ހަބަރު

ނަޝީދު އެމްޕީ މޮހޮންމާއާ ބައްދަލު ކުރައްވައިފި

ސްރީލަންކާގައި މިހާރު ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު، އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ (މުހަންމާ)އާ މިއަދު ބައްދަލު ކުރައްވައިފި އެވެ.

މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގައި މައްސަލައިގައި ޕީޕީއެމް އިން ސޮއި ކުރި 10 މެންބަރުންގެ ތެރޭގައި އޭނާ ހިމެނިވަޑައިގަންނަވަ އެވެ.

މޮހޮންމާއާ ބައްދަލު ކުރައްވާ ފޮޓޯއާ އެކު ނަޝީދު މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވަނީ، މޮހޮންމާއާ ބައްދަލުކޮށް ވާހަކަ ދައްކާލަން ލިބުނު ފުރުސަތުގައި އެބޭފުޅާގެ ހިތްވަރާއި ސާބިތުކަން ސާފުވި ކަމަށެވެ. ނަޝީދު ކޮލަމްބޯއަށް އަނެއްކާ ވެސް ވަޑައިގެންނެވީ މިއަދު އެވެ. މަޖިލީހުގެ ރައީސް ވަކި ކުރުމަށް 45 މެންބަރުން ސޮއިކުރުމާ އެކު އިދިކޮޅު ފަރާތްތަކުން ބުނެފައި ވަނީ މަޖިލީހުގެ އަގުލަބިއްޔަތު އިދިކޮޅު ފަރާތްތަކަށް މިހާރު ލިބިފައިވާ ކަމަށެވެ.

އިތުބާރުނެތްކަމުގެ ގަރާރުގައި ސޮއި ކުރި ޕީޕީއެމްގެ 10 މެންބަރުންގެ ތެރެއިން ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދު ވަނީ އިއްޔެގެ ވަގުތެއްގައި ޕީޕީއެމް އިން ވަކިވެފަ އެވެ. އަދި ދަގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު ވަނީ އޭނާ ޕީޕީއެމްގައި ފުރުއްވާ މަގާމުތަކުން މިއަދު އިސްތިއުފާ ދެއްވައިފަ އެވެ.

ސިޔާސީ މަޝްރަހު ހަލަބޮލިވެފައި ވަނިކޮށް ނަޝީދު ސްރީލަންކާއަށް އަނެއްކާ ވެސް ވަޑައިގެންނެވީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. މިފަހަކަށް އައިސް ނަޝީދު ގިނަ ދުވަސްތައް ހޭދަ ކުރައްވަނީ ސްރީލަންކާގަ އެވެ.