ވިޔަފާރި

ވޯލްޑް ޓްރެވަލް އެވޯޑުގެ އޮފިޝަލް މީޑިޔާއަކަށް އެމްވީ ހޮޓެލްސް

ހޮނިހިރު ދުވަހު ރާއްޖޭގައި ބާއްވާ "ވޯލްޑް ޓްރެވަލް އެވޯޑުގެ އިންޑިޔަން އޯޝަން" ބައިގެ، އޮފިޝަލް މީޑިޔާ ޕާޓްނަރަކަށް އެމްވީ ހޮޓެލް ހަމަޖައްސައިފި އެވެ.

ވޯލްޑް ޓްރެވަލް އެވޯޑް (ޑަބްލިއުޓީއޭ) ގެ ވެބްސައިޓުގައިވާ ގޮތުން، ސަން ސިޔާމް ވިލުރީފު ރިސޯޓުގައި ބާއްވާ "ވޯލްޑް ޓްރެވަލް އެވޯޑުގެ ގާލާ ނައިޓް" މީޑިޔާ ޕާޓްނަރުގެ ގޮތުގައި ވަނީ ރާއްޖޭގެ އެމްވީހޮޓެލް ހަމަޖައްސާފަ އެވެ.

އެމްވީ ހޮޓެލްސް އޮފިޝަލް މީޑިޔާ ޕާޓްނަރަކަށް ހަމަޖެއްސުމާ ގުޅިގެން، ވޯލްޑް ޓްރެވަލް އެވޯޑުގެ ފައުންޑަރު އަދި ޕްރެސިޑެންޓް ގްރަހަމް ކޫކް ވިދާޅުވީ އެމްވީހޮޓެލްސް އޮފިޝަލް މީޑިޔާގެ ގޮތުގައި ހަމަޖެހިގެން ދިއުމަކީ ޑަބްލިއުޓީއޭއިން އުފާކުރާ ކަމެއް ކަމަށެވެ.

އެމްވީހޮޓެލްސްގެ ފައުންޑަރު އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު އަރީފު ވިދާޅުވީ މިއީ އެ ކުންފުންޏަށްވެސް ލިބިގެން ދިޔަ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.

"ރާއްޖެފަދަ ކުޑަ ގައުމެއްގެ ބަޔަކު ވޯލްޑް ޓްރެވަލް އެވޯޑު ފަދަ ބޮޑު އިންވެންޓަކާ ގުޅުމަކީ ލިބޭ އުފަލެއް،" އަރީފު ވިދާޅުވި އެވެ.

ޑަބްލިއުޓީއޭއަކީ 1993 ވަނަ އަހަރުން ފެށިގެން ޓޫރިޒަމް ދާއިރާގައި ދެމުން އަންނަ އެވޯޑެކެވެ. މި އަހަރުގެ ވޯލްޑް ޓްރެވަލް އެވޯޑުގެ އިންޑިޔާ ކަނޑުގެ ބަޔަކަށް ރާއްޖޭގެ ގިނަ ތަންތަން ވަނީ ނޮމިނޭޓް ކޮށްފަ އެވެ. މިއަހަރު ނޮމިނޭޓް ވެފައިވާ ބައިތަކުގެ ތެރޭގައި އެންމެ ފުރިހަމަ ހަނީމޫން މަންޒިލާއި ފީނާ މީހުންގެ މެދުގައި މަގުބޫލު ޑައިވް މަންޒިލް އަދި ކްރޫޒް މަންޒިލް ހިމެނެ އެވެ.