ޓްރާންސްފާ މާކެޓް

ލިއްލަގެ ޑިފެންޑަރު ގެބްރިއަލް އާސެނަލްއަށް

ފްރާންސްފެ ލިލްލަގެ ޑިފެންޑަރު ގެބްރިއަލް މެގާލެސް އާސެނަލްއަށް ސޮއި ކުރުވުމަށް ދެ ކުލަބުގެ ދެމެދުގައި އެއްބަސްވުމަކަށް އަތުވެއްޖެ އެވެ.

ފްރާންސް ލީގްގައި ވާދަ ކުރާ ލިއްލަ އިން މިދިޔަ ހަފުތާގައި ވަނީ، ގެބްރިއަލްއަށް އާސެނަލްއިން ހުށަހެޅި ބިޑް ގަބޫލު ކުރާކަން ހާމަ ކޮށްފަ އެވެ. ބްރެޒިލްގެ ޒުވާން ޑިފެންޑަރުގެ ޓްރާންސްފާއަށް އާސެނަލްއިން ހުށަހެޅީ 30 މިލިއަން ޔޫރޯ އެވެ.

އޭނާއަށް ޕްރިމިއާ ލީގްގެ އެހެން ކުލަބުތައް ކަމަށްވާ. މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީންވެސް ޝައުގުވެރިވި އެވެ. އެހެންނަމަވެސް އެ ދެ ކުލަބުން އޭނާ ގެންދަން މަސައްކަތް ކުރިކަމެއް އެނގިފައެއް ނުވެ އެވެ. ނަޕޯލީން ވަނީ ގެބްރިއަލް ގެންދަން މަސައްކަތް ކޮށްފަ އެވެ.

އާސެނަލްއާ އެކު ފަސް އަހަރުގެ އެއްބަސްވުމެއްގައި އޭނާ ސޮއި ކުރަން ވަނީ ހަމަޖެހިފަ އެވެ. ކޮންޓްރެކްޓްގައި ސޮއި ކުރުމުގެ ކުރިން، ފުރިހަމަ ކުރައްޖެހޭ މެޑިކަލް ހެއްދުމަށް މިއަދު އޭނާ ވަނީ ލަންޑަނަށް ގޮސްފަ އެވެ. ގެބްރިއަލް އަކީ ޖެހިޖެހިގެން ދެ އަހަރުތެރޭ ލިއްލަ އާއެކު އާސެނަލްއިން ހަދާ ދެ ވަނަ ޓްރާންސްފާ އެވެ. މިދިޔަ އަހަރު އާސެނަލްއިން ވަނީ ލިއްލަ އަށް ކުޅުނު އައިވަރީ ކޯސްޓްގެ ވިންގާ ނިކޮލަސް ޕެޕޭ އެ ޓީމަށް ގެނެސްފަ އެވެ.

ގެބްރިއަލް،22 ލިއްލަ އާ ގުޅުނީ ބްރެޒިލް އަވާއި އިން 2017 ވަނަ އަހަރު އެވެ. މިދިޔަ ސީޒަންގައި އޭނާ ވަނީ ލިއްލަގެ ޓީމުގައި މޮޅު ކުޅުމެއް ދައްކާފަ އެވެ. އޭގެ ކުރިން އޭނާ ވަނީ ލޯން އެއްބެސް ވުމުގެ ދަށުން ފްރާންސްގެ ދެ ވަނަ ޑިވިޝން ކުލަބު ޓްރޮއީސް އާއި ކްރޮއޭޝިއާގެ ޑައިނަމޯ ޒެގްރެބްއަށް ކުޅެފަ އެވެ.