ކުޅިވަރު

އާސެނަލްގެ ރެކޯޑް އަގުގައި ލަކެޒެޓް ގެންގޮސްފި

Jul 6, 2017

ފްރާންސްގެ އޮލިމްޕކް ލިޔޯން އަށް ކުޅެމުން ދިޔަ، ފްރާންސްގެ ފޯވަޑް އެލެގްޒެންޑާ ލަކެޒެޓް އާސެނަލްގެ ރެކޯޑް އަގެއްގައި، އެ ކުލަބާ ގުޅިއްޖެ އެވެ. ލަކެޒެޓް26 ވަނީ ފަސް އަހަރު ދުވަހުގެ އެއްބަސް ވުމެއްގައި އާސެނަލް އަށް ސޮއި ކޮށްފަ އެވެ.

ލިޔޯންއާ އެކު 2019 ވަނަ އަހަރުގެ ނިޔަލަށް އެއްބަސްވުން އޮތް ލަކެޒެޓް އާސެނަލް އަށް ގެނައީ އެ ކުލަބުން ކުޅުންތެރިޔަކު ގެނައުމަށް ހޭދަ ކުރި އެންމެ ބޮޑު އަގުގަ އެވެ. އޭނާ ދޫކޮށްލަން ލިޔޯންއިން އެއްބަސްވީ، އާސަނަލްއިން 52 މިލިއަން ޕައުންޑް ދޭން އެއްބަސްވުމުން ނެވެ.

އޭގެ ކުރިން، އާސެނަލްއިން އެންމެ ބޮޑު އަގެއްގައި ގެނެސްފައިވާ ކުޅުންތެރިޔަކީ މެސްޓް އޮޒިލް އެވެ. ރެއާލް މެޑްރިޑްގެ އެއްބަސްވުމުގައި ހުއްޓައި 2013 ވަނަ އަހަރު، އާސެނަލްއިން އޮޒިލް ގެނައީ 42.5 މިލިއަން ޕައުންޑްގެ އަގަކަށެވެ.

އާސެނަލްއިން އުންމީދު ކުރާ ގޮތުގައި، އެ ކުލަބުން އޮސްޓްރޭލިއާ އާއި ޗައިނާގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރީ ސީޒަން ޓްއާގައި ލަކެޒެޓް ބައިވެރިވެވޭނެ އެވެ.

ދެހާސް ފަނަރަ ވަނަ އަހަރުގެ އިތުރުން މިދިޔަ އަހަރުވެސް، އާސެނަލްގެ ކޯޗް ފްރާންސްގެ އާސެން ވެންގާ ވަނީ ލަކެޒެޓް ގެނައުމަށް މަސައްކަތްކޮށްފަ އެވެ. ލަކެޒެޓް އާސެނަލްއަށް ބަދަލުވާން އުޅޭ ވާހަކަތައް މިދިޔަ އަހަރު ވަރަށް ބޮޑަށް ފެތުރުނެވެ.

އާސެނަލްއާ އެކު ސޮއި ކުރި އެއްބަސްވުމާއެކު މުސާރައިގެ ގޮތުގައި ލަކެޒެޓްއަށް ހަފުތާއަކު 200000 ޕައުންޑް (3.9 މިލިއަން ދިވެހި ރުފިޔާ) ލިބިގެންދާނެ އެވެ.