ކުޅިވަރު

ހުޅުމާލޭ ދުވާ ޓްރެކްގެ މަސައްކަތް ގާނޫނާ ހިލާފް: އޮޑިޓް

Jul 5, 2017
1

ހުޅުމާލޭގައި އަޅާފައިވާ ސިންތެޓިކް ދުވާ ޓްރެކްގެ މަސައްކަތް ކޮށްފައިވަނީ މާލިއްޔަތު ގާނޫނާ ހިލާފަށް، ކަމަށް، އޮޑިޓަ ޖެނަރަލް އޮފީހުން ނެރުނު ޔޫތު މިނިސްޓްރީގެ 2016 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ހާމަ ވެއްޖެ އެވެ.

ޓްރްކްގެ މަސައްކަތް ކުރީ ޗައިނާ ކުންފުންޏަކުންނެވެ.

މާލިއްޔަތުގެ ގަވާއިދުގެ 8.25 ވަނަ މާއްދާއާ ހަވާލަދީ، އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ، ބިޑް ކުރުމަކާ ނުލާ ކޮންޓްރެކްޓަރަކަށް މަސައްކަތެއް ހަވާލު ކުރެވޭނީ ކެބިނެޓްގެ އިކޮނަމިކް ކައުންސިލުން ކަނޑައަޅާ ހާއްސަ މަޝްރޫތަކަކަށް ކަމަށެވެ. އެގޮތަށް މަސައްކަތެއް ދެވޭނީ ވެސް އިކޮނަމިކް ކައުންސިލަށް ހުށަހަޅައި އެ ކޮމިޓީގެ ހުއްދަ ރަސްމީ ލިޔުމަކުން ލިބިގެން ކަމަށެވެ. ނަމަވެސް، އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ ހުޅުމާލޭގައި އަޅާފައިވާ ދުވާ ޓްރެކާއި އެ ޓްރެކްގެ ފުޓްބޯޅަ ދަނޑުގެ ފަސްގަނޑު އެއްވަރު ކުރުމުގެ މަސައްކަތް 14.5 މިލިއަން ރުފިޔާއަށް ހަވާލު ކުރުމުގެ ކުރިން، އެ މަސައްކަތުގެ މައުލޫމާތާއި މަސައްކަތް ކުރާ ކުންފުނީގެ މައުލޫމާތުތައް އިކޮނޮމިކް ކައުންސިލަށް ހުށަހަޅައި ލިޔުމަކުން އެ ކަމުގެ ހުއްދަ ހޯދާ ފައި ނުވާ ކަމަށެވެ.

އެ މަސައްކަތް ހަވާލު ކުރަން މެދުވެރިޔަކަށް ވެފައި ވަނީ އޭއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް) އެވެ. އެކަމާ ގުޅިގެން، ޔޫތު މިނިސްޓްރީ އާއި އެމްއޭސީއެލްއާ ދެމެދު، އެމްއޯޔޫއެއްގައި ސޮއި ކުރަން ރަސްމިއްޔާތެއް ބާއްވާއި ސޮއި ކޮށްފައި ވީނަމަވެސް، އެ އެމްއޯޔޫގައި އެ ޓްރެކްޓް އަޅާނެ ފެންވަރާއި އެ މަސައްކަތުގެ ގިނަ ތަފްސީލްތަކެއް ހިމެނިފައި ނެތް ކަމަށް ރިޕޯޓްގައިވެ އެވެ.

އޮޑިޓްގައި އަދި ބުނެފައި ވަނީ، އެ މަސައްކަތް ނިންމި ކަމުގެ ސެޓްފިކެޓް ޔޫތު މިނިސްޓްރީން ހޯދަން ވާނެ ކަމަށާއި އެ ކުންފުނިން އެއް އަހަރު ދުވަހުގެ ވޮރެންޓީގެ ލިޔުމެއް އެމްއޭސީއެލް އިން ހޯދަން ޖެހޭނެ ކަމަށެވެ. އެމްއޭސީއެލް އާއި ޔޫތު މިނިސްޓްރީއާ ދެމެދު ސޮއި ކުރި އެމްއޯޔޫގައި އެއްބަސް ވެފައިވާ ގޮތަށް މަސައްކަތް ކޮށްފައި ނުވާކަމަށް ވެސް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

މަސައްކަތް ނިންމުމުގެ ތާރީހަކީ 120 ދުވަސް ކަމަށް އެ އެމްއޯޔޫގައި ބުނެފައިވީ ނަމަވެސް، މަސައްކަތް ނިންމި ތާރީހު އެނގެން ނެތުމުގެ ސަބަބުން އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ނިންމިކަން ކަށަވަރު ކުރެވޭނެ ގޮތެއް ނެތްކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައި ވެއެވެ.

މީގެ އިތުރުން، ގދ. ތިނަދޫގައި ސްވިމިން ޕްލެޓްފޯމް ހެދުމުގެ މަސައްކަތް ކުރުމަށް ބޭނުންވާ ތަކެތި ގަތުމުގައިވެސް ގާނޫނާ ހިލާފަށް އަމަލު ކޮށްފައިވާ ކަމަށް، އޮޑިޓްގައިވެ އެވެ. އެގޮތުން 2.2 މިލިއަން ރުފިޔާ ހަރަދުކޮށްގެން ޕްލެޓްފޯމް އެޅުމުގެ މަސައްކަތް ބަޔަކާ ހަވާލު ކުރީ، ބިޑް ކުރުމެއް ނެތި ކަމަށް ވެސް އޮޑިޓްގައިވެ އެވެ.