ރިޕޯޓް

ދިޔައީ ދަތުރެއް ނޫން، ދެއްކީ ނަމޫނާއެއް!

ހދ. ކުނބުރުދޫއަކީ އެއް އިރެއްގައި އުފާވެރި އާއިލާތަކެއް ދިރިއުޅުނު ރަށެކެވެ. އެކަމަކު، މިހާރު ފަޅު ރަށެކެވެ. މިހާރު އެ ރަށަށް އުފާކޮށް ދެނީ ދަތުރުވެރިންނެވެ. އެ ރަށްވެފައިވަނީ އަތޮޅުގެ އެކި ރަށްރަށުން އާއިލީ ޕިކްނިކްތައް ދާ ރަށަކަށެވެ. މިދިއަ ޖެނުއަރީ މަހުގެ ކުރީކޮޅު، އާއިލާއާއެކު އަހަރެން ވެސް އެ ރަށަށް ދަތުރަކު ދިޔައީމެވެ.

އެ ރަށުގެ މާޒީ އާއި ދިރިއުޅުން ހަނދާނުގައި ބަހައްޓައިގެން ވީރާނާވެފައިވާ ގެތަކުގެ ހާލަތު ބަލައިލުންވީ އެ ރަށަށް ދެވުމުން ކުރާ ހިތްވި ކަމަކަށެވެ. ކުނބުރުދޫގައި ހިނގަނިކޮށް ވަގުތު ވަނުމާއެކު ލޮލުގައި އަޅައިގަތީ ރަށުގެ މިސްކިތެވެ. އެކަމަކު، މިސްކިތެކޭ ބުނާ ވަރަށްވުރެ އޭރު ހާލަތު އޮތީ ގޯސްވެފަ އެވެ. ރަށަށް ދަތުރު އަރާ ޒުވާނުން މިސްކިތް އޮތީ ހަރާބުކޮށްލާފަ އެވެ.

ފާރުތަކުގައި ކީރިތި ގުރުއާންގެ މޫރިތި އާޔަތްތަކާއި މާތް ﷲ ގެ އިސްމުފުޅުތަކުގެ ބަދަލުގައި ލިޔެފައި ހުރީ ހުތުރުހާ ބަހުރުވަ އެވެ. ލޯބިވެރިންގެ ނަންތައް ވެސް އެ ފާރުތަކުގައި ބޮޑު އަކުރުން ފަވާފައި ވާއިރު އެކި މީހުންގެ ފޯނު ނަންބަރުތަކާއި ހުތުރު ނަންތައް ލިޔެ މިސްކިތު ފާރުތައް ހުރީ ހަޑިކޮށްލާފަ އެވެ. މީހުން ނޫޅޭ ރަށަކަށްވާތީ މިސްކިތް ވެސް ހުރީ ވީރާވާން ފަށާފަ އެވެ.

އެ ރަށަށް ދިޔަ ކުރިނބީގެ ޒުވާނުންކޮޅަކަށް ވެސް އެ މަންޒަރު ފެނުނެވެ. އެކަމާ އެ ދުވަހު އެމީހުން ވަރަށް ދެރަވި އެވެ. އެއީ އެއްވެސް ދިވެއްސަކު ވަކީން ހާއްސަކޮށް އެމީހުން އެ މިސްކިތް ދެކެން ބޭނުންވާ ގޮތެއް ނޫނެވެ. ކުރިނބީއަކީ ކުނބުރުދޫއާ އެންމެ އަވަށްޓެރި ރަށެވެ. ނޮޅިވަރަމްފަރުގައި މިހާރު ދިރިއުޅޭ، ކުނބުރުދޫ ރައްޔިތުންނަށްވުރެ ކުރިނބީއަށް މިހާރު ކުނބުރުދޫ ކައިރިވާނެ އެވެ.

މިސްކިތުގެ ހާލަތު ފެނިވީ ދެރަވި ކުރިނބީ ޒުވާން ގުރޫޕް ވިސްނީ އެތަނަށް ހެދިދާނެ ގޮތަކާމެދު އެވެ. އެ ގުރޫޕަށް ވިސްނުނީ މިސްކިތުގެ އާބާތުރަ ފިލުވައި އެ ހާލަތު ބަދަލު ކުރާށެވެ. އެންމެ ފުރަތަމަ ވެސް ހިނގައިގަތީ އެކަމަށް އެހީއެއް ލިބޭތޯ އެވެ. ހެޔޮ އެދޭ މީހުން އެކަމަށް ފައިސާގެ އެހީތައް ދިނެވެ.

މަސައްކަތުގައި އެންމެ އިސްކޮށް އުޅުނު ކުރިނބީ އަލީ ވިސާމް ބުނި ގޮތުން މިސްކިތް ނަލަކޮށްލަން އެއް ދުވަހަކު ހަތް ޒުވާނުން ހިމެނޭ ގުރޫޕުން ހެނދުނު ހެނދުނާ ކުނބުރުދޫއަށް އެރީ އެވެ. ދިޔައީ ލާނެ ކުލަ އާއި ސާފުކުރަން ބޭނުންވާ އެހެން ހރިހާ ސާމާނެއް ވެސް ހިފައިގެނެވެ.

އޭނާ ބުނި ގޮތުގައި އެ ދުވަހު އެ ރަށަށް ފޭބި ގޮތަށް ފެށީ މިސްކިތް ސާފުކުރާށެވެ. ފާރުގައި ލިޔެފައިވާ ލިޔުންތައް ފިލުވައި، ކުނިތައް ނަގައި މިސްކިތް ސާފުކޮށް މިސްކިތުގެ ފާރުގައި އާ ކުލަލީ އެވެ. އެ ދުވަހުގެ ހަވީރު 5:30 ވާންދެން މިސްކިތް ސާފުކުރުމުގެ މަސައްކަތުގައި އުޅުނީ ހޭބޯނާރަ އެވެ. ބްރޭކެއް ނެގީ އެންމެ ތިރީސް މިނެޓަށެވެ.

މިސްކިތުގެ މުށިތަކުގައި ހުރި ހަޑި އާއި ކިލާ ފިލުވައި މޮޕް އަޅާ އެއީ މުޅިން އާ މިސްކިތަކަށް ބަދަލުލޮށްލި އެވެ. މިސްކިތުގައި ޖާލިތައް ވެސް ސާފުކޮށް، ރީތިކޮށްލި އެވެ. އޭރު މިސްކިތު ވަޅަށް ވެސް ކުނި އެޅި ހުރީ ފޮރުވިފަ އެވެ. ވަޅުގެ ދިޔަ ވެސް ހިއްކި އެވެ. މިސްކިތުން އަތް ދޫކޮށްލިއިރު އެއީ މީގެ މަހެއްހާ ދުވަސް ކުރިން އަހަރެން އެރި މިސްކިތެއް ނޫނެވެ. މުޅީން ވަނީ ބަދަލުކޮށްލާފަ އެވެ.

ކުރިނބީގެ ޒުވާނުންނަކީ ދީނާއި ގަމިއްޔަތަށް ވަރަށް ލޯބިކުރާ ބައެކެވެ. މިސްކިތް އެގޮތަށް ދޫކޮށް ނުލެވުނީ އެހެންވެގެނެވެ. އެ މީހުން ބުނާ ގޮތުގައި އެކަމުގައި މުޅި އަތޮޅަށާއި މިސްކިތުގައި ލިޔެ، ކުރަހާ ހަޑި ކުރި މީހުނަށް ދޭން ބޭނުންވީ މެސެޖެކެވެ.

ވިސާމް ބުނި ގޮތުގައި މިސްކިތާމެދު އެގޮތަށް އަމަލު ކުރި މީހުނަށް އެ މިސްކިތް މިހާރު ފެނުމުން ހެދުނު ގޯހުގެ މައްޗަށް ލަދު ގަނެ ދެރަވާނެ އެވެ. އަދި އެހެން ބައެއް ރަށްރަށުގެ ޒުވާނުންނަށް ވެސް އެކަން މެސެޖަކަށް ވާނެ އެވެ.

ކުރިނބީ ޒުވާނުން އެ ދުވަހު ކުނބުރުދޫން ފޭބީ މިސްކިތުގައި ފިހިގަނޑެއް ބަހައްޓާފަ އެވެ. އެއީ ދެން އަރާ މީހުނަށް ދޭ މެސެޖަކާ ވެސް އެކު އެވެ. އެއީ މިސްކިތް ރީއްޗަށް ބަލަހައްޓަން ހިތްވަރު ދޭށެވެ. ދަތުރުވެރިން ވެސް ނަމާދުކޮށްލައި ބޯހިޔާވަހި ކަމަކަށް އެ ތަން ބޭނުންކޮށްލެވޭނެ ގޮތް ހަދައިދޭށެވެ. އެ މެސެޖް އެ ރަށަށް އަރާ އެ އަތޮޅުގެ އެންމެނަށްހެން މިހާރު ވާނީ ލިބިފަ އެވެ. މިއި ކޮންކަހަލަ ނަމޫނާއެއް ހެއްޔެވެ؟