ހޮލީވުޑް

"ގޭމް އޮފް ތްރޯންސް" ސީޒަން 5 ގެ ފުރަތަމަ 4 އެޕިސޯޑު ލީކު ކޮށްލައިފި

Apr 13, 2015

އެތައް މިލިއަން ބެލުންތެރިން ކެތްމަދުވެފައިވަނިކޮށް ދުނިޔޭގައި މިހާރު އެންމެ މަޝްހޫރު އެއް ޓީވީ ސިލްސިލާ، އެޗްބީއޯ ޗެނަލްގެ "ގޭމް އޮފް ތްރޯންސް"ގެ 5 ވަނަ ސީޒަންގެ ފަށާ އެޕިސޯޑް ރޭ ރިލީޒް ކުރަން އޮއްވާ، 10 އެޕިސޯޑް ހިމެނޭ މި ސީރީޒްގެ ފުރަތަމަ 4 އެޕިސޯޑު އިންޓަނެޓަށް ލީކު ކޮށްލައިފިއެވެ.

ސީރީޒްގެ ޕްރޮޑިއުސަރުން ލަފާ ކުރާ ގޮތުގައި މި ކަން ހިނގަން މެދުވެރިވީ "ޕްރިވިއު" ކުރަން، ނުވަތަ ކުރިން ބަލަން، މި އެޕިސޯޑްތައް ފޮނުވި ކޮންމެވެސް ފަރާތަކުން ލީކު ކޮށްލުމާ ގުޅިގެންނެވެ. ހޮލީވުޑުން ނެރޭ ފިލްމްތަކާއި ޓީވީ ސީރީޒްތައް، އާއްމުންނަށް ރިލީޒް ކުރުމުގެ ކުރިން، އާއްމުކޮށް "ރިވިއު" ކުރުމަށް އެކި ފަރާތްތަކަށް ފޮނުވައެވެ. އެ ގޮތުން ނޫސްވެރިންނަށާއި އަދި އެވޯޑު ދޭ ފަރާތްތައް ހިމެނެއެވެ.

ރޭ އެކަނިވެސް މި 4 އެޕިސޯޑް ޓޮރެންޓު ބޭނުންކޮށްގެން 1 މިލިއަން މީހުން ޑައުންލޯޑް ކޮށްފައިވާ ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. "ގޭމް އޮފް ތްރޯންސް" އަކީ ޕައިރެޓުންގެ އަމާޒުފަތްގަނޑަކަށް އެންމެ ބޮޑަށް ވެފައިވާ މުނިފޫހިފިލުވުމުގެ އައިޓަމެވެ.