ހައިރާން ކޮށްލާ ފަދަ ގިނަ ކަންތައްތަކެއް ފެނިގެންދާނެ ކަމަށް ބުނެ އިޝްތިހާރު ކުރުމަށް ފަހު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ( ޕީޕީއެމް) އާއި މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް ( އެމްޑީއޭ) އިން ރޭ ބޭއްވި ބައްދަލުވުން، މާ ރަނގަޅަކަށް ކުރިއަކަށް ނުދިޔައެވެ.
ޕީޕީއެމްގެ އޮފީހާ ދާދި ކައިރީގައި ހުންނަ ޕީޕީއެމް -އެމްޑީއޭ ހަރުގޭގައި ބޭއްވި އެ ބައްދަލުވުމަށް މަދު ބަޔަކު ހާޒިރުވެ، ބައްދަލުވުން ފެށިތާ ކުޑަ އިރުކޮޅަކުން އެތަނުގެ ސައުންޑް ސިސްޓަމަށް މައްސަލައެއް ދިމާވިއެވެ. އެހެންވެ، މަގުމައްޗަށް ބާރަށް އަޑު އިވޭނެ ގޮތެއް ނުވި އެވެ. އޭގެ ފަހުން ދެން އަޑަކަށް އިވުނީ އެތަނުގައި މިއުޒިކް ކުޅެމުން ދިޔަ ބޭންޑެއްގެ އަޑެެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ބައްދަލުވުމުގައި ބައިވެެރި ވެވަޑައިގެންނެވީ އެންމެ ދެ މެމްބަރުންނެވެ. އެއީ އެއީ ބިލެއްދޫ ދާއިރާގެ މެމްބަރު މުޙައްމަދު މުބީނާއި ވެލިދޫ ދާއިރާ މެމްބަރު ޢަަބުދުﷲ ޔާމީނެވެ. ވަރަށް އާދައިގެ މިއުޒިކް ޝޯއެއް ގޮތަށް ކުރިއަށް ދިޔަ އެ ބައްދަލުވުމުގައި ޔާމީނު ވިދާޅުވީ " ކުރިއަށް އޮތީ އުފާވެރި ދުވަސްތަކެއް" ކަމަށާއި ބައްދަލުވުމުން ވެސް އަދި އުފާވެރި ކަަންތައްތައް ފެންނާނެ ކަަމަށެވެ.
ނަމަވެސް އެއްވެސް ހާއްސަ ކަމެއް ނުހިނގައި، މިއުޒިކް ޝޯއެއްގެ ގޮތުގައި އެ ހަރަކާތް ނިމުނީއެވެ. ޝޯ ކުރިއަށް ދިޔަ އިރު އެސަހަރައްދުގެ މަގުމަތިން ޕީޕީއެމް އަށް ނިސްބަތްވާ ބައެއް މަޖުލިސް މެމްބަރުން ފެނުނު ނަމަވެސް އެބޭފުޅުން ވެސް އެތަނަކަށް ވެެދެވަޑައެއް ނުގަންނަވައެވެ.
ސޯޝަލް މީޑިއާ ޓްވިޓާގައި އިދިކޮޅު މީހުން އަންނަނީ " ހިނި އަންނަނީ" ހޭޝްޓެގް ބޭނުންކޮށްގެން އެހަރަކާތަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.