ކުޅިވަރު

ޔޫތު އެކްސްޗޭންޖް ޕްރޮގްރާމަށް ހަރަދުކުރީ ގާނޫނާ ހިލާފަށް

Jul 5, 2017

އިންޑިއާ އާއި ރާއްޖެއާ ދެމެދު ހިންގި ޔޫތު އެކްސް ޗޭންޖް ޕްރޮގްރާމްގެ ދަށުން، އިންޑިއާއިން ރާއްޖެއަށް އައި ޒުވާނުންގެ ޓީމުގެ ހުރުމާއީ ކެއުމުގެ ހަރަދުތައް ކޮށްފައިވަނީ މާލީއްޔަތު ގާނޫނާ ހިލާފަށް ކަމަށް، އޮޑިޓަ ޖެނަރަލް އޮފީހުން ނެރުނު، ޔޫތު މިނިސްޓްރީގެ މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓުން ހާމަ ވެއްޖެ އެވެ.

މާލިއްޔަތުގެ ގަވާއިދު 8.15 ވަނަ މާއްދާއާ ހަވާލާދީ، އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ، އެއްފަހަރާ ގަންނަ ތަކެއްޗާއި ހޯދާ ހިދުމަތުގެ އަގު 25،000 ރުފިޔާއަށް ވުރެ، މަތި ވާނަމަ، އެކަމަށް ހަރުދު ކުރަން ޖެހޭނީ، އާންމުކޮށް އިއުލާންކޮށް އެންމެ ރަނގަޅު އަންދާސީ ހިސާބުތައް ހުށަހަޅާ ފަރާތްތަކަށް ބަަލައިގެން ކަމަށެވެ.

ނަމަވެސް، އިންޑިއާއިން އައި ޓީމުގެ ހުރުމާއި ކެއުމުގެ ކަންކަން ބެލެހެއްޓުމަށް އަމިއްލަ ފަރާތްތަކާ ހަވާލު ކޮށްފައި ވަނީ އިއުލާން ކުރުމަކާ ނުލައި ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައި ވެއެވެ. އެޓީމުގެ ހުރުމާއި ކެއުމުގެ ހަރަދުތައް ބެލެހެއްޓުމަށް ބަޔަކާ ހަވާލު ކޮށްފައި ވީނަމަވެސް، އެކަން ކޮށް ދޭނެ އެހެން ފަރާތެއްގެ އަގު ހޯދާފައި ނުވާ ކަމަށާއި އަދި އެކަން ހަވާލުކޮށްފައިވާ ފަރާތާ ހަވާލު ކުރުމަށް، ފިނޭންސް މިނިސްޓްރީން ހާއްސަ ހުއްދައެއްވެސް ޔޫތު މިނިސްޓރީން ހޯދާފައި ނުވާކަމަށްވެސް އޮޑިޓް ރިޕޯޓްގައި ބުނެފައި ވެއެވެ.

އިންޑިއާއިން އައި ޒުވާނުންގެ ޓީމުގެ ހުރުމާއި ކެއުމުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް ބަޔަކާ ހަވާލު ކުރި ނަމަވެސް، އެ ފަރާތާއެކު އެއްބަސް ވުމެއް ހެދިފައި ނެތް ކަމަށާއި އެހެން ކަމުން އެއްބަސް ވުމެއް ހެދިފައި ނެތުމަކީ، މާލިއްޔަތު ގަވާއިދުގެ 8.22، ހ އާ ހިލަފަށް އަމަލެއް ކަމަށް ވެސް ރިޕޯޓްގައި ބުނެފައި ވެއެވެ.

އިންޑިއާއިން ރާއްޖެ އައި 50 މީހުންގެ ހުރުމާއި ކެއުމުގެ ކަންތައްތައް ދެފަހަރެއްގެ މަތިން ދެ ފަރާތަކާ ހަވާލު ކުރި އެވެ. ފުރަތަމަ ހަވާލު ކުރި ފަރާތަށް ހަތް ލައްކައަށް ވުރެ ގިނަ ރުފިޔަ ދޭން ޖެހިފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައި ވެއެވެ. ދެވަނަ ފަރާތަކާ އެމަސައްކަތް ހަވާލު ކުރީ، އެ ފަރާތުގެ ހިދުމަތާ މެދު އިންޑިއާގެ ޓީމުން ހިތްހަމަ ނުޖެހުމުން ނެވެ. އެގޮތުން ދެ ވަނަ ފަރާތަކަށް މަސައްކަތް ހަވާލު ކުރަން ޖެހުމުން އިތުރަށް 841،000 ވުރެ ގިނަ ރުފިޔާ ދޭން ޖެހުނު ކަމަށް ރިޕޯޓްގައި ބުނެފައި ވެއެވެ.

އެހެންކަމުން ހުރުމާއި ކެއުމުގެ ހަރަދަށް އެކަނިވެސް 1.5 މިލިއަން ރުފިޔާ އަށް ވުރެ ގިނައިން ފައިސާ ދައްކަން ޖެހިފައިވާކަމަށް އޮޑިޓް ރިޕޯޓްގައި ހުރި ހިސާބުތަކުން ދައްކަ އެވެ.

އިންޑިއާއިން އައި ޒުވާނުންގެ ޓީމުގެ ހުރުމާއި ކެއުން ހަމަޖެއްސުމުގެ މަސައްކަތް ފުރަތަމަ ހަވާލު ކުރި ފަރާތާ ހަވަލުކޮށްފައި ވަނީ ފަސް ދުވަހުގެ މުއްދަތަށެވެ. ނަމަވެސް، އެ ޓީމު އެތަނުގައި ތިން ދުވަސް ހޭދަ ކުރުމަށް ފަހު، އެތަނުގެ ފެންވަރާއި ހިދުމަތްތައް ހުރި ގޮތާ މެދު، ހިތްހަމަ ނުޖެހުމުން، އެ ޓީމަށް އެތަނުން ދެމުން އައި ހިދުމަތް ހުއްޓާލުމަށް ޔޫތޫ މިނިސްޓްރީން އަންގައި އެހެން ފަރާތަކާ ހިދުމަތް ހަވާލު ކުރި އެވެ. ނަމަވެސް، ފުރަތަމަ އެ މަސައްކަތް ހަވާލު ކުރި ފަރާތަށްވެސް ފަސް ދުވަހަށް ވާވަރަށް ފައިސާ ދައްކަން ޖެހިފައިވަ ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައި ވެއެވެ.

އެގޮތުން ހިދުމަތް ކެންސަލް ކުރި ފަހުންވެސް އަނެއް ދު ދުވަހަށް ވެސް 193،000 ވުރެ ގިނަ ރުފިޔާ ދޭން ޖެހިފައި ވެއެވެ.

ހުރުމާއި ކެއުމުގެ ހިދުމަތާ މެދު އިންޑިއާގެ ޓީމުން ހިތްހަމަ ނުޖެހުމުން، ދަތުރުގެ ބާކީ އޮތް ތިން ދުވަހަށް، އެ ހިދުމަތް ދިނުމަށް އެހެން ބަޔަކާ ހަވާލު ކުރުމުން 841،000 ވުރެ ގިނަ ރުފިޔާ އިތުރަށް ހަރުދު ކުރަން ޖެހިފައިވާ ކަން އޮޑިޓަ ޖެނަރަލް އޮފީހުން ނެރެފައިވާ ރިޕޯޓްގައި ބުނެފައި ވެއެވެ.