ދުނިޔެ

ސައުދީ- އެފްރިކާ ސަމިޓެއް ބާއްވަން ރަސްގެފާނު ގޮވާލައްވައިފި

Jul 5, 2017

އެފްރިކާގެ ގައުމުތަކުގެ ލީޑަރުން ސައުދީ އަރަބިއްޔާއަށް ވަޑައިގެން " ސައުދީ- އެފްރިކާ' ސަމިޓެއް ބާއްވަން އެގައުމުގެ ރަސްގެފާނު ސަލްމާން ބިން ޢަބުދުލް ޢަޒީޒު އަލް ސަޢުދު ގޮވާލައްވައިފިއެވެ.

ސައުދީ ގެޒެޓް ނޫހުން މިއަދު ބުނީ ރަސްގެފާނު ގޮވާލައްވާފައި ވަނީ އެފަދަ ސަމިޓެއް މިހިނގާ 2017 ވަނަ އަހަރުގެ ފަހުކޮޅުގައި ނުވަތަ އަންނަ 2018 ވަނަ އަހަރުގެ ކުރީގެ ކޮޅުގައި ބޭއްވުމަށް ކަމަށެވެ. ނަަމަވެސް އެފަދަ ސަމިޓެއް ބާއްވަވަން ރަސްގެފާނު އެދި ވަޑައިގަންނަވަނީ ކޮން ކަމަކާ މަސްވަރާ ކުރައްވަން ކަމެެއް އެނޫހަކުން ނުބުނެއެވެ.

ސައުދީން ވަނީ ' އަރަބް އިސްލާމިން އެންޑް އެމެރިކަން ސަމިޓް'ގެ ނަމުގައި މިދިޔަ މޭ މަހު އެގައުމުގެ ވެރިރަށް ރިޔާޒުގައި ސަމިޓެއް ބާއްވާފައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް ސައުދީ އަރަބިއްޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ދިމާކޮށް ބޭއްވި އެ ސަމިޓްގައި ސައުދީއާއި އެމެރިކާ ހިމެނޭ ގޮތުން 55 ގައުމަކުން ބައިވެރިވިއެވެ. އެ ސަމިޓްގައި މަޝްވަރާކޮށްފައި ވަނީ ހައްދު ފަހަނަ އަޅައި ދިއުމާއި ޓެރަރިޒަމާ ދެކޮޅަށް ގުޅިގެން މަަސައްކަތް ކުރުމަށެވެ.

އެ ސަމިޓަށް ފަހު މިދިޔަ ޖޫންމަހުގެ ހަތަރުވަނަ ދުވަހު ސައުދީ އަރަބިއްޔާއާއި މިސްރާއި ބަހުރައިނާއި ޔްނައިޓެޑް އަރަބް އެމިރޭޓްސް ( ޔޫއޭއީ) އަދި ދިވެހިރާއްޖޭން ވަނީ ގަތަރާ ގުޅުން ކަނޑާލާފައެވެ. އެގައުމުތަކުން ގަތަރާ ގުޅުން ކަނޑައިލީ އެގައުމުން ޓެރަރިޒަމަށް ވާގިދޭ ކަމަށް ބުނެއެވެ.