ކުޑަކުދިންނަށް އަނިޔާ ކޮށްގެން މިދިޔަ ޖޫން މަހު 83 މައްސަލައެއް ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށް އެ މިނިސްޓްރީން މިއަދު ބުނެފި އެވެ.
ޖެންޑާ މިނިސްޓްރީން ކޮންމެ މަހަކު އާންމު ކުރާ ތަފާސް ހިސާބުތަކުގެ ތެރެއިން މިއަދު އާންމުކުރި މިދިޔަ މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު 162 މައްސަލައެއް ހުށަހެޅި އެވެ.
އޭގެ ތެރެއިން ކުޑަކުދިންނަށް އަނިޔާކޮށްގެން 83 މައްސަލަ ހުށަހަޅާފައިވާއިރު އެންމެ ގިނައީ އިހުމާލުވުމުގެ މައްސަލަތަކެވެ. އެގޮތަން އެބާވަތުގެ 28 މައްސަލަ އެއް ވަނީ ހުށަހަޅާފަ އެވެ. އަދި މިބާވަތުގެ މައްސަލަތަކުގެ އިތުރުން ކުޑަކުދިންނަށްކުރާ ޖިސްމާނީ ހާނިކައިގެ 18 މައްސަލައަކާއި ނަފްސާނީ ހާނިކައިގެ ނުވަ މައްސަލައިގެ އިތުރުން ކުޑަކުދިން ދޫކޮށްލާފައި ދިއުމުގެ ދެ މައްސަލައެއް ހިމެނެއެވެ.
އެކި ބާވަތުގެ ކުށް ކުރާ ކުޑަކުދިންގެ ނުވަ މައްސަލައެއް މިނިސްޓްރީއަށް މިދިޔަ މަހު ހުށަހަޅާފައިވެ އެވެ. މިފަދަ މައްސަލަތަކުގެ ތެރޭގައި މާރާމާރީ ހިންގުމުގެ އެއް މައްސަލައަކާއި ވައްކަންކުރުމުގެ އެއް މައްސަލަ ހިމެނެ އެވެ. އަދި ކުޑަކުދިންގެ އަހްލާގީ މައްސަލަތަކުގެ ހަތް މައްސަލައެއް ވެސް ހުށަހަޅާފައިވެ އެވެ. މިފަދަ މައްސަލަތަކުގެ ތެރޭގައި އެހެން ކުދިންނަށް ގަނާކުރުމުގެ އެއް މައްސަލައަކާއި ގެއިން ނުކުމެގެން ދިޔުމުގެ ދެ މައްސަލަ އަދި ފުރައްސާރަކުރުމުގެ ދެ މައްސަލަ ހިމެނެއެވެ. މީގެ އިތުރުން ހައްގުތަކުން ކުޑަކުދިން މަހުރޫމްކޮށްގެން މިދިޔަ މަހު ދެ މައްސަލައެއް ވެސް ވަނީ ހުށަހަޅާފަ އެވެ.
ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 31 މައްސަލަ މިދިޔަ މަހު މިނިސްޓްރީއަށް ހުށަހަޅާފައިވާއިރު އޭގެ ތެރޭގައި އެންމެ ގިނައީ އެކި ބާވަތުގެ ޖިސްމާނީ އަނިޔާގެ މައްސަލަތަކެވެ. އެ މައްސަލައިގެ ތެރެއިން ހަތް މައްސަލައަކީ ޖިސްމާނީ އަނިޔާގެ ޝިކާރައަކަށްވެފައިވާ އަންހެނުންނާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލަތަކެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ދޮށީ އުމުރުގެ މީހުންނަށް އަޅާލުމާއި އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭ ހަތަރު މައްސަލަ އަދި އަމިއްލަ ނަފްސަށް ގެއްލުންދިނުމާ ގުޅޭ ހަތަރު މައްސަލަ އެއް ވެސް މިދިޔަ މަހު ވަނީ ރިޕޯޓްކޮށްފަ އެވެ.