ހަބަރު

މަހެއްހާ ދުވަހުން ފުޑް ކޯޓުތައް އަޅާ ނިމޭނެ: މުއިއްޒު

މާލޭގެ ހުޅަނގު ދެކުނު ސަރަހައްދުގައި ހަދާ ފުޑްކޯޓު މަސައްކަތް އެއް މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ދާދި ދެންމެއަކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެތަނުގެ މަސައްކަތް އެއްމަސް ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް އެސްޓީއޯ އިން ބުނެފައިވާ ކަމަށެވެ. އަދި ޓްވީޓްގައި އެތަނުގެ މަސައްކަތް ގޮސްފައިވާ ހިސާބު ދައްކައިދޭ ފޮޓޯތަކެއް ވެސް މިނިސްޓަރު ވަނީ ހިމަނާފަ އެވެ. އެތަން ހަދަމުން އަންނަނީ އެސްޓީއޯއާ ހަވާލުކޮށްގެން އެވެ.

ފުޑް ކޯޓުތައް އެޅުމުގެ މަސައްކަތް އެސްޓީއޯއާބޮޑުމިނުގައި ގާތްގަނޑަކަށް 30،000 އަކަފޫޓް ހުންނަ ހާބަރު ސަރަހައްދުގައި ގާއިމް ކުރުމަށް ހަމަޖެހިފައި ވަނީ 27 ފުޑް ކޯޓެވެ. މީގެ އިތުރުން ޕާކިން ޒޯނަކާއި ފާހާނަ ބަރިއެއް ވެސް އެ ސަރަހައްދުގައި އަޅާނެއެވެ. ހައުސިން މިނިސްޓްރީއިން ބުނެފައި ވަނީ ފުޑް ކޯޓުތައް އެޅުމުން ކަސްޓަމަރުންގެ ކެޕޭސިޓީ އިތުރުވެ ބަދިގެ ސަރަހައްދު ތަނަވަސް ވެގެން ދާނެ ކަމަށާއި އެ ސަރަހައްދަކީ ހިތްފަސޭހަ ތަނަަށް ވެގެން ދާނެ ކަމަށެވެ.

އެތަން އެސްޓީއޯއާ ހަވާލުކޮށްފައި ވަނީ މިދިޔަ އަހަރު ކުރީކޮޅު އެވެ. އެތަން ނިންމަން ތާވަލްކުރީ ހަތަރު މަސްދުވަހުގެ ތެރޭގަ އެވެ. އެހެން ނަމަވެސް އެ މުއްދަތު މިހާރު ވަނީ ފަހަނައަޅާ ގޮސްފަ އެވެ.