މިދިޔަ ބުދަ ދުވަހުގެ ހަވީރު އަލިމަސް ކާނިވާ ސަރަހައްދުގައި ހަރަކާތެއް ބޭއްވި އެވެ. ގާތްގަނޑަކަށް 200 އެއްހާ މީހުން އެއްވެގެން މި ހަރަކާތް ބޭއްވީ ރައީސް އަބްދުﷲ ޔާމީންއަށް އޮތް ތާއީދު ދައްކާލަނީ ކަމަށް ބުނެ އެވެ. ސަރުކާރަކުން ތާއީދު އޮތްކަން ދައްކަން އެއީ ކުރަން މައްސަލައެއް އޮތް ކަމެއް ނޫނެވެ. އެހެން ނަމަވެސް އެތައް ބަޔަކު އެއްތަނަކަށް އެއްވެ ބޭއްވި އެ ހަރަކާތުގެ ފޮޓޯތައް ސޯޝަލް މީޑިއާތަކަށް ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކާއި އެކްޓިވިސްޓުން ދޫކޮށްލީ "ހުރިހާ ޒުވާނުން އެއް ފޮޓޮއެއްގައި" ކަމަށް ސިފަ ކުރުވާފަ އެވެ. އަދި އެ ފޮޓޯތަކުގައި ހިފައިގެން ދައުލަތުގެ އިސް މަގާމުތަކުގައި ހުރި ބައެއް ފަރާތްތަކުން ވެސް ބުނަމުން ދިޔައީ ރައީސް ޔާމީނާއެކު ހުރިހާ ޒުވާނުން ތިބި ކަން ދައްކާލެވިއްޖެ ކަމަށެވެ. އެއީ ހުރިހާ ޒުވާނުން ކަމަށް ވާނެ ގޮތަކީ ކޮބައި ހެއްޔެވެ؟
އެއް ކަމެއް ވަރަށް ސާފެވެ. ފޮޓޯތަކުން އެ ފެންނަނީ މުސްކުޅިންނެއް ނޫނެވެ. އެއީ ހަމަ ދިވެހި ޒުވާނުންނެވެ. ނަމަވެސް އެތަނުގައި ތިބި މީހުންނަކީ ރާއްޖޭގެ ހުރިހާ ޒުވާނުންނަށް ވާންވީ ގޮތެއް އެއްގޮތަކަށް ވެސް ނުވިސްނުނެވެ. އަދި އެއިން ދިވެހި ހުރިހާ ޒުވާނުންގެ ތާއީދު ފެންނަ ގޮތެއް ވެސް ނޭންގުނެވެ. އެނގޭހާވެސް އެއްޗަކީ އެތަނުގައި ތިބެ މައިކުތައް ހިފައިގެން އެ މީހުން ގޮވަމުން ދިޔަ އެއްޗެއްސެވެ. އެ ހަރަކާތް ހޯސްޓް ކުރަން ހުރި މީހާ ކިޔައިދިން ނަން އާންމުންނަށް އެނގޭ ކަމެވެ.
އެއްވެ އެބައެއްގެ ފިކުރު ހާމަކޮށްލުން އެންމެ ރަނގަޅެވެ. ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން އެބަ އޮތެވެ. ނަމަވެސް ސަރުކާރުގެ އިސް މަގާމުގައި ޒިންމާދާރު ކަމާއެކު ތިބި ފަރާތްތަކުން އެއީ ހުރިހާ ޒުވާން ގޮތުގައި ދެކުން އަދި ދައްކަން އުޅުން އެއީ ގޯހެކެވެ. އަދި ހަމައެކަނި އެ ފަރާތްތައް ފިކުރު އޮތް ގޮތަކީ ދިވެހި ހުރިހާ ޒުވާނުންގެ ވިސްނުން ގޮތުގައި ބެލުން އެއީ ތެދަކަށް ވާނެ ގޮތަކީ ކޮބައި ހެއްޔެވެ؟
"ބައެއް ބޭފުޅުންނަށް އޮޅިވަޑައިގެން އުޅުއްވަނީ އަޅުގަނޑުމެން މަޑުމަޑުން ތިބޭ ތިބުމަކަށް ނުވަތަ އަޅުގަނޑުމެން ފެންނަ ފެނުމަށް މައިތިރިކޮށް އޮތީމަ އަޅުގަނޑުމެންގެ ގަޓެއް ނުހުންނާނެ ކަމަށް. އަޅުގަނޑުމެންގެ ގަޓްސް އެބަ ހުރި. ތި ޒުވާނުންނާ އެއްކޮށް ތި ޒުވާނުން ބޭނުންވާ ކަންކަން ކޮށްދޭނަން. އަދި ތި ޒުވާނުންނާ އެކު 2018 ކާމިޔާބު ކުރާނަން،" އެ ހަރަކާތުގައި ސަރުކާރު ފަރާތުން ވަޑައިގަތް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވި އެވެ.
ޝައިނީގެ މި ބަސްތައް ދޫކޮށްލުމާއެކު ސޯޝަލް މީޑިއާގެ އެކަން ވަރަށް ހޫނުވެގެން ދިޔަ އެވެ. އިދިކޮޅު ފަރާތްތަކުން އެކަމުގައި ހިފާ ފާޑުކިޔުންތައް އަމާޒު ކުރި އިރު އެހެން ޒުވާނުން ވެސް އެކަމަށް ވަރަށް ބޮޑަށް ފާޑުކި އެވެ.
ގިނަ ބަޔަކު ވަނީ އެ ހަރަކާތުގެ ތެރެއިން އެއްވެސް އަންހެނަކު ނުފެންނާތީ ޒުވާން އަންހެނުން ރާއްޖޭގައި އުޅޭކަން އެކަން އިންތިޒާމްކުރި ފަރާތަށް އެނގިވަޑައި ނުގަންނަވާތޯ ސުވާލު ކޮށްފަ އެވެ. އެއީ ވަރަށް ބޮޑު ތެދެކެވެ. އާބާދީގެ ބޮޑު ބައެއް ޒުވާނުން ހިއްސާ ކުރާ އިރު ފިރިހެނުންނަށް ވުރެ އަންހެނުން ގިނަ ކަމަށް ދައްކަ އެވެ. އެތަނުގައި އަންހެނަކު ނެތް އިރު ވެސް ހުރިހާ ޒުވާނުން ގޮތުގައި ނިންމިދާނެ ހެއްޔެވެ؟
ދެވަނަ ކަމަކަށް ރާއްޖޭގައި ހުރިހާ ޒުވާނުން ތިބީ ގްރޫޕް ހަދާލާފައި ހެއްޔެވެ؟ ވަޒީފާއަށް ގޮސް އާއިލާތަކާއެކު އުޅޭ ޒުވާނުން ކޮބައި ހެއްޔެވެ؟
"ގައުމުގައި ހުރި ބޮޑެތި މައްސަލަތަކަށް ކަންބޮޑުވޭ އެކަމާ ވިސްނަން. ރަނގަޅު ވަރަށް ގިނަ ކަންކަން ފާހަގަ ވެސް ކުރަން. ކުޑަކުއްޖެއް ނޫން ނަމަ އުމުރުން ހަގު ކޮންމެ މީހެއް ވެސް ވާނީ ޒުވާނަކަށް. ނަމަވެސް ޒުވާނުންނަކީ ހަމައެކަނި ވަކި ބައެއްގެ ގޮތުގައި ދެކުމަކީ ދެން ތިބި ހުރިހާ ޒުވާނުނަށް ވާނީ ބޭ އިންސާފަކަށް،" ޒުވާނަކު ބުންޏެވެ.
މީގެ ކުރިން ވެސް ޒުވާނުންގެ ނަމުގައި މިފަދަ ހަރަކާތެއް ފެނުނެވެ. އެފަހަރުވެސް ފާޑުކިޔުމާއި ސުވާލުތައް އަމާޒުވި އެވެ. އެހެން ކަމުން ޒުވާނުންގެ ނަމުގައި ކަންކަން ކުރާއިރު މީހުން ސުވާލުކޮށް ފާޑު ކިޔުން ކުޑަވާނެ ގޮތަކަށް ކަންކަން ރޭވުމަކީ ކުރަން ޖެހޭނެ ކަމެކެވެ.