ހަބަރު

ވެރިކަން ބަދަލުކުރާ ވާހަކަ މުންދު ދެއްކީ މަގާމުގެ ދިފާއުގައި: މައުމޫން އޮފީސް

ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމްގެ ވެރިކަން ބަދަލު ކުރަން ކުރީގެ ރައީސް މައުމޫން އަބުދުލް ގައްޔޫމް މާކުރިން ރާވާފައިވާ ކަމަށް ޕީޕީއެމްގެ ކައުންސިލް މެންބަރު އަދި ރާއްޖޭގެ ފަރާތުން ޖަޕާނަށް ކަނޑައަޅާފައި ހުންނަ ސަފީރު މުހައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވީ މަގާމުގެ ދިފާއުގައި ކަމަށް މައުމޫން އޮފީހުން ބުނެފި އެވެ.

މައުމޫން އޮފީހުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ޓީވީއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި މުންދުގެ ވާހަކައިގައި ރައީސް މައުމޫން މާކުރިން ވެސް ރައީސް ޔާމީންގެ ވެރިކަން ބަދަލުކުރަން ރޭވިކަމަށް ވިދާޅުވެފައިވާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި މުންދު އެ ވާހަކަތައް ދައްކާފައިވަނީ މަގާމުގެ ބިރަށް ކަމަށެވެ.

މައުމޫން އޮފީހުން ބުނީ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ކަންކަން ހިންގަމުންދާން ފެށުމުންނާއި ސަރުކާރުގެ ތެރޭގައި ގާނޫނާ ހިލާފަށް އެތައް ކަމެއް ހިނގަމުން ދިއުމުގެ ސަބަބުން އެކަންކަން ހައްލު ކުރުމަށް ރައީސް މައުމޫން ވަނީ ޕާޓީގެ އެތެރެއިން މަސައްކަތް ކުރައްވާފައި ކަމަށެވެ. އަދި އެކަމަށް މަސައްކަތް ކުރުމުން ރައީސް މައުމޫނާއެކު އިސްލާހަށް މަސައްކަތް ކުރި މީހުން ޕާޓީން ވަކި ކުރުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ.

އެކަމާއި ގުޅިގެން ރައީސް މައުމޫން ވަނީ މިއަދު ޓްވީޓްވެސް ކޮށްފަ އެވެ. އެ ޓްވީޓްގައި ވަނީ ބައެއް ބޭފުޅުން ވަޒީފާގެ ބިރުވެތި ކަމަށް އެމަނިކުފާނަށް ފާޑު ވިދާޅުވާ ކަމަށާއި އެކަން ކުރަން ބޭނުންވާ މީހުން އެކަން ކުރަމުން ގެންދިއުމަކުން މައްސަލައެއް ނެތް ކަމަށެވެ. އަދި އެމަނިކުފާނު ހުންނެވީ ސާބިތު ކަމާއެކު ގައުމަށް ހިދުމަތް ކުރެއްވުމަށާއި ގައުމަށް ހެވާ ލާބަ ހޯދައި ދެއްވުމުގައި ކަމަށެވެ. މައުމޫން ވިދާޅުވީ އެއްވެސް މީހަށް ކުރިމަގުގައި ލިބެންހުރި ފުރުސަތުތަކަށް ހުރަސް އެޅުމުގެ އެއްވެސް ނިޔަތެއްނެތް ކަމަށެވެ.

މުންދު ރާއްޖެ މިއަދު ޕްރޮގްރާމުގައި ވިދާޅުވެފައިވަނީ މައުމޫން، ރައީސް ޔާމީން އާއި ދެކޮޅަށް ވިސްނުން ބަދަލުވާންވީ އެއްވެސް ސަބަބެއް ނުފެނުނު ކަމަށާއި ހުއްޖަތެއް ނެތި ކުއްލި އަކަށް ވިސްނުން ބަދަލުވެފައި އެވަނީ ރައީސް ޔާމީން ވެރިކަމަށް އައުމުގެ މާ ކުރިން ސައްލާ ކުރެވިފައިވާ ރޭވުމަކަށްވާތީ ކަމަށެވެ. އަދި ވަކި މީހަކު ވެރިކަމަށް ގެނައުމަށް މާކުރިންވެސް ރޭވިފައިވާ ކަމަށާއި ނަމަވެސް އެކަން އެގޮތަށް ނުވުމުން މައުމޫންގެ ހިޔާލު ބަދަލުވީ ކަމަށެވެ.