ހަބަރު

ޖޫން މަހު އެކްސްޕޯޓް 118 ޕަސެންޓް މައްޗަށް

މިދިޔަ ޖޫން މަހު ރާއްޖެއިން އެކްސްޕޯޓް ކުރި މުދަލުގެ އަގު މިދިޔަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު 118 ޕަސެންޓް މަތި ވެފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުން ދައްކައިފި އެވެ.

ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު ޖޫން މަހު ރާއްޖެއިން އެކްސްޕޯޓް ކޮށްފައިވަނީ 204 މިލިއަން ރުފިޔާގެ މުދަލެވެ. ނަމަވެސް މިއަހަރު އެ އަދަދު ވަނީ 446 މިލިއަން ރުފިޔާއަށް މައްޗަށް ގޮސްފަ އެވެ. ރާއްޖެއިން މައިގަނޑު ގޮތެއްގައި ބޭރު ކުރަނީ މަހުގެ ބާވަތްތައް ކަމަށާއި މިދިޔަ މަހު އެކްސްޕޯޓް މުދަލުގެ 67 ޕަސެންޓް އެކްސްޕޯޓް ކޮށްފައިވަނީ ތައިލޭންޑަށެވެ.

މިދިއަ ޖޫން މަހު ރާއްޖެއަށް އިމްޕޯޓް ކުރި މިންވަރު ވަނީ މިދިޔަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު 7 ޕަސެންޓް އިތުރުވެފަ އެވެ. މިދިޔަ އަހަރު ޖޫން މަހު 2.7 މިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް އެތެރެ ކޮށްފައިވާއިރު މިއަހަރު ޖޫން މަހު އެ އަދަދު ވަނީ 2.9 މިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. އިމްޕޯޓްކުރި މުދަލުގެ އަގުގެ ގޮތުން 19 ޕަސެންޓް އެކުވެރި އަރަބި އިމާރާތުން އިމްޕޯޓް ކޮށްފައިވާއިރު، 15 ޕަސެންޓް މުދާ އިމްޕޯޓް ކޮށްފައިވަނީ ޗައިނާ އަދި ސިންގަޕޫރުން އަދި 11 ޕަސެންޓް އެތެރެކޮށްފައިވަނީ އިންޑިއާއިންނެވެ.

އިމްޕޯޓު ޑިއުޓީ އާއި އެހެނިހެން ފީ ގެ ގޮތުގައި ކަސްޓަމްސަށް ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު 11 ޕަސެންޓް އިތުރުވެފަ އެވެ. އަދި މިއަހަރުގެ ޖޫން މަހު އިމްޕޯޓް ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ދައުލަތަށް 210 މިލިއަން ރުފިޔާ ލިބިފައިވާއިރު މިދިޔަ އަހަރު ޖޫން މަހު ލިބިފައިވަނީ 189 މިލިއަން ރުފިޔާ އެވެ.