ލޯން އެއްބަސްވުމުގެ ދަށުން، ރެއާލް ސޮސީޑާޑަށް ކުޅެމުން ގެންދާ މާޓެން އޮޑެގާޑް އަންނަ ސީޒަންގައި ގެނައުމަށް ރެއާލް މެޑްރިޑުން ނިންމައިފި އެވެ.
ޗެމްޕިއަންސް ލީގްގެ ދެ ވަނަ ބުރުގައި މެންޗެސްޓާ ސިޓީ އަތުން ކަޓައިގެން ދިއުމުން ރެއާލްގެ ކޯޗްް ޒައިނުއްދީން ޒިދާން ވަނީ އެ ޓީމު އޯވަހޯލް ކުރުމުގެ މަސައްކަތް ފަށާފަ އެވެ. އެންމެ ބޮޑަށް އޯވަހޯލް ކުރުމުގެ މަސައްކަތް ކުރަން ޖެހޭ ޑިޕާޓެމްންޓެއްގެ ގޮތުގައި ޒިދާންއަށް ފާހަގަވީ ޓީމުގެ މިޑްފީލްޑެވެ. ސިޓީއާ ދެކޮޅަށް ކުޅުނު ދެ ލެގުގައިވެސް މިޑްފީލްޑްގެ މައްސަލަ ވަނީ ފާހަގަ ވެފަ އެވެ.
މިދިޔަ ސީޒަންގައި ސޮސީޑާޑްގެ މިޑްފީލްޑްގައި އޮޑެގާޑް ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. ލަލީގާގައި އެންމެ ކްރިއޭޓިވް މިޑްފީލްޑަރެއްގެ ގޮތުގައި ނިމިދިޔަ ސީޒަންގައި ފާހަގަ ކުރެވުނީ އޮޑެގާޑް އެވެ. މިދޔަ އަހަރު ސޮސީޑާޑް އާއި މެޑްރިޑާ ދެމެދު އެއްބަސްވީ ދެ އަހަރުގެ ލޯން އެއްބަސްވުމަކަށެވެ. އެހެންނަމަވެސް އެ އެއްބަސްވުން ހަމަވުމުގެ ކުރިންވެސް ރެއާލްއިން ބޭނުންވެއްޖަނަ ލޯންގެ ފީއިން ބައެއް ދެއްކުމަށް ފަހު އޮޑެގާޑް ގެނެވޭނެ އެވެ. ސޮސީޑާޑްގެ ކޯޗް އިމަނޯލް އަލްގުއަސީލް ވަނީ ސޮސީޑާޑް ޓީމުގައި ބެހެއްޓުމުގެ މުހިންމު ކަމާ ބެހޭޣޮތުން މީގެ ކުރިން ވާހަކަ ދައްކާފަ އެވެ.
މިޑްފީލްޑް އިތުރަށް ވަރުގަދަ ކުރުމުގެ މަސައްކަތަށް ރެއާލްއިން ދަނީ، އެ ޓީމުގެ ލޯން އެއްބަސްވުމުގެ ދަށުން އާސެނަލް އަށް ކުޅެމުންދާ ޑެނީ ސެބާޔޯސް ގެނައުމަށް ވެސް ވިސްނަމުންނެވެ. އާސެނަލްގެ ކޯޗް ކަމާ މިކަލް އާޓެޓާ ހަވާލު ވުމަށް ފަހު އޭނާ ވަނީ ޓީމުގެ މިޑްފީލްޑުން މުހިންމު ރޯލެއް ސެބާޔޯސް އަށް ދީފަ އެވެ. އާސެނަލްއިން އެފްއޭ ކަޕްގެ ކާމިޔާބު ކުރިއިރު ފައިނަލު މެޗުގައި ސެބާޔޯސް ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. ސެބާޔޯސް އަކީ ލުކަ މޮޑްރިޗްގެ ރިޕްލޭސްމެންޓް ކަމަށް ރެއާލްއިން ގަބޫލު ކުރާ ކަމަށް ސްޕެއިންގެ މިޑިއާ ރިޕޯޓްތައް ބުނެ އއެވެ.
ޒިދާންގެ ވިސްނުމަކީ ޕްރީ ސީޒަން ޓްރޭނިންއަށް ސެބާޔޯސް ގެނައުމަށް ފަހު އޭނާގެ ފެންވަރު ވަޒަން ކުރުމެވެ. އިތުރު ސީޒަނަކަށް ލޯން އެއްބަސްވުމުގެ ދަށުން ދޫކޮށްލާނީތޯ ނިންމާނީ ޕްރީ ސިޒަން ޓްރޭނިންއަށް ފަހު އެވެ. އާސެނަލްގައި ސެބާޔޯސް ބަހައްޓަން އާޓެޓާ ބޭނުންވެއެވެ.
ކޮރޯނާ ވައިރަސް އާ ގުޅިގެން ކުރިމަތިވެފައިވާ މާލީ ތަދުމަނޑުކަމުގެ ސަބަބުން ޓްރާންސްފާގައި ހަރަދު ނުކުރެވޭނެ ކަމަށް ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވަނީ ވިދާޅުވެފަ އެވެ. މިޑްފީލްޑް އޯވަހޯލް ކުރުމަށް ޒިދާން ގެންނަން ބޭނުންވާ ކުޅުންތެރިންނަކީ މެންޗެސްޓާ ޔުނައިޓެޑްގެ ޕައުލް ޕޮގްބާ އާއި ފްރާންސްގެ ރެންސްއަށް ކުލެމުންދާ ޒުވާން މިޑްފީލްޑަރު އެޑްއާޑޯ ކަމަވިންގާ އެވެ. އެހެންނަމަވެސް އެ ކުޅުންތެރިން މި ސީޒަންގައި ގެނެވޭނެ ގޮތެއް ނެތެވެ.
މިޑްފީލްޑް އޯވަހޯލް ކުރުމުގެ މަސައްކަތުގެ ތެރެއިން މިހާރު ޓީމުގައި ތިބި ބައެއް މިޑްފީލްޑަރުން ކަމަށްވާ އިސްކޯ އަލާކޯން އާއި ހަމޭސް ރޮޑްރިގޭޒް ރެއާލްއިން ދޫކޮށްލާނެ ކަމުގެ އަޑުތަައްވެސް ވަނީ ފެތުރިފަ އެވެ.