ގައުމީ މަސްކުންފުނި މިފްކޯ އިން މަސްވެރިންގެ އަތުން މަސްގަނަ އަގު ކިލޯއަކުން އެއް ރުފިޔާ ބޮޑު ކޮށްފި އެވެ. މިއީ ދުނިޔޭގެ ބާޒާރުގައި މަހުގެ އަގަށް އައި ބަދަލާ ގުޅިގެން ގެނައި ބަދަލެއް ކަމަށް އެކުންފުނިން ބުންޏެވެ. އެކަން އިއުލާން ކުރީ އެސްޓީއޯގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.
އެ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވީ އިންޓަނޭޝަނަލް މާކެޓްގައި މަހަށް ލިބޭ އަގުތަށް ރަނގަޅުވުމުގެ ސަބަބުން ކުންފުނީގެ ބޯޑުން މިއަދު ނިންމާފައިވަނީ މާދަމާއިން ފެށިގެން މަސް ގަންނަ އަގު ކިލޯއަކުން އެއް ރުފިޔާ ބޮޑު ކުރުމަށް ކަމަށެވެ. އަދި ތެލަށް އައި ބަދަލާ ގުޅިގެން ތިން ފަހަރެއްގެ މަތިން ތެޔޮ ވިއްކާ އަގުވެސް ހެޔޮކޮށްފައިވާ ކަމަށް ޝަހީރު ވިދާޅުވި އެވެ.
މިފްކޯއިން މިހާރު މަސްގަންނަމުންދާ އަގުތަކަކީ ފިނި ނުކުރާ މަސް ކިލޯއެއް 17ރ. އަށް އަދި ފިނިކުރި ކަނޑުމަސް ކިލޯއެއް 19ރ. އަށެވެ.
ޝަހީރު ވިދާޅުވީ މަސްވެރިންނަށްދޭ ހިދުމަތް ރަނގަޅު ކުރުމުގެ ގޮތުން ފިނޭންސް މިނިސްޓްރީި އާއި ފިޝަރީޒް މިނިސްޓްރީ އާއި މިފްކޯ ގުޅިގެން ގިނަ ޕްރޮޖެކްޓް ތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މިފްކޯއިން މިހާރު ބޭނުން ކުރަމުންދާ ފެސިލިޓީސްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާ ކަމަށާއި ކުރިއަށް އޮތް ހަމަސް ދުވަހުގެ ތެރޭގައި އެ ހުރިހާ ފެސިލިޓީސްތައް ރަނގަޅު ކުރެވިގެންދާނެ ކަމަށް ޝަހީރު ވިދާޅުވި އެވެ.
"ދުނިޔޭގެ މާކެޓްގައި މަހުގެ އަގގު ހެޔޮވާ ކޮންމެ ފަހަރަކު ރާއްޖޭގައި މަސް ގަންނަ އަގަށް ބަދަލު ގެނެސް މަސްވެރިންގެ ލާބަޔަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެގޮތުން އިންޓަނޭޝަނަލް މާކެޓްގައި މަހަށް ލިބޭ އަގުތަށް ރަނގަޅުވުމުގެ ސަބަބުން ކުންފުނީގެ ބޯޑުން މިއަދު ނިންމާފައިވަނީ މާދަމާއިން ފެށިގެން މަސްވެރިންގެ އަތުން ގަންނަ މަސް ކިލޯއެއްގެ އަގަށް ބަދަލު ގެނެސް އެއް ރުފިޔާ އިތުރު ކުރަން." ޝަހީރު ވިދާޅުވި އެވެ.
މިފްކޯގެ އެމްޑީ އަދްލީ އިސްމާއިލް ވިދާޅުވީ ފިނިކުރި ކަނޑުމަހުގެ މާކެޓް މިއަހަރުގެ ތެރޭގައި ފުދޭ ވަރަކަށް ރަނގަޅުވެގެންދާނެ ކަމަށެވެ. އެގޮތުން ކުރިއަށްއޮތް ތަނުގައި ވެސް އަގުތަށް ރަނގަޅުވެގެންދާނެ ކަމަށް އަދުލީ ވިދާޅުވި އެވެ. އަދި ފެސިލިޓީސްތަށް އަޕްގްރޭޑް ނުކުރެވިފައިވަނީ މާލީ ހާލަތާއި ދުނިޔޭގެ މާކެޓުގެ މަހުގެ އަގަށް ލިބެންވާ ވަރަށް ތަރުހީބު ނުލިބުމުން ކަމަށާއި މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން އެކަންކަން ރަނގަޅުވަމުން އައިސް އަވަސް މުސްތަގުބަލެއްގައި ފެސިލިޓީސްތަކުގެ ފެންވަރު ރަނގަޅު ކުރެވިގެންދާނެ ކަމަށް އަދްލީ ވިދާޅުވި އެވެ.
"މަސް ގަތުމުގައި ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކޮށް ފުދޭވަރެއްގެ ރަނގަޅު އަގުތަކެއްގައި މަސްގަތުމަށް މިތިބީ ތައްޔާރަށް. އަދި ތެލުގެ އަގަށް އައި ބަދަލާއި ގުޅިގެން މަސްވެރިންނަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ." އަދްލީ ވިދާޅުވި އެވެ.އެ