ޕީޕީއެމްގެ ވަރަށް ބޮޑަށް ރޫޅި، ސިޔާސީ މަސްރަހު ހަލަބޮލިވެފައި ވަނިކޮށް އެ ޕާޓީގެ ދެ ފެކްޝަންގެ އިސްވެރިން ރޭ އެއްތަނަކުން ދިމާވެއްޖެ އެވެ.
ޕީޕީއެމްގެ ދެ ފެކްޝަންގެ އިސްވެރިން ދިމާވާ ގޮތް މެދުވެރިވީ، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ސިންގަޕޫރަށް ފުރުއްވާލުމަށް އެފަޅީގެ ބޭފުޅުން ވީއައިޕީ ލައުންޖަށް ވަޑައިގެން ވަގުތާއި، މިދިޔަ ބުދަ ދުވަހު ލަންކާއަށް ފުރާވަޑައިގަތް ޕީޕީއެމްގެ ރައީސް ޔާމީންއަށް ތާއީދު ކުރައްވާ ބޭފުޅުން ރާއްޖެ އެނބުރި އައި ވަގުތާ ދިމާވީމަ އެވެ.
ރައީސް މައުމޫން ފެކްޝަންގެ ފަރާތުން ވީއައިޕީ ލައުންޖުގައި އިސްކޮށް ހުންނެވީ ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން އާއި އެ ފެކްޝަންގެ ނައިބު ރައީސް އައިމިނަތު ނާދިރާ އާއި ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ވަހީދު (ވައްޑެ) އެވެ. އަދި ރައީސް ޔާމީން ފެކްޝަން އިން ލަންކާއިން އެނބުރި ވަޑައިގަތް ބޭފުޅުންގެ ތެރެއިން އެ ފެކްޝަންގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއް ރަހީމް އަބްދުﷲ އާއި ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ އާއި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް އަދި ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު ނިހާން އާއި އިނގުރާދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ހިމެނެ އެވެ.
އެ ދެ ފެކްޝަންގެ އިސްވެރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ދިމާވި ފޮޓޯތައް ސޯޝަލް މީޑިއާއަށް ވަނީ އާންމުވެފަ އެވެ. އަދި އެ ފޮޓޯތަކުން ނުރުހުމުގެ އެއްވެސް ކަމެއް މެންބަރުންގެ މޫނުމަތިން ނުފެނެ އެވެ. އޭގެ ބަދަލުގައި ސަލާންކޮށް ވާހަކަދައްކައި އަދި ހީ މަޖާކުރާ މަންޒަރު ފެނެ އެވެ.
ޕީޕީއެމްގެ ތެރޭގައި މައްސަލަތައް ޖެހި ދެބައިވެފައިވާ އިރު ދާދި ފަހުން އެ ޕާޓީގެ ތެރެއިން 10 މަޖިލީސް މެންބަރުން ވަނީ އިދިކޮޅު ފަރާތްތަކާ ގުޅިގެން ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް މައްސަލަ ވައްދާފަ އެވެ. އެ މައްސަލަ އެޖެންޑާ ކުރާ ދުވަހެއް އަދި މަޖިލީހުން ނުނިންމަ އެވެ. ނަމަވެސް އޭގެ ސަބަބުން ޕީޕީއެމްގެ ދެ ފެކްޝަންގެ މެންބަރުން ވެސް އެކަކު އަނެކަކަށް ހޫނު ހަމަލާތަކެއް ދަނީ ބަދަލު ކުރަމުން އެވެ.