ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކުގައި މަސައްކަތްކުރުމަކީ މިވަގުތު ގައުމަށް އެންމެ ހެޔޮ އެދޭ ގޮތް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެފައި ވާތީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެ ވާހަކަތަކަށް ރައްދު ދެއްވައިފި އެވެ.
މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުނެތް ކަމުގެ ވޯޓާ އެކު ސިޔާސީ މައިދާން އަނެއްކާ ވެސް ހަލަބޮލިވެފައިވާ މިދުވަސްވަރުގައި ސައީދު ރޭ ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ ރައީސް ނަޝީދަކީ ލާދީނީ މީހެއްކަމަށް ބުނެދިނީ މައުމޫން ކަމަށެވެ. އަދި ރައީސް މައުމޫން އަކީ ޖަލުތަކުގައި އެތައް ބަޔަކަށް ލާއިންސާނީ އަނިޔާދިން މީހެއް ކަމަށް ރައްޔިތުންނަށް ބުނެދިނީ ނަޝީދު ކަމަށެވެ. މިދެބޭފުޅުން އެކަކު އަނެއްކެއްގެ ބޮލުގައި ގައުމާއި ދީނަށް ހިޔާނާތްތެރިވުމުގެ ތުހުމަތު އަޅުވާފައިވާ އިރު ގައުމާއި ދީނަށް ވީ ހިޔާނާތަކަށް އެދެބޭފުޅުން އަމިއްލައަށް މާފު ކުރުމުން މައްސަލަ ހަމަޖެހުނީތޯ ސައީދު ސުވާލު އުފެއްދެވި އެވެ.
"ގައުމާއި ދީނަށްވީ ހިޔާނާތައް މި ދެ މީހުން (ނަޝީދާއި މައުމޫން) އެކަކު އަނެއްކަކަށް މާފު ކުރީމާ އެ ނިމުނީތޯ؟" ސައީދު ސުވާލު ކުރައްވާފައިވެ އެވެ.
މައުމޫން އެންމެ ފަހުން ކުނޫޒުގައި ބޭއްވި ޖަލްސާގައި ވިދާޅުވެފައި ވަނީ ކުރީގެ ރައީސް ނަޝީދާއި އެމަނިކުފާނާ ދެމެދު ހިނގާފައިވާ ކަންތައްތަކަކީ މާޒީ ކަމަށާއި އެއީ ޒާތީ ކަންތައްތަކެއް ކަމަށެވެ. އަދި އެމަނިކުފާނު މިހާރު ކުރައްވާ މަސައްކަތަކީ ގައުމީ މަސައްކަތެއް ކަމަށާއި ގައުމުގެ ހައްގުގައި އެންމެ ރަނގަޅު ގޮތަކީ ދެބޭފުޅުން އެކުގައި މަސައްކަތް ކުރުން ކަމަށެވެ.
މައުމޫން އާއި ނަޝީދު އެކަމުގައި މަސައްކަތް ކުރައްވާތީ، ސަރުކާރުގެ އެކި ސިޔާސީ ފަރާތްތަކުން އެދެބޭފުޅުންގެ މި ގުޅުމަށް އަންނަނީ ފާޑުކިޔަމުން އެވެ. މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ބޭރު ކުރުމުގެ މަސައްކަތުގައި ވެސް މައުމޫން އާއި ނަޝީދު ގެންދަވަނީ އެކުގައި މަސައްކަތް ކުރައްވަމުން އެވެ.