ހަބަރު

މެކޭނިކަލް ޕާކިން ސިސްޓަމް ބޭނުން ކުރަން ފަށައިފި

މާލޭ ވެލާނާގޭ ސަރަހައްދުގައި ގާއިމްކޮށްފައިވާ މެކޭނިކަލް ޕާކިން ސިސްޓަމް ބޭނުން ކުރަން ފަށައިފި އެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވެލާނާގޭ ކައިރީ ބެހެއްޓި މެކޭނިކަލް ޕާކިން ސިސްޓަމް މިއަދު ބޭނުން ކުރަން ފަށާފައިވާ ކަމަށާއި އިތުރު ސިސްޓަމްތައް ބެހެއްޓުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ވެލާނާ ގޭ ސަރަހައްދުގައި ގާއިމްކޮށްފައި ވަނީ ކާރު ޕާކު ކުރުމަށް ހާއްސަ މެކޭނިކަލް ސިސްޓަމެކެވެ. އެ ސިސްޓަމުގައި މުޅިއަކު 10 ކާރު އެއްފަހަރާ ޕާކު ކުރެވޭނެ އެވެ.

ސަރުކާރުން އެސްޓީއޯއާ ހަވާލުކޮށްގެން ކުރިޔަށް ގެންދާ މި މަޝްރޫއުގެ ތެރެއިން މުޅި މާލޭގައި 20 ޕާކިން ސިސްޓަމް ގާއިމް ކުރަން ވަނީ ހަމަޖެހިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ 10 ސައިކަލު ސިސްޓަމާއި 10 ކާރު ޕާކިން ސިސްޓަމެވެ. ހައުސިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި އެ ސިސްޓަމްތައް ބަހައްޓާނީ މާލޭގައި އެންމެ ޕާކިން މައްސަލަ ބޮޑު ސަރަހައްދުތަކުގައި ކަމަށެވެ. އޭގެ ތެރޭގައި އައިޖީއެމްއެޗް ކައިރިޔާ ފެރީޓާމިނަލް ކައިރީގައި ވެސް ވަރަށް އަވަހަށް އެ ސިސްޓަމް ބަހައްޓާނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މެކޭނިކަލް ޕާކިން ސިސްޓަމް ބޭނުން ކުރަން ފަށާފައިވާ އިރު އަމިއްލަ ފަރާތްތަކާ ހަވާލުކޮށްގެން އޭޑީކޭ އިން ވެސް މި ފަހުން ވަނީ މެކޭނިކަލް ޕާކިން ސިސްޓަމެއް ބަހައްޓާ ބޭނުން ކުރަން ފަށައިފަ އެވެ.