ދުނިޔެ

ޓްރަމްޕާއި ޕުޓިންގެ ފުރަތަމަ ބައްދަލުވުން އާދަޔާ ހިލާފަށް ދިގުލި

Jul 8, 2017
1

އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕާއި ރިޔާސީ އިންތިހާބު އޭނާއަށް ކާމިޔާބު ކޮށްދެއްވުމަށް އެމެރިކާގެ އިންތިހާބަށް ނުފޫޒު ފޯރުވިކަމުގެ ތުހުމަަތު އެޅިފައިވާ ރަޝިޔާގެ ރައީސް ލަޑީމިއާ ޕޫޓިންގެ ފުރަތަމަ ބައްދަލުވުން އާދަޔާ ހިލާފަށް ދިގުލައި ހިނގައްޖެ އެވެ.

ރޮއިޓާސް ބުނީ ޖަރުމަނު ވިލާތުގެ ހަމްބާގްގައި އިއްޔެ ފެށި ޖީ ޓްވެންޓީ ސަމިޓްގެ ހަވާސާގައި އެ ދެ ބޭފުޅުން ބޭއްވެވި ބައްދަލުވުން ދެ ގަޑި އިރާއި 15 މިނެޓް ވަންދެން ކުރިއަށް ދިޔަ ކަމަށެވެ. އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރިކްސް ޓިލާސަން އާ ހަވާލާދީ އެ އެޖެންސީން ބުނީ އެ ބައްދަލުވުން ދިގުލައި ދިއުމުން އެމެރިކާގެ ފަސްޓްލޭޑީ މިލާނިއާ ޓްރަމްޕް ވެދެވަޑައިގެން ބައްދަލުވުން ކުރު ކޮށްލައްވަން ވިދާޅުވާން ޖެހިވަޑައިގެން ކަަމަށެވެ. ނަމަވެސް ބައްދަލުވުން ނިންމަވައިލެއްވީ މިލާނިއާ ވިދާޅުވެގެން ކަމެއް ނުވަތަ ނޫން ކަމެއް ޓިލާސަން ވިދާޅެއް ނުވެއެވެ.

ޓްރަމްޕާއި ޕޫޓިންގެ ބައްދަލުވުމަކީ އެ ދެ ބޭފުޅުން ވެސް އެކަމަށް އިންތިޒާރު ކުރައްވާތާ ގިނަ ދުވަސްތަކެއް ވެފައިވާ ބައްދަލު ވުމެކެވެ. ބައްދަލުވުމުގައި އެ ދެ ބޭފުޅުން ވާހަކަ ދެއްކެވީ ތަރުޖަމާނެއް މެދުވެރި ކުރައްވައިގެންނެވެ.

ޕޫޓިންއާއި ޓްރަމްޕް އެހާ ގިނަ އިރު މަޝްވަރާ ކުރެއްވީ ސޫރިޔާގެ މައްސަލައިގަ އެވެ. ސޫރިޔާގެ ދެކުނުގެ ސަރަހައްދުގައި ހަމަލާ ބަދަލު ކުރުން ހުއްޓައިލުމުގެ އެއްބަސްވުމެއްގައި އެމެރިކާ އާއި ރަޝިޔާ އާއި އުރުދުން އިން ސޮއި ކުރިކަން އެ ބައްދަލުވުމަަށް ފަހު އިއުލާން ކުރިއެވެ.

ޕޫޓިންއާ މާ އެކުވެރި ގޮތަކަށް ބައްދަލުވުން ކުރިއަށް ގެންދެވުމުންް އެމެރިކާގައި ޓްރަމްޕަށް ވަނީ ވަރަށް ބޮޑަށް ފާޑުކިއުންތައް އަމާޒުވެފަ އެވެ. އެންމެ ބޮޑަށް ފާޑުކިއުން އަމާޒުވީ އެމެރިކާގެ ރިޔާސީ އިންތިހާބަށް ރަޝިޔާއިން ނުފޫޒު ފޯރުވިކަމަށް ބުނާ މައްސަލައިގައި ޓްރަމްޕް ޕޫޓީންއާ ވާހަކަ ދެއްކެވިލެއް މަޑުމައިތިރި ކަމުންނެވެ.