(6 ޖުލައި 2017 އާ ގުޅޭ)
"އަދިވެސް އެ އަންހެނާ އެބަ ގެންގުޅޭންތަ؟ މިގެއިން ނެރިލާކަށް ނުވޭތަ؟" ހިދާ ބުންޏެވެ. އެއާއެކު ރުބީނާގެ މޫނުމަތިން ފޫހިކަމުގެ އަސަރުތައް ފާޅުވިއެވެ.
"ހިދާއަށް ހީވަނީތަ އަހަރެން ބޭނުންވެގެންނޭ މިހާ ދުވަހު ވެސް އޭނާ މިގެންގުޅެނީ" ހިތްހަމަނުޖެހިފައި އިންހެން ރުބީނާ ބުނެލިއެވެ.
"އަދިވެސް ވިހަން ކައިރި ނުވަނީތަ؟ އަހަރެން ހީކޮށްގެން މިހުންނަނީ ރޫބީ އޭނާގެ ވާހަކަ ނުދައްކާތީ އެކަމުން ސަލާމަތްވީ ކަމަށް. އެކަމަކު ބޭބީ ވެސް ނުފެނޭވިއްޔާ... އެހެންވެ ޔަގީން ކުރާން ނޭނގުނީ" ސަލްމާއަށް ހީވެފައި އޮތް ހީވުން ހާމަކުރިއެވެ.
"ދެން ނެތް ގިނަ ދުވަހެއް. ދަރިއަތުލާފައި މިގެއިން ނެރިލާނަން. ވަރިހަމަ ދާނޭތަނެއް ނެތަސް. އަހަރެން އެއްޗެހި ގޮވާއިރަށް ބުނާނެ، މަންމާ ތިހެން ނަހަދާށޯ... ތިމަންނަ ބަލިވެ މި އިނީ ނިޔާނުގެ ދަރިއަކަށޯ... އެ ދަރިފުޅާ ވަކި ނުކުރާށޯ... ތިމަންނަ ވަންނާނޭތަނެއް ނުހުންނާނެއޯ... އެނގޭތަ! އަހަރެން ބުނި ގޮތެއް ހަދައިގެން ވެސް އޭނާ ބޭނުންވަނީ މިގޭގައި މަޑުކުރަން. ޖެނިޓަރކަން އޭނާ ހުރީ ކުރާން ތައްޔާރަށް" މަލާމާތުގެ ބާރު ހިނިގަނޑެއް ރުބީނާ ޖަހާލިއެވެ. އެ ހުނުންގަނޑުގައި ބޮޑުކޮޓަރީގައި ތިބި އޭނާގެ ދެ އެކުވެރިން ވެސް ބައިވެރިވިއެވެ.
"ރޫބީ! ނަމަނަމަ އޭނާ މިގޭގައި ބަހައްޓާ ކަހަލަ ޚިޔާލެއް ނުކުރާތި. ޤައިސްއަށް އޭނާ ފެންނަން ފަށައިފިއްޔާ ހިތް ބަދަލުވެދާނެ. އޭރުން ހީނުކުރާވަރުގެ ދެރައެއް ރޫބީއަށް ލިބިދާނެ" ރުބީނާގެ ފައިގާ އަތުން ޖަހާލަމުން ހިދާ ބުންޏެވެ.
"ޤައިސްއަކީ އެކަހަލަ މީހެއްނޫން" ހިދާގެ ވާހަކައާ ސަލްމާ ދެކޮޅުވިއެވެ.
"ފިރިހެނުންގެ ގޮތެއް ނޭނގޭނެ. ޒުވާން ރީތި ކުއްޖަކު އަތުޖެހޭ ހިސާބުގައި އުޅޭތަން ފެންނަން ފެށުމުން އަލިފެއް ހުންނަ މީހާ ވެސް ބަދަލުވެދާނެ. އެހެންނޫނަސް އެ އަންހެނާގެ އަޑިއެއް ނޭނގޭނެ. ގަސްދުގައި ރޫބީގެ ކިބައިން ބަދަލު ހިފަން މިގޭގައި މަޑުކުރާން އުޅެދާނެ. ދެން ފެންނާނީ ޤައިސްގެ ސަމާލުކަން ހޯދަން އުޅޭތަން. ރޫބީއަށް ނޭނގި ހުއްޓާ ވެރިކޮށްލާފައި އެ އަންހެނާއާ އިންނާކަށް ވެސް ފަހަކަށް ނުދާނެ" ހިދާގެ ވާހަކަތަކުން މީގެ ކުރީން ރުބީނާ ޚިޔާލުކޮށްފައި ނުވާ ދާއިރާއަކަށް ވިސްނުން ހިންގުނެވެ. މިފަހަރު ސަލްމާ ވެސް ހިދާގެ ވާހަކައާ ދެކޮޅުވާ ފަދަ އެއްޗެއް ނުބުންޏެވެ.
"އޭތް! އޭތް! ބަލާބަލަ މިއޮއްކަމެއް!" ކުއްލިއަކަށް ރުބީނާގެ މުލައްދަނޑީގައި ހިފާލަމުން ނިކަން ސިއްރުން ހިދާ ބުންޏެވެ. އެއާއެކު ރުބީނާއާއި ސަލްމާ ވެސް ބަލާލީ ހިދާގެ ނަޒަރު ހުއްޓިފައި ހުރި ދިމާއަށެވެ.
އިރުއޮއްސި ހަގަޑިބައިވެ ބޮޑުވެއްޖެއެވެ. އެވަގުތަކީ އާމުކޮށް ގޭތެރެ ފަޅުކޮށް އޮންނަ ވަގުތެކެވެ. ނަމަވެސް ބޮޑުކޮޓަރިއަށް ލޫކަންއާއެކު ވަން އައިރާ ހުއްޓުމާއެކު އޭނާއަށް ވެސް ބަލާލެވުނީ އެތަނުގައި ތިބީ ކޮންބައެއްތޯއެވެ. ރުބީނާއާއި އޭނާގެ ރައްޓެހިން ފެނުމާއެކު ލޫކަންގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ. އޭރު ފެނުނު މަންޒަރުން ރުބީނާއަށް ހުރެވުނީ ދެލޯ ބޮޑުކޮށްގެން ކޮޅަށެވެ. ދިމާލަކަށް ބަލާލަން ނުކެރި އިސްޖެހިފައި އައިރާ ހުރީ ބިރުންފިތްކަނޑިފައިވާ މީހަކު ފަދައިންނެވެ. އެއްފަހަރު އައިރާއަށް އަނެއްފަހަރު ރުބީނާއަށް ލޫކަން ބަލާލިއެވެ. އަދި މަޑުމަޑުން އައިރާއަށް ގޮވާލާ ހިނގައިގަންނަން އެދުނެވެ. އެހެންނަމަވެސް އައިރާއަށް އެ އަޑު އިވުނުހެނެއް ހިޔެއްނުވެއެވެ. ގަނޑުވެފައި ހުރި ބުދެއްފަދައިން އައިރާ ހުރީއެވެ. ރުބީނާއަށް ބަލާލުމާއެކު ލޫކަން ހިފީ އައިރާގެ ކަނާތު މުލައްދަނޑީގައެވެ. އެއާއެކު އޭނާ ދަމާފައި ގެންދާ މީހަކު ފަދައިން އައިރާ ގޮވައިގެން އެމީހުންގެ ކުރިމަތިން ގޮސް ގެއްލިއްޖެއެވެ.
"އައިރާތަ ހަމަ މަށަށް އެ ފެނުނީ" ޤަބޫލުނުކުރެވިފައި ހުރެ ރުބީނާއަށް ބުނެލެވުނެވެ.
"އެއީ... އެއީ ޤައިސްގެ ދަރިފުޅު ދޯ" ރުބީނާގެ ގާތަށް އައިސް ހުއްޓުނު ހިދާ އެހިއެވެ. ސަލްމާ ވެސް އައިސް ރުބީނާގެ ގާތުގައި ހުއްޓިލިއެވެ.
"ކޮބާ ލަސްވިތަ! މިއޮތީ މަބުނި ވާހަކަ... ޤައިސްގެ ބަދަލުގައި ދަރި އެ އަތުއަޅުވާލީ. ނުބައިކަމެއް ހުރި އަންހެނެއްނު" ރުބީނާގެ ވައަތުކޮނޑުގައި އަތްއަޅުވާލަމުން ހިދާ ނިކަން ޒީލަގަދަ ވައްތަރަކަށް ބުންޏެވެ.
"އެކަމަކު ލޫކް... އޭނާ..."
"ދެ މީހުން މާފޮޅުވަން އުޅެފައި ތޯއްޗެއް އެ އައީ... ދުށީންތަ އޭނާގެ އަތުގައި އޮތް ރަތްފިނިފެންމަލާއި ހުދުއޯކިޑު މާ ކޯނި. ރަނގަޅުތަނަކުންނޫން އެ ދެމީހުން އެ އައީ" ރުބީނާގެ ވާހަކަ ފުރިހަމަ ނުވަނީސް އަނެއްކާ ވެސް ހިދާ ވާހަކަދެއްކިއެވެ. އޭނާއެކޭ ވަސްވާސް ދޭން ހުރި ޝައިތާނެކޭ އެއްވަރެވެ. ރުބީނާގެ ހިތް ހައްތަހާ އައިރާގެ މައްޗަށް ގޯސްވަމުން ދިޔައެވެ. ހަމައެއާއެކު އިންތިހާއަށް އައިރާދެކެ ރުޅި އާދެވުނެވެ. އޭނާއަށް ނޭނގި އެގެއިން ނުކުމެވުނު ގޮތެއް ވެސް ރުބީނާ އެނގެން ބޭނުންވެއެވެ.
"ލޫކްގެ މުޅި އުމުރު ހޭދަކުރީ އެމެރިކާގައި. އޭނާއަށް އައިރާ ފަދަ ކުއްޖަކު ކަމަކު ނުދާނެ. އޭނާ އޭނދީ އިންހާލު. އެކަހަލަ އަންހެނަކާ ގާތްވާނީ ކާކު... އެވާނީ އެހެންކަމެއްކަމަށް... އެހެންވިޔަސް އެ އަންހެނާއަށް މަމީ ނުބައި މީހެއްކަން ދައްކާލާނަން. އެކުރި ކަމުގެ ޝަޒާ އޭނާއަށް ދޭނަން" ދަތްކުނޑިވިކާލައިގެން ރުބީނާ ހުއްޓެވެ.
* * * *
އޮފީސް ހެނދުން ވެސް ބަދަލުކުރާން ދާން ބޭނުންނުވެފައި ޚާދިމުން އުޅޭ އިމާރާތުގެ ކުރިމަތީ އޮތް ހުސްތަންކޮޅުގައި ދެކޮޅަށް ހިނގާލަ ހިނގާލާ ލޫކަން ހުއްޓެވެ. ދޭތެރެއަކުން ދަތްކުނޑިވިކާލައި ދެއަތް ފުރަގަހަށްލާ އެއްއަތުން އަނެއްއަތް ހިފަހައްޓާލައެވެ. އެފަދަ ވަގުތުތަކުގައި ހިނގުން މަޑުކޮށްލާ އައިރާގެ ކޮޓަރިއާ ދިމާއަށް ބަލާލައެވެ. އެކޮޓަރީގެ ކުޑަދޮރު ހުރީ ލައްޕާފައެވެ. އެތެރޭގައި އައިރާގެ ހާލަކީ ކޮބައިކަމެއް އޭނާއަކަށް ނޭނގެއެވެ.
"ރުބީނާ އަންނާނެކަން ޔަގީން. އައިރާ އެހާ ބިރުގެންފައި އެ ހުރީ އެހެންވެ" ލޫކަން އޭނާގެ އަމިއްލަ ޟަމީރާ ވާހަކަދެއްކިއެވެ.
"ލޫކަން! ދެން ދޭ އެއްޗެހި ބަދަލުކޮށްލަން... ވަރަށް ވަރުބަލި ވެސް ވެފައެއްނު ހުންނާނީ. ދައްތަމެން އައިރާގެ ގާތުގައި މިތިބީ" މައިދޮރުން ނިކުމެގެން އައި މަރިޔަންދީ ބުނެލިއެވެ. އޭނާގެ ވާހަކަ ގާތުގައި ހުރި ކެތުލީނު ބުނެދިނެވެ.
"މިއަދު އަހަރެނޫން އެކަކަށް ވެސް އައިރާ ރައްކާތެރިއެއް ނުކޮށްދެވޭނެ. ރުބީނާ އަހަންނާ ކުރިމަތިލާން ބޭނުން ނުވަންޏާ ޖެހޭނީ އައިރާއަށް ގޯނާ ނުކޮށް ހުއްޓާލަން. މިއަދުން ފެށިގެން އައިރާގެ ހުރިހާކަމެއް ބަލަހައްޓާނީ އަހަރެން..." ހިތްހަމަނުޖެހިފައި ހުރެ ލޫކަން ބުންޏެވެ.
"ލޫކަންގެ ބައްޕައާ މެދު ވިސްނަބަލަ" ލޫކަން ދެއްކި ވާހަކަ މަރިޔަންދީއަށް ކެތުލީނު އޮޅުން ފިލުވައި ދިނުމާއެކު ލޫކަންއަށް ވިސްނައިދޭން މަރިޔަންދީ މަސައްކަތްކުރިއެވެ.
"ބައްޕައަށް އެނގުނަސް މައްސަލައެއްނެތް. ރަނގަޅީ ވެސް އެނގުނިއްޔާ... ރުބީނާ ފަޟީޙަތްވާން ބޭނުންނުވަންޏާ ޖެހޭނީ މަޑުން ހުންނަން. އޭނާ ކުޅޭ ކަހަލަ ގޭމް އަހަންނަށް ވެސް ކުޅޭން އެނގޭ" ލޫކަން ވާހަކަދައްކަމުންދިޔައީ މަޑަކުންނޫނެވެ. އޭނާގެ އަޑު ކޮޓަރީގެ ކުޑަދޮރުގައި ލެނގިލައިގެން ހުރި އައިރާއަށް ސާފުކޮށް އިވެއެވެ.
"ލޫކަން... އާދޭސްކުރަން... ދެން އިހަށް ދޭ" ލޫކަންގެ ކުރިމައްޗަށް އައިސް ހުއްޓުނު ގޮތަށް ދެއަތްތިލަ ޖޯޑުކޮށްލާފައި އައިރާ ބުންޏެވެ. ހައިރާންކަން ލިބިގެންދިޔަ މީހަކު ފަދައިން އައިރާއަށް ބަލަހައްޓައިގެން ލޫކަން ހުއްޓެވެ.
"ތިހެން އުޅެނިކޮށް ފަހުން ދެރަވާވަރުގެ ދެބަސްވުމެއް ހިނގައިފާނެ. މިގޭ ތެރޭގައި އަހަންނާ ހެދި ޒުވާބެއް ހިނގާކަށް ބޭނުމެއްނޫން. ލޫކަންގެ ބައްޕަ ވެސް ހިތްހަމައެއްނުޖެހޭނެ ތިގޮތަށް ލޫކަން އުޅޭން" އައިރާ ވާހަކަދައްކާ ދައްކާ ހުއްޓާ ލޫކަން އައިގޮތަށް އައިސް އައިރާގެ ތުންފަތުގައި ޝަހާދަތް އިނގިލި ޖެއްސިއެވެ.
"އަހަރެން ގޯސްކަމެއް ނުކުރަން. އަހަރެން މިހެން ކަންތައް މި ކުރަނީ ކީއްވެކަން އެންމެ ރަނގަޅަށް އެނގޭނީ އައިރާއަށް. އަހަރެން ނުހުއްޓުވާ އައިރާ. މިގޭގައި އައިރާއަށް ރައްކާތެރިކަމެއް ލިބެން އޮތީ އަހަރެންގެ ބަސް އަހައިގެން. އަހަރެން އެހީތެރިވިޔަ ދީބަލަ... މީހުން ހެދިހާ ގޮތެއް ހެދިގެން ކޮންމެހެން އައިރާ ހުންނާކަށް ނުޖެހޭ. އެހީވާނެ މީހަކު ހުރިކަން އެނގުމުން އޭނާގެ ހިތްވަރުގައި ތެދުވެ ކުރިމަތިލާންވީ. އެހެންނޫނީ ދިރިއުޅުމުގަ ވެއްޓިފައިވާ އަނދިރިކަމުގެ ތެރެއިން ތެދުވާން ދެވަނަ ފުރުޞަތެއް ނުލިބިދާނެ. މިއަދު އަހަރެން މިހުރީ އައިރާއެކު... އައިރާ ހިމާޔާތްކުރާން... އައިރާގެ ދަރިފުޅު ހިމާޔަތްކުރާން... އަހަންނަށް ކުޑަ ވެސް އިތުބާރެއްކޮށްބަލަ. މިވީ ދުވަސްތަކުގައި އަހަރެން ކިތައް ފަހަރު އައިރާ ގާތުގައި ބުނިން... އައިރާ މިހާރު ތިހުރީ އެކަންޏެއް ނޫނޭ. އައިރާ ބިރުގަންނާކަށް ނުޖެހޭނެއޭ" ލޫކަންއަށް ވާހަކަދައްކަމުން އައިރާގެ ދެއަތްތިލައިގައި ހިފާ ބާރުކޮށްލެވުނެވެ. އެ ދެލޮލަށް ބަލަން ހުރެ އައިރާ ބޯޖަހާލިއެވެ. ޖެހިލުންވެފައި ހުރެއެވެ. ވާނޭގޮތެއް ނޭނގުނު ކަމުގައި ވިޔަސް ލޫކަންއަށް އިތުބާރުކުރާން އޭނާ ވެސް ބޭނުމެވެ.
"އަހަންނަށް އެހީތެރިވެވޭނީ ލޫކަން ވެސް ހަމަހޭގައި ހުރެގެން. މިވަގުތު ތި ހުރީ ވަރަށް ރުޅި އައިސްފައި. ރުބީނާއެއް މިވަގުތަކު ނާންނާނެ. އެހެންވީމަ އިހަށް ލޫކަން ދޭ. އަދިވެސް ތިހުރީ އޮފީސް ހެދުމުގައި. ކޮޓަރިއަށް ގޮސް ފެންވަރާލަނިކޮށް ސިކުނޑިއަށް ފިނިކަން ލިބިދާނެ. އަހަރެންނާއެކު މަރިޔަންދީއާއި އެހެން ވެސް ޚާދިމުން މިތަނުގައި އެބައުޅޭ. އެމީހުން އަހަރެންނަށް ބޮޑުގެއްލުމެއް ލިބުނަކަ ނުދޭނެ. އަހަރެން ލޫކަންގެ ވާހަކަ ޤަބޫލުކުރަން. މިފަހަރު އަހަރެންގެ އަޑު އަހާބަލަ. މި ހުރި ކޮޓަރިގަނޑުގައި އަހަރެން އުޅޭނީ. އިތުރު ތަނަކަށް އަހަރެން ދާކަށް ނޫޅެން. ލޫކަން ހަމަޖެހިގެން ވެސް އަހަންނާ ބައްދަލުވެވޭނެ. އެހެންޏާ ވެސް ބައްދަލުކުރާން އަންނަނީނު.... ދެން ދޭ ލޫކަން... މިގަޑީގައި ލޫކަންގެ ބައްޕަ ވެސް ގޭގައި އުޅޭނެ. ރުބީނާ އެކަމާ ވިސްނާނެ. އެހެންވީމަ ލޫކަން ވެސް އެކަމަށް ވިސްނަންވާނެ" މަޑުމަޑުން ލޫކަންގެ އަތުގައި ދެއަތްއަޅާ އައިރާ ކޮށްޕަން ފެށިއެވެ. އޭނާގެ އަޑުގައި ހުރި މަޑުމައިތިރިކަން ލޫކަންގެ ހިތާ ހަމައަށް ފޯރިއެވެ. ނުދާން ހުރެފައި ވެސް އައިރާގެ އާދޭސް އަޑުއެހީއެވެ.
"ކޭޓް! ރުބީނާ އައިސްފިނަމަ އަހަންނަށް ވަގުތުން ގުޅާތި" ދާން އުޅެފައި ވެސް ލޫކަން އަމުރުވެރި ގޮތަކަށް ކެތުލީނަށް ބުނެލިއެވެ. އޭނާ އަވަސް އަވަހަށް އެއްބަސްވުމުގެ ގޮތުން ބޯޖަހާލިއެވެ.
* * * *
ހިދާއާއި ސަލްމާ އެނބުރި ގެއަށް ދިޔައީ އެތައް ވާހަކައެއް ރުބީނާއާ ދައްކާފައެވެ. ދަތްކުނޑިވިކާލަ ވިކާލާ އޭނާ އިންއިރު އެ ދޮންމޫނަށް ރަތްކުލަ ވެރިވެއްޖެއެވެ. ސިކުނޑީގައި ޚިޔާލުތައް އެނބުރެމުންދިޔައިރު އައިރާއަށް ހަދާނޭ ގޮތަކާ މެދު އޭނާ ވިސްނަނީއެވެ. ދޭތެރެއަކުން ސިއްރުން ނަމަވެސް އައިރާއަށް ކުދިކިޔައިގަނެވެ. ގޭތެރެއަށް އެނބުރި އައި ލޫކަންއަށް އެކަނިމާއެކަނި ސޯފާގައިން އިން ރުބީނާ ފެނުނެވެ. ސިޑިން އަރަން އުޅެފައި ވެސް އޭނާގެ މިސްރާބު ބަދަލުކޮށްލީ ރުބީނާއާ ދިމާއަށެވެ. އެކަން އެނގުމާއެކު ރުބީނާއަށް ފާޑެއްގެ ސިހުމެއް ލިބިގެން ދިޔައެވެ. ވާނުވާ ނޭނގި ސުވާލު އުފެދިފައި ހުރި މީހަކު ފަދައިން ލޫކަންއަށް ބަލަން އިނެވެ.
"ނިކަން ގޮތެއް ހަދާބަލަ. އަހަރެން މަޑުން ހުރޭތޯ" ލޫކަން އައިސް ބުނެލި ބަސްތައް އެއީ އިންޒާރެއްކަން ރުބީނާއަށް އެނގުނެވެ. އޭނާ ބަހެއް ވެސް ނުބުނެ މަޑުން އިނީއެވެ.
"ލޫކަން އެ ދެއްކީ އައިރާގެ ވާހަކަބާ؟ އެކަމަކު އެ ދެމީހުން ބައްދަލުވީ ކިހިނެއްބާ؟ އައިރާ އޭނާއަށް ފެންނަ ހިސާބަށް އައީތަ؟" ހިމޭނުން އިން އިރު ރުބީނާގެ ހިތަށް އެރިއެވެ. ލޯ ހިމަކޮށްލައިގެން ރުބީނާއަށް އިރުކޮޅަކު ބަލަން ހުރެފައި ލޫކަން ސިޑިއާ ދިމާއަށް ދިޔައެވެ. ފުން ނޭވާއެއް ރުބީނާ ދޫކޮށްލި ގޮތުން ހީވީ ލޫކަން އޭނާގެ ކުރިމައްޗަށް އެރީސުރެ އިނީ ނޭވާ ހިފަހައްޓާލައިގެން ކަހަލައެވެ. ގަޑިން ވީއިރެއް އަތުކުރީ އޮތް ގަޑިން ބަލާލާފައި ރުބީނާ ތެދުވިއެވެ.
* * * *
އައިރާގެ ކޮޓަރިތެރޭގައި އޭނާއާއެކު މަރިޔަންދީއާއި ކެތުލީނުގެ އިތުރުން މޯނާ އިނެވެ. އެ ތިންމީހުންނަށް މިހާރު އައިރާގެ ދިރިއުޅުންވަނީ އެނގިފައެވެ.
"މީ އައިރާއަށް ލެއްވި ނަސީބެއް. ލޫކަންގެ ބަސް ޤަބޫލުކުރަން ދައްތަ އެދެނީ. އޭނާ އައިރާއަށް ދެރަގޮތެއް ވިޔަކަ ނުދޭނެއޭ ދައްތަގެ ހިތް ބުނޭ" މަރިޔަންދީ މަޑުމަޑުން އައިރާއަށް ވިސްނައިދޭހެން ވާހަކަދެއްކިއެވެ.
"ލޫކް ބޮސް ބުނާހެން އައިރާ ވީ ސްޓްރޯންގުވާން. ލޫކް ބޮސް އައިރާގެ ރައިޓްސްއަށް ފައިޓުކުރާއިރު އައިރާ ވެސް ފިއަރލެސްވާންވީ" މޯނާ އިނދެފައި ބުންޏެވެ.
"ޔޫ އާ ސޯ ލަކީ އައިރާ... ލޫކްބޮސް ޔަގީން އައިރާ ދެކެ ލައިކްވަނީކަން" ހުވަފެނީ ގޮތަކަށް އިނދެފައި ކެތުލީނު ބުނެލިއެވެ.
އެންމެން ވެސް ވިސްނައިދީ ނަސޭޙަތްތެރިވަމުންދިޔައީ ލޫކަންގެ އެހީތެރިކަން ބަލައިގަތުމަށެވެ. ފަސްޖެހުމެއްނެތި ލޫކަން އެދޭ ގޮތަށް ކަންތައްތައް ކުރުމަށެވެ. ކެތުލީނުގެ ވާހަކައާއެކު އައިރާއަށް ދެ ލޯ މަރާލެވުނެވެ. ނިތްކުރީގައި ކަނާތު ދެއިނގިލިން އަޅާ އޮބާލެވުނީ ރިހުމުގެ އަސަރު އިހުސާސްކުރެވިގެންނެވެ.
"އަހަރެން ވެސް ބޭނުންވަނީ އިހަށް އަރާމުކޮށްލަން. ވަރަށް ވަރުބަލިވެއްޖެ" އެކަނިވެލަން ބޭނުންވެފައި ހުރިވަރުން އައިރާ ބުންޏެވެ. އޭނާއަށް އެއްވެސް ކަމަކަށް މަޖުބޫރުކުރާކަށް އެކަކު ވެސް މަސައްކަތެއް ނުކުރެއެވެ. ރޭގަނޑު ކާން އައިރާއަށް ގޮވާނަން ކަމުގައި ބުނެފައި މަރިޔަންދީ އެ ކޮޓަރިން ނުކުތެވެ. އޭނާއާއެކު މޯނާއާއި ކެތުލީނު ވެސް ނުކުތެވެ.
އެނދުގައި އައިރާ ހަށިގަނޑު ދަމާލިތާ ފަސްމިނެޓު ވެސް ނުވަނީސް ކުއްލިއަކަށް ދޮރު ހުޅުވާލާފައި އެތެރެއަށް ވަންތަން ފެނުނީ ރުބީނާއެވެ. އޭނާގެ މޫނުމަތިން ރުޅި އައިސް ރަތްވެފައި ހުރިވަރު އައިރާއަށް ވެސް ދެނެގަންނަން އުނދަގުލެއް ނުވިއެވެ. ކުއްލިއަކަށް ތެދުވަން ބޭނުންވިޔަސް އައިރާއަށް ތެދުވަން ވަގުތު ނެގިއެވެ. އޭނާއަށް ބަލަން ނުހުރެ ރުބީނާ އައިގޮތަށް އައިސް އެންމެ ފުރަތަމަ ވެސް ނެގީ ފެންތަށްޓަކަށް ލާފައި އިން ދެ މަލެވެ. ފިޔަތައް ނައްޓުވާލާފައި ކޮޓަރިތެރެއަށް އެއްލާލިއެވެ.
"ހީކުރީ އަހަރެންނަށް ވަގަށް ކަންކަން ކުރެވޭނެކަމަށްތަ؟ ތިކުޅޭ ކުޅިވަރު ހަމަ މިހާރު ހުއްޓާލާ. ލޫކަންގެ ބޮލަށް އެރޭނަމޭ ހިތަށް އަރައިގެން އުޅުނަސް އެކަމެއް ނުވާނެ. އަހަރެން ހިތަށް އަރާ އޭނާއަށް ކީއްކޮށްދީގެންބާއޭ އެވަރެއް އޭނާއަށް ވެފައި އެ ހުރީ... އަދި މީ ކޮންހާ އެއްޗެއްތަ އެލުވާފައި މިހުންނަނީ..." ކޮޓަރިތެރޭގައި ހުރި ޕްލާސްޓިކު ގޮނޑިއަށް ދަމާލާ އޭގެ މައްޗަށް ރުބީނާ އެރިއެވެ. އަދި އަތްފޯރާ ހިސާބުގައި އެލުވާފައި ހުރި ކަރުދާސް ދޫނިތައް އުފުރާ ހަލާކު ކުރިއެވެ. ހަމައެކަނި ސަލާމަތްވީ އޭނާގެ އަތް ނުފޯރާ ހުރި އެއްޗިއްސެވެ.
"މިތަނުގައި ވެސް ރާނީއެއްހެން އުޅޭން ދޯ ވިސްނުން ހުރީ... ނޫނޭވާ ކުޅަދާނަ ކަލޭ" ރުޅި އައިސްފައި ހުރެ ރުބީނާ ބުނެލިއެވެ. އޭރު ވެސް އައިރާ ހުރީ ބުނާނޭ އެއްޗެއް ނޭނގިފައެވެ.
ކޮޓަރީގައި ހުރި އައިރާގެ ހެދުން އަޅާ އަލަމާރިއާއި އެނދުކައިރީ ހުރި ކަބަޑު ވެސް ރުބީނާ ބަލާ ފާސްކުރިއެވެ. ކަބަޑުގެ ވަތްގަނޑުގައި ހުރި ލިޔުންކޮޅުތައް ފެނި ރުބީނާގެ ރުޅި އިންތިހާއަށް ދިޔަ ފަދައެވެ. ފަހަރަކު ކަރުދާސްކޮޅެއް ކުދިކޮށް އައިރާއާ ދިމާއަށް އުކަމުންދިޔައެވެ. އަލަމާރިތެރޭގައި ހުރި ހެދުންތަކުން ބާވެފައި އޮތް ދެތިން ހެދުން ބާއްވާފައި ދެން ހުރި ހެދުންތައް އިރާ ހަލާކުކުރިއެވެ. އަޑުފަށްގަނޑު ގަދަވެގެން ޚާދިމުންގެ ބަދިގޭގައި އުޅުނު ކެތުލީނާއި މޯނާ ހަލުވިކޮށް އައެވެ.
"ކަލޭމެން މިތަނަށް ތި އައީ ކީއްކުރަން" އައިރާގެ ކޮޓަރީގެ ދޮރުހުޅުވާލާ ކެތުލީނާއި މޯނާ ބޯދިއްކޮށްލުމާއެކު ރުބީނާ ހަޅޭލަވައިގަތެވެ. އެމީހުން ބިރުންބިރުން އަވަހަށް ދޮރުލެއްޕީއެވެ. ކެތުލީނު އަވަސްވެގަތީ މަރިޔަންދީއަށް ގޮވާށެވެ. ނަމަވެސް އޭނާ ހުރީ ނަމާދަށް އަރައެވެ. ހަދާނެ ގޮތެއް ނޭނގިގެން ކެތުލީނު ދެކޮޅަށް އެނބުރުނެވެ. އެންމެފަހުން ކޮންމެ ގޮތެއް ވެސް ވަރިހަމަކަމަށް ހަދާލާފައި ދުވެފައި ގޭތެރެއަށް ދިޔައީ ލޫކަންއަށް ގޮވާށެވެ.
"މިކުރިވަރެއްނޫން ދެން ކުރާނީ. ތި ދެފައި ކަށިމަތި ބިންދާލާ ނުކުޅެދޭ މީހަކަށް ހަދާލިޔަސް ކަލެއަށް އެހީވާނެ މީހަކު ނާންނާނެ. މާ ރީތި ސިފައެއް ލިބިގެން އޭގެ ޖާދޫގައި މީހުން ޖެއްސިދާނެއޭ ހީނުކުރާތި. ފަޅި ސިކުންތެއްގެ ތެރޭ ވެސް އަހަންނަށް ކަލެއަކީ ހުތުރު ސިފައެއް ލިބިފައިވާ އަންހެނަކަށް ހަދާލެވިދާނެ. ތިމޫނު މީހަކަށް ވަކިނުވާވަރު ކޮށްލެވިދާނެ... އެވަރުގެ ކަމެއް އަހަރެންގެ އަތުންފައިން ކުރުވާން ބޭނުންވަނީތަ؟ އަހަރެން ޖެހިލުމެއްނުވާނެ... ބިރެއް ވެސް ނުގަންނާނެ... ވިހޭމަ އެންމެ ހިނދުކޮޅަކު ވެސް މިގޭގައި ނުބަހައްޓާނަން. ކޮށްޕަމުން ދަމާ ކޫތާފަވިޔަސް މިގެއިން ނެރި ބޭރުކުރާނަން... ލަދު ކުޑަ އަންހެނާ" އައިރާގެ ކަންފަތް މަތީ ރުބީނާ އައިސް ޖެހިއެވެ. އެންމެ އެތިފަހަރަކުން އޭނާގެ ހިތެއް ނުފުރުނެވެ. ދެފަހަރު ޖަހަންވާއިރަށް އައިރާއަށް އޭނާގެ ދެއަތް މޫނާ ހުރަސްކޮށްލެވިއްޖެއެވެ. (ނުނިމޭ)