ލައިފްސްޓައިލް

ތުއްތު ކުދިން އިތުރަށް ލޯބިކޮށްލަން މިވަރެއް ނެތް!

ތުއްތު ދަރިފުޅަށް ބޭނުންވާ ކަހަލަ ޓީޝާޓެެއް ނުލިބިގެން ވަރަށް ތަނުގައި ދުއްވައިފި އެވެ. ބޭނުންވަނީ އެ އުމުރުގެ ކުއްޖަކާ ގުޅޭކަހަލަ ސިމްޕަލް ރީތި ލިޔުމެއް ހުންނަ އެއްޗެއް ގަންނާށެވެ. ތިހުރިހާ ބޭކާރު ދުއްވުންތަކެއް ދުއްވާނެ ކަމެއް ނެތެވެ.

ފޭސްބުކް ނުވަތަ އިންސްޓަގްރާމް އަށް ލޮގިން ވެލާފައި "ވޯޓާމެލަން އެމްވީ" އަށް މެސެޖެއް ކޮށްލާށެވެ. ކިތަންމެ ތަފާތު ނަމެއް ނަމަވެސް އެއަށް ބަލަނެ ކަމެއް ނެތެވެ. ބޭނުން ޑިޒައިނަކަށް އެ ސައިޒެއްގެ ޓީޝާޓަކަށް ޕްރިންޓްކޮށްލަ ދޭނެ އެވެ. އެއީ އައިޝަތު ނަތާޝާ އަށް އުނދަގޫ ކަމެއް ނޫނެވެ. ވޯޓާމެލަން އެމްވީ ނުވަތަ ނަތާޝާ އާންމުކޮށް އޯޑަރުތައް ނަގައިގެން އެ މަސައްކަތް ކުރާތާ މާގިނަ ދުވަހެއް ނުވެ އެވެ. ގާތްގަނޑަކަށް އަށް ވަރަކަށް މަހެވެ.

އެހެން ނަމަވެސް ނަތާޝާގެ މަސައްކަތްތައް ވަރަށް ކާމިޔާބެވެ. ތިން އަހަރު ކުރިން ފުރަތަމަ ދަރިފުޅަށް ހާއްސަކޮށްގެން ތައްޔާރުކުރި "ކްލޯތް ބުކް" ވެސް ގިނަ ބަޔަކަށް ކަމުގޮސް އޯޑަރަށް ހަދަން ފެށީ އެވެ. ދަރިފުޅަށް ހާއްސަ ކޮށްލުމަށް އެންމެ ފުރަތަމަ ޓީޝާޓެއް ތައްޔާރުކުރީ "ސޮނި ބޮކި" ޖަހާފަ އެވެ. ދެވަނަ ދަރިފުޅަށް "ފެން ބޮކި" ޖަހާފަ އެވެ. ކަސްޓަމަރުންގެ އޯޑަރުތައް ނަގަން ފެށީ އާއިލާ އާ ރައްޓެހިންނަށް ރީތިވެ އެކަން ނަތާޝާގެ ހުރިހާ ޝައުގުވެރިކަމެއް ދަމައިގަނެގެންނެވެ.

ޓީޝާޓް ޕްރިންޓިން އަށް ނަތާޝާގެ ޝައުގުވެރިކަން ފޮތް ތައްޔާރު ކުރުމުގެ ތެރެއިންނެވެ. ފުރަތަމަ ދަރިފުޅަށް ބަލިވެ އިނދެ ވަޒީފާއަށް ނުގޮސް ގޭގައި މަޑުކުރަން ފެށުމުން މަސައްކަތެއް ކުރުމަށެވެ. ނިކަން ކާމިޔާބެވެ. ކުޑަ ދެ ކުދިން ގޮވައިގެން ގޭގައި ހުރިހާ ކަމެއް ބަލަހައްޓަމުން ނަތާޝާއަށް އާންމުކޮށް 10 ވަރަކަށް ޓީޝާޓު ދުވާލެއްގެ މައްޗަށް ނިންމާލެވެ އެވެ. އެންމެ އުނދަގޫ ޑިޒައިންތަކުގެ ޓީޝާޓުތައްވެސް 45 ވަރަކަށް މިނެޓުން ނިންމާލެވެ އެވެ. ކުރިން ހަދާފައި އިން ޑިޒައިނެއް ވެއްޖެޔާ މާގިނަ ވަގުތެއް ބޭނުމެއް ނުވެ އެވެ.

"ފުރަތަމަ ދަރިފުޅަށް ހެދީ ސޮނިބޮކި. އަނެކަލަށް ހެދީ ފެން ބޮކި. ދެން އޭތި ހެދީމަ އެންމެންނަށް އޭތި ރީތި ވީ. ރީތިވެގެން އޯޑަރު އަންނަން ފެށީމަ ދެން އޭތީގެ އެކި ޑިޒައިންތައް ހަދާފައި ލާން ފެއްޓީމަ އޯޑާސްތައް ވަރަށް ލިބޭ. އެކި މީހުން މިހާރު ދޮންދޫނި ކަހަލަ އެއްޗެހި ބޭނުންވަނީ،" ނަތާޝާ ބުންޏެވެ."އީދު އަންނަން އުޅުނު އިރު ދުވާލަކު 10 ވެސް ނިންމަން. ބައެއް ފަހަރު ދަންވަންދެން ހޭލާ ހުރެގެން ނިންމަނީ،"

ހަމައެކަނި ކުޑަކުދިންނަކަށް ނޫނެވެ. ބޮޑެތި މީހުންގެ ޓީޝާޓް ފަދަ ތަކެއްޗަށްވެސް ނަތާޝާ ޑިޒައިންތައް ޕްރިންޓްކޮށްދެ އެވެ. އެކަމަކު އޭނާ އެންމެ ޝައުގުވެރީ ކުޑަކުދިންގެ އެއްޗެއްސަށެވެ. އަގުވެސް ވަރަށް އެކަށޭނަ އެވެ. އެންމެ އަގުބޮޑުވެގެންވެސް އަރާނީ 300 ރުފިޔާ އަށެވެ. ހިލޭ ޑެލިވަރީ ކޮށްދެ އެވެ. ގޭގައި ހުރެގެން ކުރަން ކިތަންމެ ހާވެސް ރަނގަޅު މަސައްކަތެކެވެ. ގާތްގަނޑަކަށް މަހަކު 10،000 އާއި 12،000 އާއި ދެމެދުގެ އާމްދަނީއެއް ލިބެ އެވެ.

ޓީޝާޓް އެކަންޏެއް ނޫނެވެ. ސްކޫލްތައް ހުޅުވެން ތައްޔާރުވަމުން އައި އިރު ދަބަސް އަދި އިންޓަވަލް ފުޅީގައިވެސް ޕްރިންޓް ކޮށްދިނެވެ. ކުއްޖާގެ ނަމާ ކާޓޫން ކެރެކްޓާއެއް ބޭނުން ނަމަ އެއާވެސް އެކުގަ އެވެ. މަހެއްދާ ދުވަސް ތެރޭ 100 ވަރަކަށް ފުޅީގައި ނަން ޖަހައި ޕްރިންޓް ކުރި އެވެ. ކުދިންގެ ދަބަހުގައިވެސް ޕްރންޓްކޮށްދެ އެވެ. ތުއްތު ކުދިން ގެންގުޅޭ ބެލެނިވެރިންނަށް މިއީ ވަރަށް ރަނގަޅު ފުުރުސަތެކެވެ. ކުއްޖާގެ އެއްޗެހީގައި ރީތިކޮށް ނަން ޖަހާލައި ކުއްޖާގެ އެއްޗެހި ވަކިކުރެވޭނެ އެވެ.

އެވަރުން ނިމުނީކީ ނޫނެވެ. ވުޟޫ ބޯޑުތައް ކަހަލަ އެޑިއުކޭޝަނަލް ބޯޑުތައްވެސް ތައްޔާރުކޮށްދެ އެވެ. ކުދިންނަށް ދަސްކުރަން ފަސޭހަ ގޮތަކަށެވެ. ގޭގެއަށް ގޮސް ފާރުގައި ނަން ޖަހާލާ އެއްޗެހި ކުރަހއިވެސްދެ އެވެ. އެކަމަކުވެސް އެންމެ ފެވަރިޓަކީ ހެދުން ތައްޔާރުކުުރުމެވެ. އަދި އެއްވެސް ނެގަޓިޒް ކޮމެންޓެއްވެސް ނާދެ އެވެ.

މާކުރިން ނަތާޝާއަށް އޯޑަރު ދޭކަށްވެސް ނުޖެހެ އެވެ. އެންމެ މަދުވެގެން ދެ ދުވަސް ދޭން ވާނެ އެވެ. އެންމެ ހިންހަމަ ޖެހިގެން މަސައްކަތް ނިންމާލެވެނީ އޭރުންނެވެ.

ނަތާޝާގެ އުފެއްދުންތައް އައްޑޫއަށް ގެންދިއުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.