ކުރެއްވިއްޔާ ވިކްޓަރީއަށް ފުރުސަތު ލިބިގެންދާނެ.

ލީގްގެ ވަރުގަދަ މެޗު ތަކުގައި ވެސް ހައިރާން ކުރުވަނިވި ނަތީޖާތަކެއް ނެރެމުން އައި ނަމަވެސް، މި މެޗުގައި ގްރީންގެ ފަރާތުން ފެނުނީ އާދައިގެ ކުޅުމެކެވެ. ކުޅުންތެރިންނަށް އެކަށީގެންވާ ގޮތަށް ޕާސް ނުދެވި ޓެކްޓިކަލް ބައެއް މައްސަލަތައް ކުރިމަތިވި އެވެ. ވިކްޓާރީއާ ދެކޮޅަށް ފުރަތަމަ ބުރުގައި ރަނގަޅު މެޗެއް ފެނިފައި މި މެޗުގައި، މިހެން ދިމާވި ސަބަބާ ބެހޭގޮތުން، ގްރީންގެ ކޯޗް ސޮބާހް މުހައްމަދު ބުނީ ވިކްޓަރީ އަންޑާއެސްޓިމޭޓް ނުކުރާ ކަމަށާއި މިއަދު ކުޅުންތެރިންނަށް ޒިންމާ ދާރު ކަމާއެކު މެޗުގެ ޕްލޭނާ އެއްގޮތަށް މަސައްކަތް ނުކުރެވުނު ކަމަށެވެ. މެޗުން ބަލިވުމުން ގަދަ ހަތަރެއްގެ ޖާގަ ހޯދަން ކުރަން ޖެހޭ މަސައްކަތް އިތުރު ވެގެން ހިނގައްޖެ ކަމަށްވެސް ސޮބާ ބުންޏެވެ.

"އެއްވެސް ޕްރެސްއެއް ގައި ބުނަފައެއް ނުވާނެ އަންޑަސްއެޓިމޭޓް ކުރާ ވާހަކަ އެއް، އަޅުގަނޑު މިއުޅެނީ ހަމަ އެވްރެޖް ކުޅުންތެރިންތަކެއް ގޮވައިގެން އަދިވެސް އަޅުގަނޑުގެ މަގުސަދު ހާސިލު ނުވީކީއެއް ނޫން، ފުރުސަތު ތަކެއް އެބައޮތް މިއުޅެނީ ޓޮޕް ފޯއިން ކައްސާލައިގެނެއް ނޫން، ފުރުސަތު އެބައޮތް، ނަމަވެސް ތަން ކޮޅެއް އިތުރުވީ ކުރަން ޖެހޭ މަސައްކަތް،" ސޮބާ ބުންޏެވެ.

ގްރީންގެ ފުރަތަމަ ލަނޑަކީ، މެޗުގެ 42 ވަނަ މިނެޓްގައި ވިކްޓަރީގެ ކީޕަރު މަހްމޫދު އަލް ޔޫސުފަށް ހެދުނު "ބޮޑު" މިސްޓެކެއްގެ ފައިދާ ނަގައި، ގްރީންގެ އަހްމަދު ހަސަން ކާމިޔާބު ކުރި ލަނޑެކެވެ. ވިކްޓަރީގެ ހާފުގެ މެދާހާ ހިސާބުން ޑިފެންޑަރު ވެލިޗިކޯ ބޯޅަ ދިނީ ފަހަތުގައި ހުރި ކީޕަރު މަހްމޫދަށެވެ. މެއިން ކޮންޓްރޯލް ކުރުމަށްފަހު، މަހްމޫދު މަސައްކަތް ކުރީ އޭރިއާ ބޭރަށް ނިކުމެ، އެބޯޅަ ސާފް ކޮށްލާށެވެ. ނަމަވެސް އޭގެ ކުރިން އަހްމަދު ހަސަން ވަނީ މަހްމޫދު އަތުން ބޯޅަ ހޯދައި، ހުހަށް އޮތް ވިކްޓަރީގެ ގޯލް ތެރެއަށް ފޮނުވާލާފަ އެވެ.

ސޮބާ ބުނީ އެ ލަނޑަކީ ވެސް ނަސީބު ރަނގަޅު ކަމުން ޖެހުނު ގޯލެއް ކަމަށެވެ. ސުޒޭން ބުނީ މިހެން ނެވެ. "އެއީ ބޮޑު މިސްޓެކެއް، ވަރަށް ބޮޑު މިސްޓޭކެއް އެހެންވީމަ އެކަހަލަ ގޯލެއް ވަދެގެން، ރިކަވާ ކުރެވޭނީ ކުޅުންތެރިން މޯޓިވޭޝަން ވަރަށް ވަރުގަދަ ވީމަ، ވަރަށް ހިތްވަރު ކުރި، އަޅުގަނޑަށް ފެނިގެން ދިޔަ ވިކްޓަރީ މިއިން ދުވަހަކު ނުކުރާހާ މަސައްކަތް ކުރި ތަން."

މެޗުގެ ދެ ވަނަ ހާފު ފެށިގެން 15 ވަނަ މިނެޓް ވިކްޓަރީން ނަތީޖާ ހަމަހަމަ ކުރީ، އެ ޓީމަށް ލިބުނު ޕެނަލްޓީ އެއްގައެވެ. އެ ޕެނަލްޓީ ދިން ގޮތާ މެދު، ގްރީންގެ ބެންޗުންނާ ކުޅުންތެރިން ވަނީ ސުވާލު އުފައްދައި އެޕީލް ކޮށްފަ އެވެ.

ވިކްޓަރީގެ ކެޕްޓަން އިސްމާއީލް އީސާ ތަނަވަސް ކޮށްދިން ބޯޅައެއްގައި، ވިކްޓަރީގެ އަންދުރޭ ކެރިކް ޕެނަލްޓީ އޭރިއާގެ ތެރެއިން ބޯޅަ ހިފައިގެން ދާ އުޅުމުން، ގްރީންގެ ޑިފެންޑަރު މުހައްމަދު ސާއިފް ވަނީ ފައުލް ކޮށްފަ އެވެ. ނަމަވެސް އެބޯޅަ ދެ ވަނަ ފަހަރަށް ވެސް ލިބުނީ ކެރިކަށެވެ. ނަމަވެސް ރެފްރީ ޕެނަލްޓީއަކަށް ކަށިގަނޑު ފުމުނީ ކެރިކް އަތުން ބޯޅަ ބޭރުވާން ދަނިކޮށެވެ. ގްރީންގެ ކުޅުންތެރިންނާއި ބެންޗުގެ އޮފިޝަލުން އެޕީލް ކުރީ އެޑްވާންޓޭޖަށް ދޫކޮށް ލާފައި ފަހުން ޕެނަލްޓީ ދޭން ނިންމި ކަމަށް ބުނަމުން ނެވެ.

ޕެނަލްޓީ ކާމިޔާބު ކުރީ އީސަ އެވެ. ޕެނަލްޓީ އީސަ ފޮނުވާލީ ގޯލްގެ އިރުމަތީ ފަރާތު ކަނަށެވެ. ނަމަވެސް ގްރީންގެ ޖަޕާން ކީޕަރު ޖޫން ކޮޗީ ޑައިވް ގޯލްގެ ކުރީ ހުޅަނގު ފަރާތު ކަނާވީ ދިމާލަށެވެ.

މެޗުގެ 90 މިނެޓް ހަމަވެ، އިތުރަށް ދެއްކި ދެވަނަ މިނެޓްގެ ތެރެއިން ފުތަމަ މިނެޓްގެ އެންމެ ފަހު ވަގުތު ކޮޅުގައި، ވިކްޓަރީ މެޗުން މޮޅު ކޮށް ދިން ލަނޑު ކާމިޔާބު ކުރީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނިކުތް އަހްމަދު ނިޔާޒް (ނިޔާ) އެވެ.

ގްރިންގެ ޕެނަލްޓީ އޭރިއާގެ ތެރެއިން، ވިކްޓަރީގެ ހަސަން އަދުހަމް (ސަޑޭ) އަށް ލިބުނު ބޯޅަ އޭނާގެ އަތުން ގެއްލުމުން ބޯޅަ ލިބުނީ ގްރީންގެ ކެޕްޓަން ފަރުހާދު އިސްމާއީލް (ފަރޭ) އަށެވެ. ނަމަވެސް އޭނާ އަށް ބޯޅަ ސާފްކޮށް ނުލެވެނިސް ނިޔާ ވަނީ ފަރޭ އަތުން ބޯޅަ ހޯދައި ގޯލްގެ ތެރެއަށް ބޯޅަ ފޮނުވާލާފަ އެވެ.