ހަބަރު

މައުމޫނަށް ނިސްބަތްކޮށް ފޮޓޯތަކެއް ދައްކައިގެން ޗެނަލް 13 ހޫނު ފެނަށް!

Jul 10, 2017
10

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް މަލާމަތް ރައްދުވާ ގޮތަށް ބަޔަކު ހަދާފައިވާ ފޮޓޯތަކެއް ޗެނަލް 13 ގެ ޕްރޮގްރާމަކުން ދެއްކުމުން ގިނަ ބައެއްގެ ފާޑުކިޔުން އެ ޗެނަލަށާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް އަމާޒުވެއްޖެ އެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅުވައި ޗެނަލް 13 އިން ރޭ ގެނެސްދިން "ނާނާ ހުވަފެން" ޕްރޮގްރާމުގައި ވަނީ ރައީސް މައުމޫންއާއި ރައީސް މުހައްމަދު ނަޝީދު ގުޅިގެން މަސައްކަތް ކުރައްވާތީ ވަރަށް ބޮޑަށް ފާޑު ކިޔާފަ އެވެ. އަދި ކުރިން އެމްޑީޕީގެ ސަޕޯޓަރުން ހަދާފައި ހުރި ފޮޓޯތަކެއް ކަމަށް ބުނެ އެ ފޮޓޯތައް ލަވައެއްގައި ހިމަނައިގެން ވަނީ ދައްކާފަ އެވެ.

އެ މައްސަލާގައި ގިނަ ބައެއްގެ ފާޑު ކިޔުން ޗެނަލް 13 އަށް އަމާޒުވެފައި ވެއެވެ. އެގޮތުން ސަރުކާރު ޕްރޮމޯޓު ކުރާ ޗެނަލެއްގައި ރައީސް ޔާމީންގެ ބޭބޭފުޅު އަދި ކުރީގެ ރައީސަށް ނިސްބަތްކޮށް އެ ފޮޓޯތައް އެގޮތަށް އާންމު ކުރުމުން އެ ފަރާތްތައް ވަނީ "ރަތަށް" އަރާފަ އެވެ. އިދިކޮޅު ފަރާތްތަކުން ވެސް ވަނީ އެއީ ލަދުވެތި ހުތުރު އަމަލެއް ގޮތުގައި ސިފަ ކޮށްފަ އެވެ.

މި މައްސަލާގައި މޯލްޑިވްސް ބްރޯޑް ކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އަށް ވެސް ގިނަ ބަޔަކު ފާޑު ކިޔާފައި ވެއެވެ. އަދި އަބުރު ރައްކާތެރި ކުރުމާއި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމާ ބެހޭ ގާނޫނުގެ ދަށުން ރާއްޖެ ޓީވީ ބޮޑު އަދަދަކުން ޖޫރިމަނާކޮށްފައިވާއިރު މި މައްސަލާގައި އެ ކޮމިޝަނުން ހިމޭނުން އޮތުމުން ސުވާލު އުފައްދާ ފައިވެއެވެ.