ބޮލީވުޑް

ދިޕިކާ ފިލްމު ކުޅެދޭ އަގު ބޮޑުކޮށްފި

Jul 8, 2017

ފުލުފުލުގައި ނިކުތް ގިނަ ފިލްމުތަކެއް ކާމިޔާބުވެ ބަތަލާ ދިޕިކާ ޕަދުކޯން ވަނީ ބޮލީވުޑްްގެ އެންމެ ކަމިޔާބު ބަތަލާއިން ކުރީގައި ހިމެނިފަ އެވެ.

ދިޕިކާ ހިމަނައިގެން ފިލްމު އުފައްދަން ބޭނުންވި ޑައިރެކްޓަރުން ގިނަވެ އޭނާ އަށް ފިލްމުތަކުން ފުރުސަތު ލިބޭ ވަރު ވަނީ އެތަކެއް ގުނައެއް ބޮޑުވެގެން ގޮސްފަ އެވެ.

ބޮލީވުޑްގައި ދިޕިކާގެ ނުފޫޒު ގަދަވެފައި ވަނިކޮށް އޭނާ އަށް ހޮލީވުޑް ފިލްމު "ޓްރިޕަލް އެކްސް: ދަ ރިޓާން އޮފް ޒެންޑާ ކޭޖް" އިން ފުރުސަތު ލިބިގެން އެ ފިލްމު ކުޅެ ހުޅަނގައި ވެސް މަޝްހޫރު މޫނަކަށް ވެފަ އެވެ.

ދެހާސް ފަނަރަ ވަނަ އަހަރުގެ ޑިސެމްބަރުގައި ނިކުތް "ބާޖީރާއޯ މަސްތާނީ" ގެ ފަހުން އިތުރު ހިންދީ ފިލްމެއްގެ މަސައްކަތް ކޮށްފައެއް ވެސް ނުވާއިރު، މިދިޔަ ނޮވެމްބަރުން ފެށިގެން ދިޕިކާ އަންނަނީ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ "ޕަދްމާވަތީ" ޝޫޓްކުރަމުންނެވެ.

މި ފިލްމު ކުޅޭކަން ދިޕިކާ ޔަގީންކޮށްދިނުމާ އެކު އޭނާ މި ފިލްމު ކުޅެދެނީ ބޮޑު ރެކޯށް އަގެެއްގައި ކަމުގެ ވާހަކަތައް ދެކެވެން ފެށި އެވެ. ބާރަ ކްރޯޑުގެ ބޮޑު ފީއެއްގައި ދިޕިކާ މި ފިލްމު ކުޅޭ ކަމުގެ ވާހަކަ ދެކެވުނު ނަމަވެސް އެ ވާހަކައަކީ ދޮގެއް ކަމަށް ވެސް އަޑުއެރި އެވެ. ސަބަބަކީ މިހާތަނަށް އެހާ ބޮޑު އަގެއްގައި ހިންދީ ފިލްމެއް އެހެން އެއްވެސް ބަތަލާ އަކު ކުޅެފައިނުވާތީ އެވެ.

ރާނީ ޕަދްމިނީގެ ހަޔާތުގެ އަސްލަކަށް ބަަލައިގެން އުފައްދާ މި ފިލްމު ދިޕިކާ 12 ކްރޯޑަށް ކުޅެދޭކަން ޔަގީންވީ އެންމެ އަގު ބޮޑު ބަތަލާއިން ގޮތުގައި އޭނާ ފޯބްސްގެ ލިސްޓުގައި ހިމެނުމުންނެވެ.

އަދިވެސް "ޕަދްމާވަތީ" ގެ ޝޫޓިން ނުނިމޭއިރު ހަބަރުތައް ބުނާގޮތުން ދިޕިކާ ވަނީ އޭނާ ދެން ފިލްމު ކުޅެދޭނެ އަގެއްގެ ގޮތުގައި 12 ކްރޯޑް ހަމަޖައްސާފަ އެވެ.

މުމްބައި މިރާގައި ބުނެފައިވާ ގޮތުގައި ދިޕިކާ އަށް ވަނީ ތިން ޚާނުންގެ ތެރެއިން ކޮންމެވެސް އެކަކާ އެކު ފިލްމެއް ކުޅުމުގެ ހުށަހެޅުން ލިބިފަ އެވެ. އަދި އެ ފިލްމު ކުޅެން ދިޕިކާ އެއްބަސްވި އަގަކީ 12 ކްރޯޑް ކަމަށްވެ އެވެ. ދިޕިކާ އެ ފިލްމު ކުޅެދޭނެ ކަމަށް ބުނި ބޮޑު އަގުން ފިލްމުގެ ޕްރޮޑިއުސަރަށް ލިބުނީ ބޮޑު ޝޮކެކެވެ.

އެ ފިލްމަކީ ދެ ބަތަލާއިން ލީޑްގައި ހިމެނޭ ފިލްމަކަށްވީއިރު، ދިޕިކާ ފިލްމު ކުޅެދޭނެ އަގަކަށް ކިޔާފައިވާ އަގު ޕްރޮޑިއުސަރުންނަށް ބޮޑުވެ އޭނާއާ ވާހަކަދެއްކުމުން ވެސް ވަނީ އަގު ކުޑަކޮށްދޭން ދެކޮޅު ހަދާފަ އެވެ.

އެންމެފަހުން ދިޕިކާ އަށް މި ފިލްމު ގެއްލިފައިވާއިރު އެ ރޯލު ވަނީ އޭނާގެ ވާދަވެރި ބަތަލާއެއް ކަމަށްވާ އަނުޝްކާ ޝަރްމާ އަށް ލިބިފަ އެވެ.

"ޕަދްމާވަތީ" އަށް ފަހު ދިޕިކާ ކުޅޭނެ ހިންދީ ފިލްމެއް އަދި ނިންމާފައިނުވާއިރު އޭނާ އަށް ވަނީ "ޓްރިޕަލް އެކްސް" ސިލްސިލާގެ ހަތަރު ވަނަ ފިލްމު ކުޅެން ނިންމާފަ އެވެ.