ވޯލްޑް ޓްރެވަލް އެވޯޑުގެ އިންޑިޔާ ކަނޑުގެ އެންމެ ފުރިހަމަ ލަގްޒަރީ ވިލާ ހުރި ރިސޯޓަކަށް ވެލާ ޕްރައިވެޓް އައިލެންޑް މިރޭ ހޮވައިފި އެވެ.
ވިލުރީފު ރިސޯޓުގައި މިރޭ ބޭއްވި ވޯލްޑް ޓްރެވަލް އެވޯޑުގެ "އިންޑިއަން އޯޝަން ގާލާ ނައިޓް" ގައި ރާއްޖޭގެ އޯލް އިންކްލޫސިވް ރިސޯޓަކަށް ހޮވިފައިވަނީ ލިލީ ބީޗް ރިސޯޓު އެންޑް ސްޕާ އެވެ. އަދި ރާއްޖޭގެ ލީޑިން ފެމެލީ ރިސޯޓު ކަނުހުރާ މޯލްޑިވްސް ހޮވުނުއިރު ރާއްޖޭގެ ލީޑިން ގްރީން ރިސޯޓު އާވީ މޯލްޑިވްސް ރިސޯޓެވެ. މީގެއިތުރުން މޯލްޑިވްސް ލީޑިން ލަގްޒަރީ ޓުއާ އޮޕަރޭޓަރު ގެޓް އިންޓު މޯލްޑިވްސް ޓްރެވަލްސް އެވެ.
ވޯލްޑް ޓްރެވަލް އެވޯޑުން ބޭއްވި ކުލަގަދަ ހަފުލާ ހުށަަހަޅައިދީފައިވަނީ ޓީވީއެމްގެ ދެ ޕްރެޒެންޓަރުން ކަމަށްވާ މޫސާ ވަސީމާއި ލަމްހާ ލަތީފް (ލަމް) އެވެ. މިރޭގެ ހަފުލާގައި މަޝްހޫރު ލަވަކިއުންތެރިޔާ މަރިޔަމް އުނޫޝާގެ ހުށަހެޅުންތަކެއް ވެސް ފެނިގެން ދިޔަ އެވެ.
ވޯލްޑް ޓްރެވަލް އެވޯޑު ބޭއްވި މި ހަފުލާގައި ރާއްޖޭގެ ލީޑިން ލަގްޒަރީ ހޮޓެލް ވިލާ ސަން ސެޓް ވޯޓާ ވިލާ އެޓް ކޮންޑްރެޑް މޯލްޑިވްސް ހޮވިފައިވާއިރު، ރާއްޖޭގެ ލީޑިން ލަގްޒަރީ އައިލެންޑް ރިސޯޓު ވޮއްމުލި ރިސޯޓެވެ. މޯލްޑިވްސް ލީޑިން ރިސޯޓަކަށް ހޮވިފައިވަނީ ސަން ސިޔާމް އިރުފުށި ރިސޯޓެވެ. މީގެއިތުރުން އިންޑިޔާ ކަނޑުގެ އެންމެ ފުރިހަމަ އެއާޕޯޓުގެ އެވޯޑު 10 ވަނަ ފަހަރަށް ލިބިފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ.
އިންޑިޔާ ކަނޑުގެ އެހެން އެވޯޑުތަކަށް އިންޑިޔާ ކަނޑުގެ އެންމެ ފުރިހަމަ އެއާލައިންގެ އެވޯޑު މި އަހަރު ވެސް ލިބުނީ ސްރީލަންކަން އެއާލައިންސްއަށެވެ. މީގެއިތުރުން ލަންކާގެ ގިނަ ބްރޭންޑުތަކާ ވާދަކޮށް ރާއްޖޭގެ ސަން ސިޔާމު ކުންފުނިން ހިންގާ ސަން އަކުވާ އައްސިކުޑަ ރިސޯޓަށް ވަނީ ސްރީލަންކާގެ ލީޑިން ބީޗް ރިސޯޓުގެ އެވޯޑު ލިބިފަ އެވެ.