ރައީސް އަބްދުﷲ ޔާމީން އަބުދުލް ގައްޔޫމްގެ ވެރިކަން ބަދަލު ކުރަން ކުރީގެ ރައީސް މައުމޫން އަބުދުލް ގައްޔޫމް ކުރިންސުރެ ރާއްވަވާފައިވާ ކަމަށް ޕީޕީއެމްގެ ކައުންސިލް މެންބަރު އަދި ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވީ މަގާމުގެ ދިފާއުގައި ކަމަށް މައުމޫންގެ އޮފީހުން ބުނުމާ ގުޅިގެން އެ އޮފީހަށް ރައްދު ދެއްވާ މުންދު ވާހަކަފުޅު ދައްކަވައިފި އެވެ.
ރައީސް މައުމޫންގެ ކުރީގެ ތަރުޖަމާނު ކަމާއި މައުމޫން ފައުންޑޭޝަންގެ ސެކްރެޓަރީ ޖެނެރަލް ކަމާއި އަދި ދެ ސަރުކާރެއްގައި ވަޒީރުކަން ކުރެއްވި މުންދުއާ މިރޭ އަވަސް އިން ސުވާލު ކުރުމުން އޭނާ ވިދާޅުވ ރައީސް މައުމޫނުގެ އޮފީހުން އޭނާއަށް ނިސްބަތް ކޮށް ބަޔާނެއް ނެރުނު އިރު އެ އޮފީހުގައި ތަޖުރިބާގެ ގޮތުން މިހާތަނަށް އެންމެ ދޮށީ އޭނާ ކަމަށެވެ. އޭނާ އަށް ފެނިވަޑައިގަންނަވާ ގޮތުގައި ގާތް ކުއްޖަކަށް ނަމަވެސް ވަޒީފާއެއް ހޯއްދަވައި ދެއްވަން ބޭނުންފުޅުވެގެން އުޅުއްވަނީ ރައީސް މައުމޫން ކަމަށެވެ. އަދި ފެންނަމުން ދަނީ ވެސް އެ މަންޒަރު ކަމަށެވެ.
"[ރައީސް މައުމޫނުގެ ދަރިކަލުން] ފާރިސް އަށް ވަޒީފާއެއް ހޯއްދަވައި ދެއްވަން އުޅުއްވަނީ ކޮން ބޭފުޅެއްތޯ؟ އެ މަންޒަރު ނޫންތޯ މިފެންނަނީ!" މައުމޫންގެ ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގައި ފެނި ވަޑައިގެންނެވި މުންދު ވިދާޅުވި އެވެ.
އިހުލާސްތެރި ކަމަކީ ވަކި ގޯއްޗެއްގައި އަޅާ އެއްޗެއްތޯ ވެސް މި ވަގުތު ރާއްޖޭގައި ހުންނެވި މުންދުން މިރޭ ސުވާލު ކުރެއްވި އެވެ.
"ބިނދެފައި ކައިރި މީހުންނަށް ބަހާފައި، ވަކި ބަޔަކު އެއްޗެއް ބުނީމާ އެއީ އަމިއްލަ އެދުމަށް، ނޫނީ ވަޒީފާއަށް އަނެއް ބަޔަކު ނަމަ ބުނާ ކޮންމެ އެއްޗަކީ 'ދީނާއި ގައުމަށްޓަކައި' ކަމަށް ވުމަކީ އަރަތެއް ކަމަށް އަޅުގަނޑު ދެކެނީ،"
އޭނާ ވިދާޅުވީ 1999 ވަނަ އަހަރުން ފެށިގެން 2013 އާ ހަމައަށް އޭނާ ދެއްކެވި ހުރިހާ ވާހަކައެއް އެެއީ ދީނާއި ގައުމަށްޓަކައި އަމިއްލައަށް އެދިގެން ދެއްކެވި އިހުލާސްތެރި ވާހަކައަށް ވެފައި ރައީސް އަބްދުﷲ ޔާމީން ރައީސް ކަމުގެ މަގާމުގެ ހުވާ ކުރެއްވި ދުވަހުން ފެށިގެން އޭނާއަށް ވިދާޅުވެވުނު އެއްޗެއް ވިއްޔާ އެއީ ވަޒީފާއަށްޓަކައި ނޫނީ ލިބިދާނެ މަންފާއަކަށް މަޖުބޫރުން ވިދާޅުވެވުނު ވާހަކައަށް ވުމަކީ ވެސް އަޖައިބެއް ކަހަލަ ކަމެއް ކަމަށެވެ.
މައުމޫންގެ އޮފީހަށް މުންދުގެ ސުވާލު ތަކެއް އަމާޒު ކުރެއްވި އިރު އެ އޮފީހުން އޭނާއަށް ނިސްބަތްކޮށް ބުނެފައި ވަނީ ބުނީ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ކަންކަން ހިންގަމުންދާން ފެށުމުންނާއި ސަރުކާރުގެ ތެރޭގައި ގާނޫނާ ހިލާފަށް އެތައް ކަމެއް ހިނގަމުން ދިއުމުގެ ސަބަބުން އެކަންކަން ހައްލު ކުރުމަށް ރައީސް މައުމޫން ޕާޓީގެ އެތެރެއިން މަސައްކަތް ކުރައްވާފައިވާ ކަމަށެވެ. އަދި އެކަމަށް މަސައްކަތް ކުރެއްވުމުން ރައީސް މައުމޫނާއެކު އިސްލާހަށް މަސައްކަތް ކުރި މީހުން ޕާޓީން ވަކި ކުރުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ.
މިކަމާ ގުޅުން ހުރި ޓްވީޓެއް ރައީސް މައުމޫން ވެސް ކުރައްވާފައި ވެއެވެ. އޭގައި ވިދާޅުވެފައި ވަނީ ބައެއް ބޭފުޅުން ވަޒީފާގެ ބިރުވެތި ކަމަށް އެމަނިކުފާނަށް ފާޑު ވިދާޅުވާ ކަމަށާއި އެކަން ކުރަން ބޭނުންވާ މީހުން އެކަން ކުރަމުން ގެންދިޔައަސް މައްސަލައެއް ނެތް ކަމަށެވެ.
ޓީވީއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި މުންދުން ވިދާޅުވެފައިވަނީ މައުމޫން، ރައީސް ޔާމީން އާއި ދެކޮޅަށް ވިސްނުން ބަދަލުވާންވީ އެއްވެސް ސަބަބެއް ނުފެނުނު ކަމަށާއި ހުއްޖަތެއް ނެތި ކުއްލި އަކަށް ވިސްނުން ބަދަލުވެފައި އެވަނީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތުމުގެ މާ ކުރިން ސައްލާ ކުރެވިފައިވާ ރޭވުމަކަށްވާތީ ކަމަށެވެ. ޒަމާންތަކަކަށް ފަހު މުންދުގެ އަޑު ގަދަވެފައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމަށް ބުނެ ޕީޕީއެމްގެ މެންބަރުން ތަކެއް ވެސް ހިމެނި ވަޑައިގަންނަވާ ގޮތަށް 45 މެންބަރަކު ސޮއި ކުރައްވާ މަޖިލީހަށް ވެއްދުމާ ގުޅިގެން ރާއްޖޭގެ ސިޔާސީ މަސަރަހަށް ކުއްލި ބަދަލެއް އައިސްފައި ވަނިކޮށެވެ.