ހަބަރު

މާދަމާ ޑރ. ހަސަން ބުހާރީގެ ހާއްސަ ދަރުހެއް

ޑރ. ހަސަން ބިން އަބްދުލް ޙަމީދު ބިން އަބްދުލް ހަކީމް ބުހާރީ މާދަމާގެ މަގްރިބް ނަމާދަށް ފަހު މަސްޖިދުއްސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމްގައި ތަގްރީރު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ހަސަން ބުހާރީ މާދަމާގެ މަގްރިބް ނަމާދަށްފަހު މަސްޖިދުއްސުލްތާން މުހައްމަދު ތަކުރުފާނުލްއައުޒަމްގައި ދަރުސް ދެއްވާނެ ކަމަށާއި ދަރުސް އޮންނާނީ ހަމަޖެހިފައިވަނީ އާންމުންނަށް ހުޅުވާލައިގެން ކަމަށެވެ. ދަރުހުގެ މައުލޫއަކީ "އިސްލާމީ އެއްބައިވަންތަކަމާ އޭގެ ސަބަބުން މުޖުތަމައަށް ކުރާ އަސަރުތައް" ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީގެ ދައުވަތަކަށް ހަސަން ބުހާރީ ރާއްޖެ ވަޑައިގެންފައި ވަނީ މިދިޔަ އަންގާރަ ދުވަހު އެވެ. ދަތުރުފުޅުގައި ރާއްޖޭގައި ހަ ދުވަހުގެ މަޑު ކުރައްވާނެ އެވެ. މި ދަތުރުގައި ރާއްޖޭގެ ދީނީ ބައެއް މުއައްސަސާތައް ކަމަށްވާ އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހާއި، ދރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ ރާއްޖޭގެ ބައެއް އެންޖީއޯތަކާ ބައްދަލު ކުރެއްވުމަށް ހަމަޖެހިފަވާ ކަމަށް މިނިސްޓަރީން ބުންޏެވެ.

މިނިސްޓްރީން ބުނީ ހަސަން ބުހާރި ރާއްޖޭގައި ތިއްބެވި ސައުދީ ގްރެޖުއޭޓުންނާއި ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީގެ ބޭފުޅުންނާ ވެސް ބައްދަލު ކުރަން ހަމަޖެހިފައިވާ ކަމަށެވެ. އަދި ރާއްޖޭގައި އިމާމުންނާ ހަތީބުންގެ ގޮތުގައި މަސައްކަތް ކުރަމުން ގެންދާ ފަރާތްތަކާ ބައްދަލުކޮށް އެބޭފުޅުންނަށް ހާއްސަ ދީނީ ނަސޭހަތް ދެއްވުމަށް ވެސް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

ހަސަން ބުހާރީ އަކީ ސައުދީގެ އުއްމުލްގުރާ ޔުނިވާސިޓީގެ ޑީން އެއްގެ އިތުރުން މަސްޖިދުލްހަރާމް ގެ މުދައްރިސްކަން ވެސް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ޙަސަން ބުހާރީ ވަނީ 1436 ވަނަ އަހަރު މަސްޖިދުލްހަރާމްގައި އިމާމްވެ ތަރާވީހު ނަމާދު ވެސް ކުރައްވާފައެވެ.