ވިޔަފާރި

ޓީޓީއެމް: ދާއިރާގެ މާހިރުނާއެކު ހަަތަރު ޕެނަލް!

ބުދަ ދުވަހު މާލޭގައި ފަށާ "ޓީޓީއެމް ހޮޓެލިއާ ސަމިޓުގައި" ހަތަރު ޕެނަލްއެއް އޮންނައިރު މި ބައްދަލުވުންތަކުގައި އެކި ދާއިރާގެ މާހިރުން ބައިވެރިވާނެ އެވެ.

ދަރުބާރުގޭގެ ދޮށިމޭނާމާލަމްގައި "ޓީޓީއެމް ހޮޓެލިއާ ސަމިޓު" އޮންނާނީ 12 ވަނަ ދުވަހުގެ ހެނދުނު 9:00 އިން 1:00 އަށެވެ. މި ސަމިޓުގައި ހުޅުވުމުގެ ގޮތުން ވާހަކަ ދައްކަވާނީ މަޝްހޫރު މޯޓިވޭޝަނަލް ޗެމްޕިއަނެއްގެ ގޮތުގައި ދުނިޔޭގައި މަޝްހޫރުކަން ހޯދާފައިވާ ޕައުލް މެކްނީވްގެ އިތުރުން ރާއްޖޭގެ ޓޫރިޒަމްގެ އެއް ބާނީ ކަމަށްވާ މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އެވެ.

ރާއްޖޭގެ ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޓައިޓްލްގެ ދަށުން ބާއްވާ "ބީއެމްއެލް-ހޮޓެލިއާ ސަމިޓު" ގައި ޓޫރިޒަމް ދާއިރާގެ އެންމެ އިސް 150 ފަރާތެއް ބައިވެރިވާނެ އެވެ. މީގެތެރޭގައި ރިސޯޓާއި ހޮޓާތަކުގެ ޖެނެރަލް މެނޭޖަރުންނާއި ރެސިޑެންސް މެނޭޖަރުން އަދި ހޮޓާތަކުގެ ވެރިން ހިމެނެ އެވެ. މީގެ އިތުރުން 80 ޖެނެރަލް މެނޭޖަރުން ވެސް ހިމެނެ އެވެ.

1- އެއާޕޯޓް ތަރައްގީ ކުރުން

މި ޕެނަލް ޑިސްކަޝަން ހާއްސަކުރާނީ އެއާޕޯޓް ޑިވްލޮޕްމަންޓަށެވެ. މި ޕެނަލްގައި ބައިވެރިވާ ބޭފުޅުންގެ ތެރޭގައި ޓީއެމްއޭގެ މެނޭޖިން ޑިރެކްޓަރު އޭޔޫއެމް ފައުޒީ އާއި އެމްއޭސީއެލްގެ ސީޑީއޯ ލިއޮނެލް އަދި މޯލްޑިވިއަންގެ ހެޑް އޮފް އިޖިނިއަރިން އިބްރާހިމް އިލްޔާސްގެ އިތުރުން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ޖެނެރަލް މެނޭޖަރު އިބްތިޝާމާ އަހުމަދު ސައީދު ހިމެނިވަޑައިގަނެ އެވެ.

2- ދެމެެހެއްޓެނިވި ޓޫރިޒަމް

ޓީޓީއެމް ހޮޓެލިއާ ސަމިޓުގައި ދެމެހެއްޓެނިވި ޓޫރިޒަމަށް ހާއްސަކޮށް ޕެނަލް ޑިސްކަޝަންއެއް ވެސް ކުރިއަށް ގެންދާނެ އެވެ. މި ޕެނަލް ޑިސްކަޝަންގައި ބައިވެރިވާ ބޭފުޅުންގެ ތެރޭގައި ތިމާވެއްޓާބެހޭ މިނިސްޓަރު ތޯރިގު އިބްރާހިމް އާއި ގްލޯބަލް މެރިން އެންޑް އެނާޖީ ލުބްރިކަންޓްސްގެ ސޭލްސް އެކައުންޓް މެނޭޖަރު ލިން މެން ހޯގެ އިތުރުން ޔޫއެން ރެސިޑެންޓް ކޯޑިނޭޓަރު ސޯކޯ ނޯޑާ ހިމެނިވަޑައި ގަނެ އެވެ. މީގެ އިތުރުން ހިމެނޭ އެހެން ބޭފުޅުންގެ ތެރޭގައި ސަން އައިލެންޑުގެ ޖެނެރަލް މެނޭޖަރު އަބްދުﷲ މައުސޫމް އާއި ކްރައުން ކޮމްޕެނީގެ ޑިރެކްޓަރު އަހުމަދު ނަޒީރު (ކްރައުން ނަޒީރު) ހިމެނެ އެވެ.

3- ޓޫރިޒަމްގެ ޓްރެންޑް، ޓެކްނޮލޮޖީ

ޓޫރިޒަމް ޓްރެންޑާއި ޓެކްނޮލޮޖީއަށް ހާއްސަކޮށް ބާއްވާ ޕެނަލް ޑިސްކަޝަންގައި މަޝްހޫރު ބުކިން ޑޮޓްކޮމްގެ ހޮޓެލް އޭރިޔާ މެނޭޖަރު ތަޑުން ނައިދޫގެ އިތުރުން ޓޫރިޒަމް މިނިސްޓްރީގެ ޒިންމާދާރުވެރިޔާ ޑރ. އަހުމަދު ސޯލިހުގެ އިތުރުން ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު ބައިވެރިވެވަޑައިގަންނަވާނެ އެވެ. މީގެ އިތުރުން ބައިވެރިވާ ބޭފުޅުންގެ ތެރޭގައި އެކްސްޕީޑިއާގެ ސީނިޔަ މާކެޓު މެނޭޖަރު އަބޭ ކަންނާގެ އިތުރުން ޓްރިޕް އެޑްވައިޒާގެ ޑެސްޓިނޭޝަން މާކެޓިން- ސައުތު އޭޝިއާގެ މެނޭޖަރު ބަހާރަތު ނަގްބަލް ހިމެނެ އެވެ.

4- ޑެސްޓިނޭޝަން މާކެޓިން، ސޯޝަލް މީޑިޔާ އޮޕަރޭޓަރުންގެ ދައުރު

ހޮޓެލިއާ ސަމިޓުގައި އޮންނަ ހަތަރުވަނަ ޕެނަލްގައި ޑެސްޓިނޭޝަން މާކެޓިން އާއި ސޯޝަލް މީޑިޔާ އަދި އޮޕަރޭޓަރުންގެ ދައުރު މި ޕެނަލްގައި އެމެރިކަން އެކްސްޕްރެސް ބޭންކިން ކޯޕަރޭޝަންގެ ސީނިޔަ ވައިސް ޕްރެސިޑެންޓް އަދި ސީއީއޯ މަންޖޯލް އަދްލަކްހާގެ އިތުރުން އެއާ އޭޝިޔާ- މެލޭޝިޔާގެ ހެޑް އޮފް ކޮމާޝަލް ސްޕެންސާ ލީ ބައިވެރިވެ ވަޑައިގަންނަވާނެ އެވެ. މީގެ އިތުރުން މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސްއާއި ޓްރިޕްފެޒްގެ ހެޑް އޮފް ބިޒްނަސް ޑިވްލޮޕްމަންޓް ހައިކަލް އިދުރީސްވެސް ހިމެނިވަޑައި ގަންނަވަ އެވެ.

ޓީޓއެމް ފެއާ ބޭއްވުމުގެ މައިގަނޑު އެއް މަގުސަދަކީ ކުރިއަށް އޮތް ހަތަރު ވަރަށް އަހަރުގެ ތެރޭގައި ދެ މިލިއަން ޓޫރިސްޓުން ގެނެސް، ޓޫރިޒަމުން ލިބޭ އާމްދަނީ 3.5 ބިލިއަން ޑޮލަރަށް ގެންދިއުމުގެ އަމާޒަށް ވާސިލްވުމެވެ. މި ފެއާގައި ރާއްޖެ އާއި ރާއްޖޭން ބޭރުގެ 150 ޓްރެވަލް އެޖެންޓުންނާއި 100 ރިސޯޓު/ ޓޫރިސްޓު ހޮޓާތަކުގެ އިސްވެރިންނާއި 50 ނޫސްވެރިން އަދި ޕީއާރު ފާމްތަކުން މި ފެއާގައި ބައިވެރި ވާނެ އެވެ. މީގެ އިތުރުން މި ފެއާއަކީ އެމްއެމްޕީއާރުސީ އާއި މަޓާޓޯ އަދި މަޓީ ފަދަ ޖަމިއްޔާތައް އެންޑޯޒްކޮށްފައިވާ ފެއާ އެކެވެ. މިފެއާގެ މީޑިޔާ ޕާޓްނަރަކީ "އަވަސް" އޮންލައިން އެވެ.