ރިޕޯޓް

45 ގެ އަޑާއި ނުފޫޒު ވަރަށްވެސް ގަދަވެއްޖެ!

މި ދުވަސްކޮޅު ނޫސްތަކުގެ ފަލަ ސުރުހީތަކުން އެންމެ ބޮޑަށް ޖާގަ ހޯދަނީ މަޖިލީހުގެ ރައީސް ބޭރު ކުރަން ނިކުތް 45 މެންބަރުންނާ ގުޅޭ ވާހަކައިން އެވެ. ގިނައިން މީހުން އެއްވިޔަސް 45 މެންބަރުންނާ ބެހޭ ގޮތުން ބަހުސްކޮށް ދައްކާ ވާހަކަތަކެވެ. އަނބުރާ ގެއަށް ވަދެ ފޭސްބުކާއި ޓްވިޓަރު ހުޅުވާލާ އިރު އެތާނގައި ވެސް އެ ނޫން ދެން އެހެން ވާހަކައެއް ނެތެވެ.

ސިޔާސީ މަސްރަހަށް ގުޑުން އަރުވާލި އެ 45، ގެ ވާހަކަ ދައުރު ވަނީ "ރޮކެޓު ސްޕީޑަށް" ވުރެ ބާރަށެވެ. އެ މެންބަރުންގެ ވާހަކަތައް މިހާރު ވަނީ މަޖިލީހުގެ ތަޅުމާއި ސިޔާސި ޕޯޑިއަމްތަކުން ވެސް ބޭރަށް ނިކުމެ ސޯޝަލް މީޑިއާ ތެރޭގައި ނިކަން ރަނގަޅަށް ވައިގައި ހިފައިފަ އެވެ. އެއީ ސިޔާސީ ހޫނުގަދަ މައްސަލައަކާ ގުޅުން އޮތް ނަމްބަރެއް ނަމަވެސް މިހާރު އެއީ އެތައް ބަޔެއްގެ ހާއްސަ ނަމްބަރެވެ. މި 45 ޓްރެންޑު ވަނީ މިހާރު ލަކީ ނަމްބަރުގެ ގޮތުގަ އެވެ.

ސާޅީސްފަހެއްގެ މަގުބޫލްކަން މިވަނީ ޓްވިޓާ އާއި ފޭސްބުކް އަދި އިންސްޓާގްރާމްގައި ނިކަން ރަނގަޅަށް ވައިގައި ހިފައިފަ އެވެ. ފޭސްބުކްގައި އެއް ބަޔަކު ބުނަނީ ސްޓޭޓަސްތަކަށް 45 ލައިކު ލިބިއްޖެ ނަމަ ކެއުމެއް ދޭނެ ކަމަށެވެ. އަދި 45 ރުފިޔާގެ ފީއެއް ޖަހާލުމަކީ ވެސް ޓްރެންޑަކަށް މިއޮތީ ބަދަލުވެފަ އެވެ.

ސިޔާސީ ގޮތުން އެންމެ އަޑުގަދަ ޖަގަހަ ކަމަށްވާ، ޓްވިޓާ ތެރޭގައި ވެސް 45 އަކާ ގުޅޭ ހޭޝްޓެގުގެ ނުފޫޒު މިއޮތީ މާބޮޑަށް ގަދަވެފަ އެވެ. އެ ނަމްބަރުގެ މަޖާ ސޯޝަލް މީޑިއާ ތެރޭގައި އެއްބަޔަކު ނަގަމުން އަންނަ އިރު 45 ގެ މައްސަލައިގައި ސިޔާސީ މައިދާން ކެކިނަގަނީ އެވެ. ސަރުކާރާއި އިދިކޮޅު ފަރާތްތަކުން އެ މައުލޫގައި ބަދަލު ކުރާ ބަހުސްތައް ވަރަށް ވެސް ހޫނެވެ.

ނަމަވެސް އެހެން ފަރާތްތަކުން އެ ނަމްބަރު ބޭނުން ކުރަނީ މަޖާނެގުމުގެ ގޮތުން އެވެ. ސަމާސާ ކޮށްލުމަށެވެ. އަދި އެ ނަމްބަރު މިހާރު މި އޮތީ ކާމިޔާބީ ގޮތުގައި ސިފަ ކުރެވިފަ އެވެ. އެންމެންނަށް ވެސް މިހާރު 45 ނަމްބަރު ވަރެއް ނެތެވެ. އެގޮތުން "އުންމީދަކީ 45" އާއި"ޕަވާ އޮފް ފޯޓީފައިވް" އަކީ އެންމެ އަދޫގަދަ ހޭޝްޓެގްތަކެވެ. އަދި ސްނެޕްޗެޓް ސްޓޯރީއެއް އަޕްލޯޑު ކުރާ އިރުވެސް 45 ނަމްބަރު ކޮންމެވެސް ދިމާލެއްގައި ޖަހާނުލައެއް ނުދެ އެވެ.

ދިވެހިންނަށް އާންމު ގޮތެއްގައި ވާހެން މި އޮތީ "ސާޅީސްފަހެއް"ގެ ސީޒަނެއް އައިސްފަ އެވެ. އެހެން ވީމާ ދިވެހިންގެ ލަކީ ނަމްބަރަކީ އަދި ދިވެހިންގެ ތެރޭގައި އެންމެ ނުފޫޒުގަދަ ނަމްބަރަކީ ވެސް ހަމަ 45 އަށް މި އޮތީވެފަ އެވެ.