- ސުޕްރީމް ކޯޓްގެ ނިންމުމާ ހިތްހަމަ ނުޖެހޭ މެންބަރުން ތިބި
- ޖިނާއީ އިޖުރާއަތުގެ ބިލް ދިޔަގޮތުން މާޔޫސްކަން ބޮޑުވި
- މެންބަރުންގެ މެދުގައި ޝަކުވާތައް ހުރެ ގިނަދުވަސްވި
މިދިޔަ ހޯމަ ދުވަހުގެ އިރު އަރާ އެންމެ ހޫނު ގަދަކޮށްލި ވަގުތަކީ ރާއްޖޭގެ ސިޔާސީ މަސްރަހު ވެސް "ކައްކާލާ" އެންމެ ހަލަބޮލިކޮށްލި ވަގުތެވެ. އެ ދުވަހު ރައްޔިތުން މަޖިލީހުގެ ތަޅުމުގެ މަސައްކަތް ނިންމާލުމަށް ފަހު އިދިކޮޅު ފަރާތްތަކުން މަޖިލީސް ދޫކޮށް ނިކުތީ ތިން އަހަރާ ބައި ވަންދެއް ސަރުކާރު އަތުގައި އޮތް މަޖިލީހުގެ މެޖޯރިޓީ "ކިހިއްޔަށް" ޖަހާލައިގެންނޭ ބުނެވިދާނެ އެވެ. ސަރުކާރު އަތުގައި ފުރިހަމަ މެޖޯރިޓީއެއް އޮވެ، ވަކި ހިސާބަކުން އެ މެޖޯރިޓީ ބީވުން ވާނީ ސަރުކާރަށް ކުރިމަތިވި ބޮޑު ގެއްލުމަކަށެވެ. އިދިކޮޅު ފަރާތްތަކަށް މިއީ ބޮޑު ކާމިޔާބެކެވެ.
ތިން އަހަރު ވަންދެއް ރައީސް އަބްދުﷲ ޔާމީންގެ ސިޔާސީ އުކުޅުތަކުގައި ތާށިވެ، ގޮތް ހުސްވެފައި ތިއްބާ މުޅި މަންޒަރު ބަދަލުވާން ފެށީ ރައީސް ޔާމީން ސަރުކާރަށް ވެސް ގެންނަން އެންމެ ބޮޑު މަސައްކަތް ކުރެއްވި ކުރީގެ ރައީސް އަދި އެމަނިކުފާނުގެ އެއްބަފާ ބޭބޭ، މައުމޫން އަބްދުލް ގައްޔޫމް އިދިކޮޅަށް ބައިއަތު ހިއްޕެވުމުން އެވެ. އެހާ ހިސާބުން އިދިކޮޅު ފަރާތްތަކުން ގޮވަމުން އައި "ވެއްޓެނީ ވެއްޓެނީ"ގެ އަޑު އަދި މާ ގަދަވި އެވެ. އެހެންކަމުން ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ގެއްލިގެން ދިޔުމުގައި ރައީސް މައުމޫންގެ ވަރުގަދަ ރޯލެއް އޮތް ކަމަށް ސިޔާސި ގިނަ ފަރާތްތަކުން ލަފާކުރެ އެވެ.
ޔަގީނުން ވެސް އެކަމުގައި ރައީސް މައުމޫންގެ ރޯލެއް ނުހިމެނޭނެ ކަމަށް ބުނެވޭކަށް ނެތެވެ. ނަމަވެސް ޕީޕީއެމް އިން އެހާ ގިނަ މެންބަރުންގެ ވިސްނުން އެއްފަހަރާ އެނބުރުނީ ހަމައެކަނި ރައީސް މައުމޫން އާއި އިދިކޮޅު ތިން ލީޑަރުންގެ މަސައްކަތުންނޭ ވެސް ބުނެވޭކަށް ނެތެވެ. ސަބަބަކީ ސަރުކާރަށް ކުރާ ތާއީދު އަނބުރާ ގެންގޮސް އިސްލާހީ މަސައްކަތް ޕީޕީއެމްގެ ތެރެއިން ފެއްޓި ދުވަސްވަރު ވެސް އެ ޕާޓީގެ ބައެއް މެންބަރުން ފަޅި ބަދަލު ކުރި އެވެ. އަދި މަސީހުގެ އިތުބާރު ނެތް މައްސަލާގައި އެމަނިކުފާނާ ދެކޮޅަށް ވެސް ވޯޓު ދޭން ނިކުތެވެ. ނަމަވެސް އެ ދުވަހު މަޖިލީހުގެ ތަޅުމުގައި ހިނގައިދިޔަ ކަންކަމަށް ބަލާފައި އިދިކޮޅު ފަރާތްތަކުގެ އަތުގައި ފުރިހަމަ މެޖޯރިޓީ ނެތް ކަން ސާބިތުވި އެވެ. އަދި އެކަން އެގޮތުގައި ދެމެހެއްޓުމަށް މަޖިލީހުގެ ގަވާއިދުގައި އިތުބާރު ނެތް މަައްސަލާގެ ވާހަކަ ބުނެފައިވާ މާއްދާގައި "ތަޅު އަޅުވައި" 42 މެންބަރުންގެ ސޮޔާ އެކު ނޫނީ ހުށަހަނޭޅޭ ގޮތަށް ޕީޕީއެމްއިން ބަދަލު ކުރި އެވެ.
އެހެންކަމުން މަޖިލީހުގެ ބާރުތައް ލިބިގެން އިދިކޮޅު ފަރާތްތަކުން މިއަދު އުފާ ފާޅު ކުރާ ދުވަހާ ހަމަޔަށް އާދެވުމުގެ ސަބަބުތައް ހަމައެކަނި ރައީސް މައުމޫންއާ ހަމައިން އަދި އިދިކޮޅު ފަރާތްތަކާ ހަމައިން ނުނިމެ އެވެ. އޭގެ ބަދަލުގައި ސަރުކާރަށް އިހްލާސްތެރިކޮށް ތިއްބެވި ގިނަ މެންބަރުންގެ ރުޅިގަނޑު ފަޅައިގެން ދިޔައީ ހުދު ރައީސް ޔާމީން އެމަނިކުފާނުގެ މެންބަރުންނަށް އިތުބާރު ނުކުރެއްވުމުގެ ސަބަބުން ކަމަށް އަވަސް އާ ވާހަކަ ދެއްކެވި ބައެއް މެންބަރުން ވިދާޅުވި އެވެ. އޭގެ އެންމެ ބޮޑު ހެއްކަކަށް، އިތުބާރު ނެތް މައްސަލަތަކުގައި ފަހު ގޮތް ނިންމާނީ ސުޕްރީމް ކޯޓުން ކަމުގައި ކަނޑައަޅައިދިނުމަށް އޭޖީ ހުށަހެޅި މައްސަލައިގައި ކޯޓުން ގޮތް ނިންމުމުން އެމްޕީންގެ "ބޭކާރުކޮށްލީމަ" ކަމަށް އެއްބައި މެންބަރުންނަށް ގަބޫލު ކުރެއްވުނެވެ.
"އަޅުގަނޑުމެންނަށް އެއްވެސް އިރެއްގައި ރައީސް ޔާމީންއާ އެމަނިކުފާނުގެ ތަރައްގީގެ މައްސަލައެއް ނެތް. އަދިވެސް އެ ކަންތަކުގައި މައްސަލައެއް ނެތް. މަސީހު ސަލާމަތް ކުރަން ވެސް އަޅުގަނޑުމެންނަށް އިތުބާރު ކުރެއްވީމަ ދެ ފަހަރަށް ވެސް ވާނީ އެކަން ނާކާމިޔާބުކޮށްލާފައި. ނަމަވެސް ފަހު ވަގުތު ރައީސް އެ އެޅުއްވި ފިޔަވަޅުން ވަރަށް ބޮޑަށް ދޭހަވޭ އެމަނިކުފާނުގެ އަމިއްލަ މެޖޯރިޓީ އަށް އިތުބާރު ނުކުރައްވާކަން. އެހެންވެ އަޅުގަނޑުމެންނަށް ވެސް އެމަނިކްފާނާ މެދު އޮތް އިތުބާރު ގެއްލުނީ،" މަސީހުގެ މައްސަލާގައި މަޖިލީހަށް ވެއްދި ގަރާރުގައި ޕީޕީއެމް ފަރާތުން ސޮއި ކުރެއްވި މެންބަރަކު އަވަސް އަށް ވިދާޅުވި އެވެ.
މެންބަރުން އެ އިޝާރާތް ކުރައްވަނީ ދުސްތޫރީ މައްސަލައެއް ގޮތުގައި އެޓާނީ ޖެނަރަލް އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައާ މެދު އައި ހުކުމާ ގުޅިގެން އެ މެންބަރުންގެ ހުރި ކަނބޮޑުވުންތަކުގެ ވާހަކަ އެވެ. އެ ހުކުމުގައި ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އާއި އޭނާގެ ނައިބާއި ފަނޑިޔާރުންނާއި އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނާއި ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރުންނާއި ހިއުމަން ރައިޓްސް ކޮމިޝަންގެ މެމްބަރުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެންބަރުންނާއި އޮޑިޓަ ޖެނެރަލާއި ޕްރޮސެކިއުޓާ ޖެނެރަލްގެ މައްޗަށް، ރައްޔިތުންގެ މަޖިލީހުގައި އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި މަގާމުން ވަކިކުރަން ނިންމި ކަމަށް ވިޔަސް، އެ ނިންމުމެއް ސައްހަ ވާނީ ސުޕްރީމް ކޯޓުން ވަކި ގޮތެއް ކަނޑައެޅުމުން ކަމަށެވެ.
"ބާރުތައް އޮންނަން ޖެހޭނީ ވަކިވެފައި. އަޅުގަނޑުމެންނަކީ ގާނޫން ހަދަން ތިބޭ މީހުން. ނަމަވެސް އަޅުގަނޑުމެން ނިންމާ ނިންމުންތަކަށް ކޯޓުތަކުން ފަހު ބަސް އިއްވާނަމަ މަޖިލީހުގެ ބޭނުމެއް ވެސް ނުފެނޭ. މިއީ ބާރުތައް އެއްވެ މަސްހުނިވާން އެޅުނު ފިޔަވަޅެއް،" އެ މެންބަރުން ވިދާޅުވި އެވެ.
އެ ހިތްހަމަ ނުޖެހުމުގެ ތެރޭގައި ތިއްބާ މަޖިލީހުގައި ތެރޭގައި ދެން ކުރިމަތިވީ އަދި މާބޮޑު ކަމެކެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެންނަ އިސްލާހުތައް މެންްބަރުންނާ މަޝްވަރާ ކުރުމެއް ނެތި ސަރުކާރުން ކުއްލިއަކަށް މަޖިލީހަށް ވެއްދީ އެވެ. އަދި މެންބަރުންނަށް ފޮނުވި ބިލާ ހިލާފަށް މަޖިލީހުގެ ތަޅުމަށް ބިލް ހުށަހެޅި އިރު ބޮޑެތި އާ ބަދަލުތަކެއް ވެސް އޮތީ އައިސްފަ އެވެ. އެ ހިސާބުން މެންބަރުންގެ ރުޅި އިތުރަށް ގަދަވި ސަބަބަކަށް އެކަން ބަދަލުވި ކަމަށް މެންބަރަކު ވިދާޅުވި އެވެ. އެދުވަހު މެންބަރުން ކުށްވެރި ކުރެއްވީ ސީދާ މަޖިލީހުގެ ރައީސް އެވެ. އެއީ އެ ބިލް އެހާ އަވަހަށް ފާސްކުރަން އެދުވަހު މަސީހު ގިނަ ފިޔަވަޅުތަކެއް އެޅުއްވުމުން ކަމަށް މެންބަރުން ވިދާޅުވި އެވެ.
"އެއީ މެންބަރުން ވަރަށް ބޮޑަށް މާޔޫސްވީ ދުވަހެއް،" މެންބަރަކު ވިދާޅުވި އެވެ. "އެހާ ބޮޑަށް ހިޔާލުތަފާތުވި ބިލެއް މަޖިލީހުގެ ރައީސް އުޅުއްވީ އެދުވަހުން ދުވަހަށް ފާސްކުރައްވަން އެޖެންޑާ ކުރައްވަން. އެ ހިސާބުން ބައެއް މެންބަރުންނަށް ގަބޫލު ކުރެއްވުނީ މަސީހުގެ އަމަލުތައް ގޯސްކަން. އެމަނިކުފާނަކީ މުޅިން ގޯސް ބޭފުޅެއް ނޫން ނަމަވެސް. އެ ދުވަހު ބައެއް މެންބަރުންނަށް އެގޮތަށް ވިސްނުނީ،"
އެ ދުވަހު މައްސަލަ ހޫނުވެ ބިލް އަނބުރާ ގެނައި ނަމަވެސް ވާނެ ހައެތި އޭރު އޮތީވެފަ އެވެ. އެހެން ނަމަވެސް ސަރުކާރުން ތުހުމަތު ކުރަނީ މަސީހާ ދެކޮޅަށް މެންބަރުން ސޮޔެ ކުރުމަށް ދެއްކީ ހަމައެކަނި ބަހަނާތަކެއް ކަމަށެވެ. އަދި އެކަން ކުރައްވަނީ ރިޝްވަތުގައި ޖެހިވަޑައިގަތް ކަމަށް ދޭހަވާ އިބާރާތްތަކުން ސަރުކާރުގެ ވެރިން ގެންދަވަނީ ވާހަކަ ދައްކަވައި އެ މެންބަރުންގެ ބޮލުގައި ތުހުމަތުވެސް އަޅުއްވަމުން އެވެ. އެއީ ވެސް ހަގީގަތެއް ނެތް ކަމެކޭ ބުނަނީއެއް ނޫނެވެ.
ކޮންމެ ގޮތެއް ވިޔަސް މިފަދަ ގިނަ މައްސަލަތައް ފުނިޖެހި މެންބަރުންގެ މާޔޫސްކަން ވެސް އިތުރުވެގެން އައެވެ. އެއްބައި މެންބަރުންނަށް ވިސްނިވަޑައިގަތީ އެބޭފުޅުންގެ ފިޔަކޮށާލަން ސަރުކާރުން މަސައްކަތް ކުރަނީ ކަމަށެވެ. މިހުރިހާ ޝަކުވާތަކަކަށް އެޑްރެސް ނުކުރެވި އިދިކޮޅު ފަރާތްތަކުގެ މަސައްކަތް ވަރުގަދަވެގެން ދިޔުމަކީ އިދިކޮޅަށް މެންބަރުންތަކެއް ދީލައިލުމުގެ ބޮޑު ސަބަބަކަށް ވެގެން ދިޔަ އެވެ.
ޕީޕީއެމްގެ ތެރެއިންވެސް މެންބަރުންތަކެއް އިދިކޮޅާ ގުޅުމަކީ ސަރުކާރާ ދިމާލަށް އިދިކޮޅު ފަރާތްތަކުން ހޫރާލި ވަރުގަދަ "ހަންޖަރަކެވެ". އަދި މިހާރު އޮތް ގޮތުން ނަމަ މަސީހު ބޭރު ކުރެވޭނެކަން އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ކަށަވަރު ކުރެވެ އެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ހުކުމް އޮތްހާ ހިނދަކު މަސީހު ބާލުވައިގެން އިދިކޮޅު ފަރާތްތަކުން ހާސިލު ކުރަން ބޭނުންވާ ހުރިހާ ކަމެއް ވާނެ ކަމާމެދު ސުވާލު އުފެދެ އެވެ. އެއީ އިދިކޮޅު އެމްޑީޕީއަށް ހަމަ ނޭވައެއް ލެވެން އޮތީ ރައީސް މުހައްމަދު ނަޝީދު މިނިވަންކޮށް އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާސްކޮޅުގައި އެމަނިކުފާނުގެ ނަން އަރާ ހިސާބުންނެވެ. ސަބަބަކީ މަސީހުގެ މައްސަލާގައި 45 މެންބަރުންގެ ސޮޔާ އެކު މަައްސަލަ ހުށަހަޅައިގެން ނިކުމެވަޑައިގެން މ. ކުނޫޒުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވެސް އެމްޑީޕީގެ ޕީޖީ ގްރޫޕް ލީޑަރު ވިދާޅުވަނީ ކާމިޔާބުވުމުގައި އަދި ބޮޑެތި ހުރަސްތަކާއި ގޮންޖެހުންތައް ހުރި ކަމަށެވެ. އެހެންކަމުން އެ ފަރާތްތަކުގެ ބޭނުން މަސީހާ ހިސާބުން ނުނިމޭކަން ސާފެވެ.
ނަމަވެސް ސަރުކާރުން ވެސް ހިތްވަރެއް ދުލެއް ނުކުރެ އެވެ. ސިޔާސީ "ބޮޑު ހަނގުރާމަ" ތެރޭގައި ސަރުކާރު ދިފާއު ކުރުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތްތަކެއް ޕީޕީއެމްއާއި އެމްޑީއޭގެ މެންބަރުން މިހާރު ވެސް އަންނަނީ ކުރަމުންނެވެ. އަދި އިދިކޮޅު ފަރާތްތައް ނާކާމިޔާބުކޮށްލާނެ ކަމަށް އެ މެންބަރުން ވިދާޅުވަމުން އާ ބަހަކަށް ރާގަކަށް އަދިވެސް ބަދަލެއް ނާދެ އެވެ.
"އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރައްވަނީ ގައުމު ހަލަބޮލުކޮށް ސަރުކާރު ބަލިކަށި ކުރަން ކަން ވަރަސް ސާފު. ނަމަވެސް އަޅުގަނޑުމެންގެ ރައީސް ހުންނެވީ ހަމަ ވަރަށް ވަރުގަދަކޮށް، އަޅުގަނޑުމެންނަށް ތާއިދުކުރާ އަޅުގަނޑުމެންނަށް ހެޔޮ އެދޭ އަދި މި ގައުމަށް ހެޔޮ އެދޭ ރައްޔިތުންނަށް ދަންނަވަން ބޭނުންވަނީ ކަންބޮޑުވެވަޑައިނުގަންނަވާ. ރައީސް ޔާމީންގެ އެޕްރޫވަލް ރޭޓް އިތުރުވަމުންދާކަން އެބަ އެނގޭ، އެ ޕަސެންޓޭޖުން ބަލަންޖެހޭނީ، އަޅުގަނޑުމެންނަށް ހަމަ ވަރަށް ޔަގީންވޭ ރައީސް ޔާމީން 2018 އެއް ބުރުން ކާމިޔާބުކުރާނެކަން ވެސް، އެ ހަގީގަތްތައް އަޅުގަނޑުމެންނަށް ފެނިގެންދާނެ،" ޕީޕީއެމްގެ ސެކެޓަރީ ޖެނަރަލް އަދި ނިލަންދޫ ދާއިރާގެ މެންބަރު އަބްދުﷲ ހަލީލް ވިދާޅުވި އެވެ.
ކޮންމެއަކަސް މަސީހުގެ މައްސަލާގައި މަޖިލީހުގައި ދެން ނަގާނެ ވޯޓަކީ އޭގެ ނަތީޖާއަކަށް މުޅި ގައުމު އިންތިޒާރު ކުރާނެ ވޯޓެކެވެ. އޭގެން ނަތީޖާ ނިކުންނަ ގޮތުން ގައުމު ހަލަަބޮލިވުމާއި ނުވަތަ އަމާން ބަނދަރަކަށް ދިޔުން ވެސް އެކަށީގެންވެ އެވެ.