(4 ޖުލައި 2017 އާ ގުޅޭ) -- "އަދިވެސް ކަންބޮޑުވެފައިތަ ތި އިނީ... ހާސް ނުވެބަލަ... އަހަންނާއެކު އައިރާ އުޅެގެން އެއްޗެއް ބުނާން ކެރޭވަރު މީހަކު ނުހުންނާނެ" އައިރާ އިން ގޮތް ފެނި ލޫކަން މަޑުމަޑުން ބުނެލި އެވެ.
ލޫކަންގެ ހިނިތުންވުމުން ހިތްހަމަޖައްސާލަން އައިރާގެ ޟަމީރު އެދުނެވެ. ނަމަވެސް ސިކުނޑިއަށް ވާން ކުރަމުންދިޔަ ރުބީނާގެ ޚިޔާލުތަކުން މިންޖުވެވޭ ގޮތެއް ނުވިއެވެ. ލޫކަންއާއި އައިރާއާ ދެމެދަށް ހިމޭންކަން ވެރިވެގެން ދިޔައެވެ. ދެ މީހުންކުރެ އެކަކަށް ވެސް އިތުރަށް ދައްކާނޭ ވާހަކައެއް ނޭނގުނީ ކަންނޭނގެ އެވެ. ނޫނީ ލޫކަން އިނީ އައިރާ އެއްޗެއް ބުނޭތޯ ކަންނޭނގެ އެވެ. އެ ދެމެދުގައިވި ހިމޭންކަން ދިގުލައިގެން ނުދިޔައެވެ. ސިޑިން ފައިބައިގެން އަންނަ ޒޭންގެ އަޑު ދެ ޒުވާނުންގެ ކަންފަތުގައި ޖެހުމާއެކު ދެ މީހުން އެކުގައި އެ ދިމާއަށް ބަލާލިއެވެ. އޭރު ޒޭން އޭނާގެ ދަރިފުޅު އުރާލައިގެން ސިޑިން ފައިބައިގެން އާދެ އެވެ. އޭނާއާއެކު ދެން ހުރީ ޔާނާކަން ދެނެގަންނަން ލޫކަންއަށް އުނދަގުލެއް ނުވިއެވެ. ޒޭންއަކީ އޭނާގެ އަންހެނުން ދެކެ ވަރަށް ލޯބިވާ މީހެއްކަން ލޫކަންއަށް އޮތީ އެނގިފައެވެ.
"އައިރާ... ލޫކް... މީ އަހަރުމެންގެ ކުޑަކުޑަ މިންނު... މިންޙާ" ޒޭން އައިސް އައިރާއާއި ލޫކަން އިށީނދެ ތިބި ސޯފާގެ ކުރިމަތީ ހުއްޓިލަމުން އޭނާ އުރާލައިގެން ހުރި ދަރިފުޅު ތަޢާރަފު ކޮށްދިނެވެ. އޭރު އެއްވަރަކަށް މެދު އިނގިއްޔާއި ކަށިއިނގިލި އަނގަޔަށް ޖަހާލައިގެން ބޯލަބޯލާ މިންޙާ އިނެވެ. އައިރާ ހިނިތުންވުމެއް ބަދަލު ކޮށްލިއިރު ލޫކަން ތެދުވެ މިންޙާއަށް ގޮވާލާ ވާހަކަ ދައްކާލި އެވެ. ޒޭން ބުނިހެން ލޫކަން އިނގިރޭސި ބަހުން ވާހަކަ ދައްކާލުމާއެކު ކުޑަކުޑަ މިންޙާ ދެލޯ ބޮޑުކޮށްލާފައި ޒޭންއަށް ބަލާލި އެވެ. އަދި އަވަހަށް ވާހަކަ ދައްކާލަން އުޅުމުގައި ބޮއެބޮއެ އިން އިނގިލިތައް ތަލިން ނެއްޓުނު އަޑު ވެސް އިވިގެން ދިޔައެވެ.
"ލޫކް ކުރިމަތީ ވެސް އިނގިލި ބޮނީތަ؟" ޒޭން އޭނާގެ ދަރިފުޅާ ސަމާސާ ކޮށްލި އެވެ. އެއާއެކު މިންޙާ ލަދުން ޒޭންގެ ކަނދުރާގައި ހިފަހައްޓާލައިގެން އަތާއި ކަނދުރާއާ ދޭތެރޭ މޫނު ފޮރުވާލި އެވެ. އެ ހަރަކާތުން ލޫކަންއާއި ޒޭން ހީނލިއެވެ.
"މީޓް މައި ވައިފް... ޔާނާ" ޒޭން އޭނާގެ އަންހުނުން ވެސް ތަޢާރުފުކޮށްދިނެވެ.
"ލޫކަންމެން ނައިސްގެން މިހުންނަނީ ވަރަށް ދެރަވެފަ... ހީކުރީ ދެން މިއަދު ނާދެވޭނެ ކަމަށް. އަވަހަށް ހިނގާ ކާން" އައިރާއާއި ލޫކަންއާ ސަލާމްކޮށްލުމާއެކު ޔާނާ ބުންޏެވެ. އެ ވަގުތުކޮޅު ވެސް ޔާނާގެ ސަމާލުކަން އައިރާ އަތުލި އެވެ. އޭނާގެ ބަލާލުމާއެކު އައިރާއަށް ހުރެވުނު ގޮތާމެދު ވިސްނާލަން މަޖުބޫރުވިއެވެ. އަވަސްއަވަހަށް ހެނދުން ރީތިކޮށްލާ އަޅާފައި ހުރި ޝޯލް ރަނގަޅުކޮށްލެވުނެވެ. ލޮލުގައިވާ ނަންބަރު އައިނާއެކު ވެސް ޔާނާއަކީ ރީތި އަންހެނެއްކަން އައިރާއަށް ފާހަގަކުރެވުނެވެ. އެ ރީތިކަމާ އެއްވަރުގެ ހިތްހެޔޮ ކަމަކާއި ރިވެތި އަޙުލާޤެއްގެ ވެރިއެއް ވެސް މެއެވެ. ޒޭންއާއެކު ލޫކަން ހިނގައިގަންނަން ވާއިރަށް ޔާނާ އައިސް އައިރާގެ ގާތުގައި އޭނާއާއެކު އައުމަށް އެދުނެވެ. ދެ އަންހެނުން އެކުގައި ބަދިގެ ފަރާތައް އައިއިރު އެ މީހުންގެ ފަހަތުން ލޫކަންއާއި ޒޭން ތިބެ އާދެއެވެ.
"ލަކްޝްމީ... ގްލާސްތަކަށް ޖޫސް އަޅާލަބަލަ" ކާ ކޮޓަރިތެރެއަށް ވަދެވުމާއެކު އައިސް އަލަމާރި ކައިރީ ހުރި ލަކްޝްމީ ފެނި ޔާނާ ބުންޏެވެ.
"އެކޮއެ ބޭނުންތަ އެއްވެސް ކަމެއް. ދައްތަ މި ހުރީ އެއްޗެހި ހޫނުކޮށްލާފައި. ހުރިހާ އެއްޗެއް މޭޒުމައްޗަށް ނަގައިފިން" ކާކޮޓަރީގައި ހަރަކާތްތެރިވަމުންދިޔަ ހުސްނާ އަހާލިއެވެ. އެއާއެކު ޔާނާ ދެފަރާތަށް ބޯހޫރާލިއެވެ.
ކާ މޭޒުދޮށުގައި އެންމެން އިށީންނަން އުޅެނިކޮށް އެ ތަނަށް ވަދެގެން އައި ދެބައި އުމުރަށްވުރެ މައްޗަށް ގޮސްފައިވާ ފިރިހެން މީހާ ފެނި ލޫކަންއާއި އައިރާ ހައިރާން ވިއެވެ. އެ ދެމީހުންނަށް ވެސް ހައިރާންކަމާއެކު ޒޭންއަށް ބަލާލާފައި އެ މީހާއަށް ބަލާލެވުނެވެ. ހިނިތުންވެލައިގެން ހުރެ އޭނާ އައިސް ކާމޭޒުގެ ކޮޅުގައި އިށީނދެއްޖެ އެވެ. ލޫކަންއާއި އައިރާއަށްވީ ކިހިނެއްކަން މޭޒު ދޮށުގައި އިށީން ޒޭންއަށް އެނގުނެވެ.
"ލޫކް.. މީ އަހަރެންގެ ބައްޕަ. ހައިކަލް..." ޒޭން ބުންޏެވެ. ހަމައެވަގުތު ހައިކަލް އިނދެފައި ލޫކަންއަށް ނިތްއަރުވާލީ ނިކަން ބޮޑަށް ހިނިއައިސްފައި އިނދެއެވެ.
"ވައްތަރުކަމުންތަ ތިހާ އަޖައިބުވެފައި ތި އިނީ... ހެ ހެ ހެ ހެ... ވަރަށް އުފާވެއްޖެ ލޫކްއާ ބައްދަލުވީމަ. ޒޭން ވަރަށް ދައްކާ އޭނާއާއެކު އަލަން މަސައްކަތް ކުރާން އައި ޑަކްޓަރު ލޫކްއެއްގެ ވާހަކަ. ކަލޭމެން ދެ ކުދީންގެ ދެމެދުގައި ވަރުގަދަ އެކުވެރިކަމެއް އުފެދިއްޖެހެން ބައްޕައަށް ވަރަށް ހީވޭ" ހައިކަލް ބުންޏެވެ. ރަކިވެފައި އިން ފަދަ ގޮތަކަށް ލޫކަން ހީނލާފައި ބޯޖަހާލިއެވެ.
ކެއުމަށް އިންސާފުކުރަމުން ދިޔައިރު ވެސް ދޭތެރެއަކުން ޔާނާ ބަލާތީ އައިރާ އިނީ އުނދަގޫވެފަ އެވެ. އެންމެން އުލާ ސަމްސަލުން ފަރިތަކަމާއެކު ކެއުން ކުރިއަށް ގެންދާއިރު އައިރާ އިނީ ސަމްސަލަކުން ކާލަކާލައެވެ. މިއީ އޭނާއަށް ފަރިތަ ކަންކަމެއް ނޫނެވެ. ގިނައެއްކޮށް ކާކަށް ވެސް ނުކެރުނެވެ. އެ މާޙައުލާ ނުގުޅޭ ހަމައެކަނި މީހަކީ އޭނާ ކަމުގައި އިހުސާސް ކުރެވިފައި އިން ކަހަލައެވެ. މޭޒު ދޮށުގައި ހިމޭންކަމާއެކު އިނދެ ކައި ނިންމާލިއެވެ. ދެން ތިބި މީހުން އެކަކު އަނެކަކަށް ކޮންމެވެސް ވާހަކައެއް ދައްކާލާނެ އެވެ. އެމީހުންނަށް ވެސް އައިރާއާ ދައްކާނޭ ވާހަކައެއް ނެތީ ކަންނޭނގެއެވެ.
މޭޒުދޮށުން ތެދުވަމުން އައިރާގެ މޫނަށް ހައިކަލް ބަލާލިއެވެ. އެހިނދު އޭނާގެ ތުންފަތުގައި ފަނޑު ހިނިތުންވުމެއް ދުވެލިއެވެ. އައިރާގެ ދެ ލޮލުން މީގެ އެތައް އަހަރެއް ކުރީން ހައިކަލް ދުށްފަދަ ބޭޤަރާރު ކަމެއް އޭނާއަށް ފެނުނީ އެވެ. ނަމަވެސް އެ އިހުސާސްތައް ފާޅުވީ ދެ ލޯ މިއަދު އޭނާއާ ވަނީ އަބަދުގެ އަބަދަށް ވަކިވެފައެވެ. އެހެންނަމަވެސް އެ ތުންފަތުގައިވީ ހިނިތުންވުމެކެވެ. މަޢުނަވީ ގޮތަކަށް ލޫކަންއަށް ބަލާލުމާއެކު އަނެއްކާ ވެސް އައިރާއަށް ބަލާލިއެވެ. ކޮންމެވެސް އެއްޗެއް ހައިކަލްގެ ހިތަށް އަރައިފިކަން ޔަގީނެވެ. ނަމަވެސް އޭނާ ހާމަކުރުމުގެ ބަދަލުގައި މަޑުމަޑުން ކުދީންނާ ވަކިވެ އޭނާގެ ކޮޓަރިއަށް ދަނީކަމުގައި ބުންޏެވެ.
"އައިރާ! ސޮރީ އިނގޭ... އަހަރެން މިވަރަށް މިބަލަނީ ކުރީން އަހަންނަށް އައިރާ ފެނިފައި ހުރިހެން ހީވެގެން. އެކަމަކު ޒޭންގެ ވާހަކައިން އެނގޭ އައިރާ ނުފެންނާނެކަން ވެސް" ޒޭންއާއި ލޫކަންއާ ދެމީހުން ކާކޮޓަރިން ނުކުންނަން ދިޔަ ވަގުތު އައިރާގެ ގާތުގައި ޔާނާ ބުނެލިއެވެ.
"ޒޭންއަށް އަނެއްކާ ކޮންކަމެއް އެނގެނީ... ލޫކަން އޭނާ ގާތުގައި ވާހަކައެއް ދެއްކީތަ؟" ހިނިތުންވެލައިގެން ހުރިއިރު އައިރާ އޭނާގެ އަމިއްލަ ހިތާ ސުވާލުކުރަމުންދިޔައެވެ.
"އަހަރެން ހުރީ އައިރާއާ ވަރަށް ބައްދަލުކޮށްލާ ހިތުން. ޒޭންއާއި ލޫކްއަކީ ގާތް ރަޙުމަތްތެރިންނަށްވީއިރު އަހަރުމެން ދެ މީހުންނަށް ވެސް ގާތް ރައްޓެހިން ކަމުގައިވާން އަހަރެން ބޭނުން. އައިރާ އަންނައްޗޭ މިގެއަށް. އަހަރެން ބުނާނަން ލޫކް ގާތުގައި އައިރާ ގޮވައިގެން ގިނައިން އަނައްޗޭ މިގެއަށް. ދަރިފުޅު ލިބުނީމަ އަހަރެން ވެސް މިހާރު ވަޒީފާއަކަށް ނުދަން. ގިނައިރު ގޭގައި އުޅެނީ. އައިރާ ވެސް އުޅެނީ އެކަނިއެއްނު... ފޫހި ފިލާނެ ދޯ އަނގަތަޅާލާނެ ރައްޓެއްސަކު ހުންނަންޏާ... އަސްލު މިންނު ލިބުނު ފަހުން ފޫހިވާނެ ވަގުތު ވެސް ނުވޭ. ޒޭންބުނި ދެން ގިނަ ދުވަހެއްނުވެ އައިރާ ވެސް ވިހާނެއޭ. މިހާރު އެނގިއްޖެއްތަ ކޮންކަހަލަ ކުއްޖެއްކަން. ބޭބީ ލިބުނީމަ ލައިފް ވަރަށް ފަޅުފިލާނެ" އައިރާއާއެކު ބޮޑު ކޮޓަރިއަށް އައިސް ސޯފާ އިށީންނަންދެން ވެސް ޔާނާ ވާހަކަ ދެއްކިއެވެ. އޭނާގެ ގާތް ފެނި އައިރާއަށް ކުރީން ކުރެވުނު ބީރައްޓެހިކަން ކުޑަވި ނަމަވެސް ޔާނާއާ އެއްވެސް ވާހަކައެއް ނުދެއްކުނެވެ. އޭނާ ދައްކާ ވާހަކަ އަޑުއަހަން އިނދެވުނީއެވެ. އެކަމަކު ޔާނާ އިށީނުމާއެކު ކުރީން ފާހަގަނުވި ކަމެއް އައިރާއަށް ފާހަގަވިއެވެ. ޔާނާގެ ބަނޑާ ދިމާލުން އޭނާ ލާފައި ހުރި ދޫހެނދުން ކުޑަކޮށް ހިފިފައި ހުރުމުން ޔާނާއާ ބަލާފައި ބަނޑު ބޮޑުކަމަށް ދެއްކިއެވެ.
"ޔާނާ ވެސް ބަނޑުބޮޑީތަ؟" އައިރާގެ ހިތަށް އެރިއެވެ. އެހެން އަހާލާކަށް ނުކެރުނެވެ. ހީނުކުރެވުނީ އެހާ އަވަހަށް އެ ސުވާލުގެ ޖަވާބު ލިބިދާނޭ ކަމެވެ. ކުއްލިއަކަށް ޒޭންގެ ވާހަކައެއްގައި އޭނާގެ އަންހެނުންގެ ބަނޑަށް ހަތަރުމަސް ފުރުނުކަން އިޢުލާން ކުރިއެވެ.
ޒޭންގެ ޢާއިލާއެކު ހޭދަކުރެވުނު ވަގުތުކޮޅުގައި ލޫކަންއާއި އައިރާގެ ހިތަށް ތަފާތު ގިނަ އެކިއެކި ޚިޔާލުތައް އަރާ ފައިބަމުން ދިޔައެވެ. އެ ޚިޔާލުތަކާއި އެމީހުންގެ އުންމީދުތަކާ ގުޅިފައިވެއެވެ. ކުޑަކުޑަ މިންޙާ ދުވެލާފައި އުޅޭ ގޮތަކާއި ދޭތެރެއަކުން އެންމެންގެ ސަމާލުކަން ހޯދާލާ ގޮތުން ހުރިހާ އެންމެންގެ މޫނުތަކަށް އުފާވެރިކަން ވެރިކުރުވައެވެ. ކޮޓަރިއަށް ދިޔަ ހައިކަލް އެނބުރި އައިސް ވަކިން ހުރި ސޯފާ ގޮނޑީގައި އިށީނދެލައިގެން އިން ގޮތުން ލޫކަންއަށް އޭނާގެ ބައްޕަ ޤައިސް ސިފަވިއެވެ. ދަރިފުޅާ ސަމާސާކޮށްލާ ޒޭން ސިފަވެގެން އައީ ޚުދު ލޫކަންގެ ގޮތުގައެވެ. ހިނިތުންވެލައިގެން އިން ޔާނާއަކީ ލޫކްގެ ދިރިއުޅުމަށް ޚާއްޞަވީ އައިރާއެވެ. ލޫކަންގެ އުންމީދަކީ އަދި އޭނާގެ ހުވަފެނަކީ އެއީއެވެ. އައިރާއަކީ އޭނާގެ މީހަކަށް ވުމާއެކު އޭނާގެ ކުޑަކުޑަ ޢާއިލާއަށް އުފާވެރިކަމާއި ދިރުން ގެނެސްދޭ ސަބަބުކަމުގައި އައިރާގެ ބަނޑުގައިވާ ދަރިފުޅު ވުމެވެ. ލޮލަށް ފެނުމުގެ ކުރީން ލޫކަންގެ ހިތުން އެ ތުއްތު ފުރާނަ ޖާގަ ހޯދައިފިއެވެ. ދުވަހަކު ވެސް ބައްޕައަކަށްވުމުގެ އިހުސާސަކީ ކޮބައިކަން ނޭނގުނު ނަމަވެސް އައިރާގެ ދަރިފުޅު ބަލައިގަންނަން އޭނާ ހުރީ ރުހިގެންނެވެ. އަމިއްލަ ހައްޤަކަށް ދުވަހަކު ނުވާނެކަން އެނގޭ އިރު ވެސް މެއެވެ.
"ޔާން! ދޭބަލަ އައިރާއަށް ބަގީޗާ ދައްކާލަން. މި ލޫކްގެ ފޮނިވާހަކަ އަޑުއަހާ އަހާ އެ އިނީ ފޫހިވެފަ" ޒޭން ބުނެލި އެއްޗަކުން ޚިޔާލީ ގޮތަކަށް މިންޙާއަށް ނަޒަރު ހުއްޓާލައިގެން އިން ލޫކަން ބަލާލިއެވެ.
ގޭގެ އެއްފަރާތުގައި އޮތް ހުސްތަނުގައި ހުރި މާތައް ފެނި އައިރާ ހައިރާން ވިއެވެ. ހިތްހަމަޖެހޭ މަންޒަރަކަށް އެ މަންޒަރު ވިއެވެ. ގަޔާވެފައި މިފަހަރު ޔާނާއާ ވާހަކަދައްކާނޭ މައުޟުޢުއެއް އައިރާއަށް ލިބުނެވެ. އެހާ ބަލައިގެން ގަސްތައް ބަލަހައްޓާ ގޮތަކާ މެދު އައިރާ ސުވާލު ކުރިއެވެ. އެމީހުންގެ ފަހަތުން ޒޭންއާއި ލޫކަން އައިސް މަޑުކޮށްލިއެވެ.
"މީ ގޭގަ ހުރެގެން ޔާނާ ކުރާ މަސައްކަތްތަ" މާގަސްތަކަށް ބަލާލުމާއެކު ލޫކަން އަހާލިއެވެ.
"އެއީ އަހަރެންގެ މަންމަގެ ދުނިޔޭގައި ހައްދަންފެށި ކުޑަކުޑަ ބަގީޗާއެއް. ޔާން މިގެއަށް އަންނަންދެން ހުސްނައްތަ ބަލަހައްޓަމުން އައީ... މިހާރު ދެން ޔާން ވެސް ވަރަށް ގަސް އިންދަން އުޅޭނެ. އެކަމަކު އޭނާ އިންދާ ގަހެއް ދުވަހަކު ވެސް ރޯވާ ގޮތެއްނުވޭ" ޒޭންގެ ވާހަކަ ނިންމާލީ ޔާނާއާ ދިމާކޮށްލާ ފަދަ ސަމާސާއަކުންނެވެ. ލޫކަން ހީނގަތްއިރު އައިރާއަށް ވެސް ހުރެވުނީ ހިނިއައިސްފަ އެވެ. ޒޭންގެ ގައިގާ ޔާނާ މޫނު ހަދާލުމާއެކު ވިކައިގަތެވެ.
"ޒޭންގެ އަނގަޔާ ހެދި ގަހެއް ނުހެދެނީ" ޔާނާ އައިސް ޒޭންގެ ގާތުގައި ހުއްޓިލިއެވެ. އެއާއެކު ނިކަން ލޯބިން ޒޭން އޭނާގެ އަންހެނުންގެ ކޮނޑުގައި ހިފާ ގާތްކޮށްލި އެވެ.
"ބޭނުންވެފައި ނުހުރެ މަލެއް ބިނދެލަބަލަ... އައިރާ ބޭނުން ކޮންމެ މަލެއް ގެންދަންވީ ހަމަ" ޔާނާ ބުނެލިއެވެ.
"އަހަރެން ވެސް މަލެއް ބިނދެލަންތަ؟" ފަޓުލޫނުގެ އަރިމަތީ ޖީބަށް ދެއަތްތިލަ ކޮށްޕާލައިގެން ހުރެ ލޫކަން އެނބުރި ޔާނާއަށް ބަލާލި އެވެ.
"އައިރާއަށް ދޭންނަމަ އޯކޭ. އެހެންމީހަކަށް ދޭކަށް ނުލިބޭނެ" ޔާނާ މިހެން ބުނުމާއެކު އައިރާ ކުއްލިއަކަށް ބަލާލީ ހައިރާން ވެއެވެ. ޔާނާ އެފަދަ އެއްޗެއް އެ ބުނީ ކީއްވެ ކަމާމެދު އައިރާ ހައިރާން ވިއެވެ. ޒޭންއާއި ޔާނާގެ ނަޒަރުގައި އޭނާއަކީ ލޫކަންގެ ކާކުބާ އެވެ. ޔާނާ ހީނގަތުމާއެކު ލޫކަން ލޯ ހިމަކޮށްލިއެވެ. އެތަން ފެނުމާއެކު އަނެއްކާ ވެސް އައިރާގެ ހިތަށް ސުވާލުތައް ބޮނޑިވެގަތެވެ. ލޫކަންއާއި އައިރާއެކުގައި ފެނުމުން މާނައެއްނެތް ގޮތެއްގައި އެ ދެމީހުންނާ ޔާނާ ދިމާކޮށްލީ ނޫންކަމެއް ވެސް ނޭނގެއެވެ. ޒޭން ފަދައިން ޔާނާގެ ވެސް ހުންނަނީ ސަކަ މިޒާޖެކެވެ. ވީއިރު ޔާނާ އެހެން ބުނެލާ ކޮންމެ އެއްޗަކުން މާނައެއް ނުނެގުން ބުއްދިވެރިކަމުގައި އައިރާއަށް ވިސްނުނެވެ.
"ސާބަސް ޔާންއަށް. ލޫކްގެ ހިތުގައި އޮތް އެއްޗެއް އަހަރުމެންނަށް އެނގުނަސް އައިރާގެ ހިތުގައި އޮތް އެއްޗެއް އަހަރުމެންނަކަށް ނޭނގޭ" ސިއްރުން ޔާނާގެ ގާތުގައި ޒޭން ބުނެލި އެވެ. އޭރު އެ ދެ މީހުން ވެސް ތިބީ މާގަސްތަކުގެ ކައިރީ އުޅޭ ލޫކަންއާއި އައިރާއަށް ބަލާށެވެ.
"އަހަންނަށް އެނގޭ އައިރާގެ ގޮތް... އޭނާއަކީ ހުދު އޯކިޑުމަލެއް... ޒޭން ބަލަން ހުންނައްޗޭ... ހާލަތު ތަފާތު ނަމަވެސް އެއީ ހަމަ ހުދު އޯކިޑުމަލެއް" މަޢުނަވީ ހިނިތުންވުމަކާއެކު ޔާނާ ބުނެލީ ޔަގީން ކަމާއެކުއެވެ.
"ލޫކް އެއީ ރަތް ފިނިފެންމަލެކޭ ނުބުނައްޗޭ" ހިނިއައިސްފައި ހުރެ ޒޭން ބުނެލިއެވެ.
"ކީއްވެ ނުބުނަންވީ؟ ބަލާބަލަ... ލޫކް އެ އުޅެނީ ފިނިފެންމަލެއް ބިންނަން؟ އެކަމަކު އައިރާ އެ ހުރީ ކޮންތާކު؟ އޯކިޑު މާތަކަށް ބަލަން. އޭނާ ބިންނާނީ އޯކިޑު މަލެއްކަން ޔަގީން... އެ ދެމީހުންގެ ހިތުގައިވާ އެއްޗެއް ސާފު. ހަނދާން އެބަހުރިތަ! ހުދު އޯކިޑު މަލުގެ މައްޗަށް ރަތް ފިނިފެންމާ ކުރި ހޯދިގޮތް... ހީވެސް ނުކުރާ ފަދަ ގޮތަކައްނު އެކަން ހިނގީ. މިވެސް އެފަދަ ލޯތްބެއް! އެ ދެމީހުންނަށް ނޭނގުނު ކަމުގައި ވިޔަސް ތަޤުދީރު އެ ދެ މީހުން ބައްދަލުކުރުމަށް ޓަކައި ރާވާފައިވަނީ މާސްޓާޕްލޭނެއް. އެންމެ އިންތިޒާރު ކުރެވެނީ އެވަގުތު ޖެހޭނެ އިރަކަށް... ރަތްފިނިފެންމަލަށް ފުރުޞަތު ލިބޭނެ ވަގުތަށް... ހުދުއޯކިޑުމަލަށް އޮތް ލޯތްބާއެކު ރަތްފިނިފެންމާ ވެސް ބަލައިގަންނާނެ ދުވަހަކަށް"
"ޔާން ހާދަ މޮޅޭ... އަހަރެން ވަރަށް ބޭނުން އެ ދެމީހުން ގުޅެން. އައިރާދެކެ ލޫކް ވަރަށް ލޯބިވޭ" ސިއްރުން ވާހަކަ ދައްކަމުންދިޔަ ޒޭންއާއި ޔާނާ ތިބީ ލޫކަންއާއި އައިރާއަށް ބަލާށެވެ. އެމީހުންގެ ލޮލުން އުންމީދުގެ ވިދުން ފާޅުވޭވޭ ހުއްޓެވެ. ލޫކަންއާއި އައިރާއަކީ ހީކުރި ވަރަށްވުރެ ވެސް އެ މީހުނާ ގާތް ބައެއްގެ ގޮތުގައި އިހުސާސް ކުރެވުނެވެ.
ޚިޔާލުތަކުގެ ތެރެއަށް ގެއްލިފައި އައިރާއަށް ހުރެވުނެވެ. ނިޔާނުގެ ޚިޔާލުގައެވެ. އެއީ ނިޔާނާއެކު އައިރާއާއި ލިޒީ ބައިވެރިވި ފުރަތަމަ ބާބެކިއު އެވެ. އެރޭ އައިރާ އަޅައިގެން ހުރި އޯކިޑުކުލައިގެ ޝޯލްއާއެކު ނިޔާނު އޭނާ ސިފަކޮށްފައިވަނީ އޯކިޑު މަލެއް ފަދައިންނެވެ. ތުންފަތައް ވެރިވި ހިނިތުންވުމާއެކު ކުރިއަށް ދަމާލި އަތުން އައިރާ އޯކިޑު މާ ކޯންޏެއް ބިނދެލިއެވެ. ބިންވަޅުނެގިފައިވާ ލޯބީގެ ހަނދާނުގައި މާތަކާ އިނގިލިތަކުން ކުޅެލިއެވެ. ހިތަށްވެރިވި ފިނިކަމާއެކު ފުންނޭވާއެއް އައިރާއަށް ދޫކޮށްލެވުނެވެ. އަދި އެނބުރިލީ ހިނދު އޭނާއަށް ހައިރާންކަން ލިބިގެން ދިޔައެވެ. ރަތްފިނިފެންމަލެއް ހިފަހައްޓާލައިގެން ކައިރީ ހުރި ލޫކަން ފެނިފައެވެ. އައިރާ ބަލާލުމާއެކު އޭނާ ނިކަން އަވަހަށް ފިނިފެންމާ ދިއްކޮށްލިއެވެ. އެ މަންޒަރު ބަލަން ހުރި ޔާނާ ލޮލުން ޒޭންއަށް ކަމެއް އަންގާލުމާއެކު ހެވިފައި ޒޭންގެ ގައިގާ ބައްދާލީ އުފަލުންނެވެ.
"އައިރާއަށޭ މީ... ދެން ތިހެން ނުހުރެ ހިފާބަލަ" ލޫކަން މަޑުމަޑުން ބުނެލިއެވެ.
"ތެންކިއު" ލޫކަން އެދުމުން ނުހިފާ ހުންނަން ނުކެރިގެން އައިރާ މަލުގައި ހިފިއެވެ.
އައިރާ ގޮވައިގެން ލޫކަން ގެއަށް ދާން ނުކުތުމާއެކު ޔާނާ އެދުނީ އެގެއަށް އަދި އަންނާންވާނެ ކަމުގައެވެ. ޒޭން ވެސް ހުރީ އެކަމަށް އެދި އެދިއެވެ. އޭނާގެ ކާރުގައި ލޫކަން ހުޅުމާލޭ ފެރީ ގިމަތައަށް ގެންގޮސްދޭން އުޅުމުން އެކަމާ ލޫކަން އެއްބަހެއް ނުވިއެވެ. އޭނާ އެދުނީ ޢާއިލާގެ ގާތުގައި ޒޭން މަޑުކުރުމަށެވެ. އޭނާގެ ބައްޕަގެ ކާރު ގުޅާލުމުން އެ މީހުން ބަލާ އަންނާނެ ކަމުގައެވެ. އެއީ ދޮގެއް ނޫނެވެ. އެންމެން އެކުގައި ދޮރޯށި ދޮށުގައި ތިއްބާ ޤައިސް ދަތުރުކުރާ ކާރު އައިސް އެ ގޭގެ ދޮރުމައްޗަށް މަޑުކޮށްލައިފިއެވެ.
"ބާއި... ޕްލީޒް އަދި އަނައްޗޭ" އައިރާގެ ގައިގާ ބައްދާލުމާއެކު ޔާނާ ބުނެލިއެވެ. އެއްވެސް ޔަގީންކަމެއް އައިރާއަށް ނެތްނަމަވެސް އެއްބަސްވުމުގެ ގޮތުން އައިރާ ބޯޖަހާލިއެވެ.
ކާރުގެ ފަހަތު ސީޓުގައި އައިރާއާއި ލޫކަން ތިއްބެވެ. އެމީހުންގެ އެއްވެސް ހަރަކާތަކަށް ޑްރައިވަރުގެ ސަމާލުކަމެއް ނުވެއެވެ. ހިމޭންކަން ނައްތާލަމުން ލޫކަން ވާހަކަ ދެއްކިއެވެ.
"މިހާރު މިދަނީ ގެއަށްދާން. ސޮރީ އިނގޭ ކުރީން ނުބުނެ މިގޮތަކަށް ކަންތައް ކުރީމަ. އެހެންކަންތައް ކުރާން ޖެހުނީ އައިރާގެ ސަބަބުން. އަހަރެން ބުންޏަސް އައިރާ އެއްބަސް ނުވެދާނެތީވެ. ޒޭންއާ އައިރާ ބައްދަލު ކޮށްދޭން އަހަރެން ހުރީ ވަރަށް ބޭނުންވެފައި. އޭނަ އަހަންނަށް ސްކޭންގެ ކަންކަން ހަމަޖައްސައި ދިނީ... އަހަރެން އައިރާ ގެންނަކަން އެނގުނީމަ ޒޭން އަމިއްލައަށް އެދުނީ އައިރާ ގޮވައިގެން އެގެއަށް ކާން އައުމަށް"
"ވަރަށް ރަނގަޅު ބައެއްހެން އެމީހުން ހީވަނީ" އަތުގައި އޮތް އޯކިޑު މާ ކޯންޏާއި ރަތްފިނިފެންމަލަށް ބަލަން އިނދެ އައިރާ ބުނެލިއެވެ. ލިޒީއަށްފަހު އޭނާއަށް އިތުރު މީހެއްގެ ފަރާތުން އެހާ ގާތްކަން އިހުސާސް ކުރެވުނު މީ ފުރަތަމަ ފަހަރެވެ.
"ތީގެ މާނައަކީ އައިރާ އަހަރެންދެކެ ރުޅިއެއް ނާދެއޭތަ؟" ކުޑަކޮށް އައިރާއާ ވީފަރާތަށް ހަށިގަނޑު އަރިކޮށްލަމުން ލޫކަން އަހާލިއެވެ. އެ ސުވާލަށް އައިރާ އެއްވެސް ޖަވާބެއް ނުދިނެވެ. އޭނާ ދޮރުގެ ބިއްލޫރިގަނޑުން ބޭރު ބަލަން ފެށިގޮތުން އައިރާ ޖަވާބެއް ދޭން ބޭނުން ނުވީކަން ލޫކަންއަށް އެނގުނެވެ. އިތުރު އެއްޗެއް ނުބުނީ އެހެންވެއެވެ. ނަމަވެސް މިއަދު އޭނާ އެ އިނީ ވަރަށް އުފަލުންނެވެ. އައިރާއެކު އޭނާ ހީނުކުރާހާ ގިނަ ވަގުތު ހޭދަވެއްޖެ އެވެ. ގާތްކަމެއް ވެސް އިހުސާސް ކުރެވިގެން ހިނގައްޖެއެވެ. މަޑުމަޑުން އައިރާގެ ހިތް ފަތަޙަ ކުރުމުގެ ޢަޒުމް އިހުނަށްވުރެ ވަރުގަދަވެގެން ދިޔައެވެ. މޮޔައަކުހެން ހިނިތުންވެފައި ލޫކަން އިނެވެ.
* * *
ރަކިހިނި ހޭއަޑު ބޮޑުކޮޓަރީގައި ހަރުލާފައި ހުއްޓެވެ. ތާކުން ތާކު ނުޖެހޭ ވާހަކަތައް ތިން އަންހެނުންގެ މެދުގައި ދައްކާފައި ހޭއިރު އެ މީހުންގެ ބޮޑާކަން ހިތުގެ ކަޅުކަންހާ ހާމަވެއެވެ. ހިތަށް އެއްޗެއް އެރުމަކާ ނުލާ މީހުންނެއްތާ އެމީހުންގެ މަސް ކައްޓާއެކީ ހަފާ ކެއުމަކީ އާންމުކަމެކެވެ. ވިސްނުމުގެ ކޮށިކަމާއެކު ތިމާއަށް ނުލިބޭ މޮޅުކަމެއް އެހެންމީހުނަށް ލިބިގެންނުވާނެ ފަދައެވެ.
"އަދިވެސް އެ އަންހެނާ އެބަ ގެންގުޅެންތަ؟ މިގެއިން ނެރިލާކަށް ނުވޭތަ؟" ހިދާ ބުންޏެވެ. އެއާއެކު ރުބީނާގެ މޫނުމަތިން ފޫހިކަމުގެ އަސަރުތައް ފާޅުވިއެވެ. (ނުނިމޭ)