މޫސުމަށް އަންނަ ބަދަލުތަކާއި ވިޔަފާރީގެ ކަންކަމުގައި ގެންގުޅޭ އަމިއްލަ މަސްލަަހަތު އިސްކުރުމުގެ ސިޔާސަތުގެ ސަބުން ދުނިޔޭގެ އެންމެ ބޮޑެތި އިގުތިސާދުތައް އޮންނަ ގައުމުތަކާ އެމެރިކާއާ ހިޔާލުތަފާތު ވެއްޖެ އެވެ.
ޖަރުމަނަނުގެ ބަނދަރުމަތީ ރަށެއް ކަމަށްވާ ހަމްބާގްގައި ބޭއްވި 'ޖީ ޓުވެންޓީ' ސަމިޓްގައި ބައެއް ގައުމުތަކުގެ ވެރިން ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ޖަރުމަނުގެ ޗާންސެލާ އެންޖެލާ މާކެލް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ މަޝްވަރާތަކުގައި އެހެން ހުރިހާ ގައުމެއް އެމެރިކާއާ ދެކޮޅު ކަމަށެވެ. އެމެރިކާއާ އެންމެ ގާތް ގުޅުމެއް އޮންނަ، ސައުދީ އަރަބިއްޔާއާއި ޖަޕާނުން ވެސް އެކަމުގައި އެރީ އެމެރިކާއާ އިދިކޮޅު ފަޅިއަށެވެ.
" މޫސުމާ ބެހޭ މަޝްވަރާތައް ނިމުނު އިރު ފެނުނީ ދެކޮޅުވެރިކަން. އެންމެން ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާއާ ދެކޮޅު،" މާކެލް ވިދާޅުވި ކަމަށް ރޮއިޓާސްގެ ރިޕޯޓްގައި ވެއެވެ.
މޫސުމަށް އަންނަ ބަދަލުތައް އަންނަން މެދުވެރިވާ ، ތިމާވެށްޓަށް ގެއްލުން ދެނިވި ކަންތައްތައް މަދުކުރުމަށާއި އެ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަ ކުރުމަށް މަސައްކަތް ކުރުމަށް ގައުމުތަކުން ސޮއިކޮށްފައިވާ މުއާހަދާ ' ޕެރިސް އެގްރިމެންޓް' އިން އެމެރިކާ ވަކިވާނެ ކަން ޓްރަމްޕް އިއުލާން ކުރެއްވީ މިދިޔަ ޖޫންމަހުއެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައިގެ އިތުރުން ވިޔަފާރީގެ މަޝްވަރާތަކުގައި ވެސް އެމެރިކާއާ އެހެން އެންމެނާ ހިޔާލު ތަފާތު ވިއެވެ. މާކެލް ވިދާޅުވީ ވިޔަފާރީގެ މަޝްވަރާތައް ވެސް އެމެރިކާގެ ސަބަބުން އުނދަގޫ ކަމަކަށްވި ކަމަށެވެ.
ޖީ ޓްވެންޓީ ސަމިޓާ ދިމާކޮށް ހަމްބާގްގައި ވަނީ ވަރަށް ހަމަނުޖެހުން ބޮޑު މުޒާހަރާތަކެއް ކޮށްފައެވެ. ކެޕިޓަލިޒަމްއާ ދެކޮޅު ފަރާތްތަކުން ކުރި އެމުޒާހަރާތަކުގައި ބޭންކްތަކާއި ފިހާރަތަކަށް ގެއްލުންދީ ލޫޓުވުމާއި ވެހިކަލްތަކުގައި ހުޅު ޖެހުމުގެ އަމަލުތައް ހިންގި އެވެ. އެކަން ހުއްޓުުވަން މަސަައްކަތް ކުރި ފުލުހުންގެ ތެެރެއިން 200 މީހަކަށް އަނިޔާވިއެވެ.
ޖީ20 ސަމިޓްގައި ބައިވެރިވި ބައެއް މީހުން ރޮއިޓާސްއަށް ބުނެފައި ވަނީ އެފަދަ ސަމިޓެއް ބާއްވަމުން ދިޔަ ތަނަކާ އެހާ ކައިރީގައި މުޒާހަރާ ކުރަނިކޮށް މީގެ ކުރިން ދެކެފައި ނުވާ ކަމަށެވެ. ކެޕިޓަލިޒަމާ ދެކޮޅު، މުޒާހަރާތައް ހޫނުކުރާ މީހުން ގިނަ ހަމްބާގްގައި ސަމިޓް ބާއްވަން ޖަރުމަނުގެ ޗާންސެލާ އެންޖެލާ މާކެލް ނިންމެވީ ޖަރުމަނަކީ ހިޔާލުފާޅުކުރުމާއި އެއްވެ އުޅުމަށް ޖާގަ ދިނުމުގައި ދުނިޔޭގެ ލީޑަރެއް ކަން ދެއްކެވުމަށް ކަމަށް ބެލެވެއެވެ. މާކެލްގެ މަގާމު ދިފާއު ކުރައްވަން ޖެހިވަޑައިގަންނަވާ އިންތިހާބު ބާއްވަން ދެން އޮތީ ދެމަހެއްހާ ދުވަހެވެ.
މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެށީގެ މައްސަލަތަކާ މެދު ޖީ20ގެ ގައުމުތަކުގެ ވެރިންގެ މެދުގައި އޮތް ހިޔާލުތަފާތުވުންތަކަށް މާބޮޑު ހައްލެއް ނުލިބިވާއިރު ސަމިޓް ނިންމަން ހަމަޖެހިފައި ވަނީ މިއަދު އެވެ.