ޓްރާންސްފާ މާކެޓް

ވިލިއަން އާސެނަލްއަށް ތަފާތު ގެންނާނެ: އާޓެޓާ

ޗެލްސީން އާސެނަލްއަށް ބަދަލުވި، ބްރެޒިލްގެ ފޯވަޑް ވިލިއަން ބޯޖަސްއަކީ އާސެނަލްގެ ޓީމަށް ތަފާތު ގެންނާނެ ކުޅުންތެރިޔެއް ކަމަށް އާސެނަލްގެ ކޯޗް މިކަލް އާޓެޓާ ބުނެފި އެވެ.

ޗެލްސީގައި އަށް އަހަރު ހޭދަ ކުރުމަށް ފަހު، ވިލިއަން އާސެނަލްއަށް ބަދަލުވީ، ހިލޭ ޓްރާންސްފާއެއް ގެދަށުންނެވެ. ޗެލްސީގެ ސީޒަން ނިމުނުތާ ހަފުތާއެއް ނުވަނީސް އާސަނަލްއަށް ބަދަލުވެ ވިލިއަން ވަނީ އާސެނަލްއާއެކު ތިން އަހަރު ދުވަހުގެ އެއްބަސްވުމުގައި ސޮއި ކޮށްފަ އެވެ.

"އަހަރެން ގަބޫލު ކުރަނީ އޭނާ އަކީ އަހަރެމެންގެ ޓީމަށް ތަފާތު ގެންނާނެ ކުޅުންތެރިޔެއް ކަމަށް،" އެފްއޭ ކަޕްގައި ވިލިއަންގެ ކުރީގެ ޓީމު ބަލިކޮށް އާސެނަލްއަށް ޗެމްޕިއަންކަން ހޯދައިދިން ކޯޗް ބުންޏެވެ. "މިދިޔަ ދެތިން މަހު އަހަރެމެން ދިޔައީ ވަރަށް ގާތުން ވިލިއަންއަށް ބަލަމުން. އަހަރެމެންގެ ޕްލޭންގައި އެބައޮތް އެޓޭކިން މިޑްފީލްޑް ވަރުގަދަ ކުރުމާއި ވިންގާގެ މަގާމު ވަރުގަދަ ކުރުމަށް. އޭނާއަކީ އަހަރެމެން ޓީމަށް ވަރަށް ރަނގަޅަށް ފެތޭނެ ކުޅުންތެރިޔެއް، ތިން ހަތަރު މަގާމަކަށް އޭނާއަށް ކުޅެވޭނެ."

އާޓެޓާ ބުނީ، އާސެނަލްގެ އަސްލު މަގާމަށް ގެންގޮސްދޭން އެހީތެރި ވެދޭނެ ކުޅުންތެރިޔަކަށް އޭނާ ވާނެ ކަމަށެވެ. އާސެނަލްގެ ވެބްޒައިޓަށް ދިން އިންޓަވިއުގައި ވިލިއަން ބުނީ އާސެނަލްއާ މެދު އޭނާ ޝައުގުވެރިވީ އާޓެޓާގެ ނުފޫޒުގެ ސަބަބުން ކަމަށެވެ.

"އަހަރެން ވަރަށް ޝައުގުވެރިވޭ މި ޓީމުގެ ކުޅުމާމެދު، މި ސްޓޭޑިއަމް ހުރިހާ ކަންކަމަކާމެދުވެސް އަހަރެން ޝައުގުވެރިވޭ،" ވިލިއަން ބުންޏެވެ. "އަހަންނަށް ހީވަނީ އާޓޭޓާގެ ވިސްނުމާއެކު މި ޓީމަށްށް އަނެއްކާވެސް ތައްޓަށް ވާދަ ކުރެވޭނެ."