ހަބަރު

ގާޒީ ބާރީއަށް ޖޭއެސްސީއަށް ހާޒިރުވާން އަންގައިފި

ކުރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުލް ބާރީ ޔޫސުފު، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހާޒިރުވާން އަންގައިފި އެވެ.

ޖޭއެސްސީގެ ބައްދަލުވުން ބާއްވާނީ މިއަދު ހެނދުނު 10:30 ގަ އެވެ.

އެ ކޮމިޝަނުގެ މިއަދުގެ ބައްދަލުވުމުގައި ގާޒީ ބާރީއާ ގުޅޭ މައްސަލައެއް ބެލުމަށް ނިންމާފައިވާ ކަމަށް އެނގިފައިވީ ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް ސާފެއް ނުވެ އެވެ.

ގާޒީ ބާރީ ޖޭއެސްސީއަށް ހާޒިރު ކުރައްވާއިރު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްސަލަ ބައްލަވާ ބެންޗުގައި ގާޒީ ބާރީ އިންނަވަ އެވެ. އެ މައްސަލާގެ އަޑުއެހުމެއް މިއަދަށް ވަނީ ތާވަލުކޮށްފަ އެވެ. އަޑުއެހުން ތާވަލުކޮށްފައިވަނީ ޝަރީއަތް ގިނަ ދުވަސްތަކަކަށް މެދުކެނޑުމަށްފަހު އެވެ.

ގާޒީ ބާރީގެ މައްސަލައެއް ޖޭއެސްސީއިން ބަލާއިރު އެ ކޮމިޝަނުގެ ރައީސްގެ ގޮތުގައި ހުންނެވި ފަނޑިޔާރު އަލީ ހަމީދު ވަނީ ކޮމިޝަނުގެ މެންބަރުކަމުން ދުރުކޮށްފަ އެވެ. އަދި ސުޕްރީމް ކޯޓުން ޖޭއެސްސީއަށް ކަނޑައަޅާ މެންބަރުގެ ގޮތުގައި ފަނޑިޔާރު އަބްދުﷲ އަރީފް އައްޔަންކުރައްވާފަ އެވެ. މިއަދުގެ ބައްދަލުވުމުގައި ޖޭއެސްސީގެ ރައީސް ވެސް އިންތިހާބު ކުރާނެ އެވެ.