ގަލްފު ގައުމުތަކާ ގަތަރާ ދެމެދު އުފެދިފައިވާ ގަޑުބަޑުގެ މައްސަލަ ހައްލު ކުރުމަށް ޓަކައި އެ ގައުމުތަކުން މަޝްވަރާ ކުރަން އިނގިރޭސިވިލާތުގެ ފޮރިން ސެކްރެޓަރީ ބޮރިސް ޖޯންސަން ގޮވާލައްވައިފި އެވެ.
ގަތަރާ ގުޅުން ކަނޑާލައި ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިގެން އުޅޭ ސައުދީ އަރަބިއްޔާ، ބަހުރައިން، ޔުނައިޓެޑް އަރަބް އެމިރޭޓްސް ( ޔޫއޭއީ) އަދި މިސްރުން މަޝްވަރާތައް ބޭއްވުމަަށް ޖޯންސަން ގޮވައިލެއްވީ ކުވައިތަށް ކުރެއްވި ޒިޔާރަތެއްގައެވެ. ކުވައިތު ސަރުކާރުގެ ނިއުސް އެޖެންސީ 'ކޫނާ' އާ ހަވާލާދީ އަލްޖަޒީރާ ބުނީ މައްސަލަ ހައްލުކުރުމުގައި ކުވައިތުން މެދުވެރިއެއްގެ ދައުރު އަދާ ކުރަން ތާއީދު ކުރާ ކަަމަށް އިނގިރޭސި ސަރުކާރުން ބުނާ ބުނުން ޖޯންސަން ތަކުރާރުކުރެއްވި ކަމަށެވެ.
އޭނާ މިމޭރުމުން ވާހަކަފުޅު ދެއްކެވީ ކުވައިތުގެ ފޮރިން މިނިސްޓަރާ އެކު ބޭއްވެވި ބައްދަލުވުމެއްގައެވެ.
"އަހަރެންނަށް ގަބޫލު ކުރެވެނީ ކުރިއެރުން ހޯދޭނެ ކަމަށް. އެކަމަކު އެއީ އެންމެ ދުވަހެއްގެ ތެރޭގައި ވާނެކަމެއް ކަމަށް ދައްކާކަށް ނޫޅެން،" ޖޯންސަން ވިދާޅުވި ކަމަށް ނޫހުގައި ވެއެވެ.
ހިޔާލުތަފާތުވެފައިވާ ދެފަރާތުން އަދި ބައްދަލު ނުކުރާކަން ފާހަގަ ކުރައްވަމުން އޭނާ ވަނީ މަސްރަހު ފިނިކުރަން މަސައްކަތް ކުރަން ގޮވާލައްވާފައެވެ. އަދި އެކަން އަސްކަރީ ހަމަނުޖެހުމަކަށް ބަދަލު ވުމުގެ ފުރުސަތެއް ނެތް ކަމަށް ވެސް ވިދާޅުވިއެވެ.
ގަތަރާއި ގުޅުން ކަނޑާލައިގެން އުޅޭ އަރަބި ގައުމުތަަކުން ވަނީ ހިސާރު ނަައްތައިލުމުގެ ކުރިން 13 ކަމެއް ކުރަން އެގައުމަށް ހުށަހަޅާފައެވެ. އެ ލިސްޓްގައި ހިމެނޭ ކަންތައްތަކުގެ ތެރޭގައި ގަތަރުގައިވާ ތުރުކީ ސިފައިންގެ މަރުކަޒު ބަަންދުކުރުމާއި އީރާނާ ސިޔާސީ ގުޅުން ކަނޑައިލުމާއި އަލް ޖަޒީރާ ޓީބީ ބަންދު ކުރުން ހިމެނެއެވެ. ގަތަރުން ބުނެފައި ވަނީ އެއީ ކުރެވޭނެ ކަންކަމެއް ނޫން ކަމަށެވެ.