ޕާކިސްތާނުގެ ބަހަވަލް ޕޫރުގެ މަގަކުން ދަތުރުކުރަނިކޮށް ތެޔޮ ލޮރީއެއް ގޮވުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލަކަށް 2.4 މިލިޔަން ޑޮލަރު ދޭން އެގައުމުގެ ތެލާާއި ގޭހުގެ ކަންތައްތައް ބަލަހައްޓާ އިދާރާއިން ޝެލް ޕާކިސްތާން ލިމިޓެޑަށް އަންގައިފިއެވެ.
މިދިޔަ ޖޫންމަހުގެ 25 ވަނަ ދުވަހު ޕާކިސްތާނުގެ ބަހަވަލް ޕޫރު ނަމަކަށް ކިޔާ ރަށުގައި ހިނގި އެހާދިސާގައި 217 މީހުން މަރުވެ 61 މީހުން ޒަހަމްވިއެވެ. އެހާދިސާ ހިނގަން މެދުވެރިވީ ޕެޓްރޯލް ބަރުކޮށްފައިވާ ޓޭންކަރު ބާރަށް ދުއްވާފައި ދަނިކޮށް ފުރޮޅާލައި ތެޔޮ ލީކްވުމުގެ ސަބަބުންނެވެ. ލީކްވީ ޕެޓްރޯލްތަކުގައި ރޯވީ އެ ތެޔޮތަށް ނަގަން އާއްމުންގެ ގިނަ ބަޔަކު ތެޔޮތައް ތެރެއަށް އެރި ތިއްބައެވެ.
ޕާކިސްތާނުގެ ތެލާއި ގޭހާ ބެހޭ އިދާރާއިން ޝެލް ޕާކިސްތާނަށް އަންގާފައި ވަނީ ގޮވި ޓޭންކަރަކީ ތެޔޮ އުފުލާ އުޅަނދެއްގައި ހުްނނަން ޖެހޭ ކަންތައްތައް ފުރިހަމަވެފައި ނުވާ އުޅަނދެއް ކަމަށާއި އެ އުޅަނދު ދުއްވާފައި ވަނީ ވެސް ޕްރޮފެޝަނަލްކޮށެއް ނޫން ކަމަށެވެ.
ޝެލް ޕާކިސްތާނުން އީމެއިލް މެދުވެރިކޮށް ރޮއިޓާސް އަށް ބުނެފައިވާ ގޮތުގައި ޕާކިސްތާނުގެ އިދާރާގެ ނިންމުމަށް އެކުންފުނިން އިހުތިރާމް ކުރާނެ ކަަމަށެވެ. އަދި އެކުންފުނިން ވެސް ހާދިސާގެ ތަހުގީގެއް ކުރަމުން އަންނަ ކަމަށާއި ގޮވި އުޅަނދަކީ ތެޔޮ އުފުލަން ހަވާލުކޮށްފައިވާ އެހެން ކުންފުންޏެއްގެ އުޅަނދެއް ކަމަށް ވެސް ބުނެފައި ވެއެވެ.