ގއ. ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން ޕީޕީއެމުން ވަކިވެ ވަޑައިގެންފި އެވެ. އޭނާ ވަނީ ޕާޓީން ވަކިވަޑައިގެން ޕީޕީއެމްގެ ދަފުތަރުން އޭނާގެ ނަން އުނިކޮށްދިނުމަށް އެދި އިލެކްޝަން ކޮމިޝަނަށް ސިޓީއަކުން މިއަދު އަންގާފަ އެވެ.
އީސީ އަށް ސައުދު ފޮނުވި ސިޓީގައި ވަނީ ރަޖިސްޓަރީ ކުރެވިފައިވާ އެއްވެސް ސިޔާސީ ޕާޓީއެއްގެ ދަފުރަތުގައި އޭނާގެ ނަން ހިމެނިފައިވާ ނަމަ ވީ އެންމެ އަވަހަކަށް އެ ޕާޓީއަކުން އޭނާގެ ނަން އުނިކޮށް އަދި އެކަން އަންގަން ޖެހޭ ފަރާތްތަކަށް އެކަން ލިޔުމުން އަންގައިދިނުމަށެވެ.
ޕީޕީއެމްގެ ދަފްތަރުން ސައުދުގެ ނަން އުނިި ކުރަން ހުށަހަޅާފައިވާ އިރު ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހުމަދު ވަނީ އެ ޕާޓީގެ ކައުންސިލް މެންބަރުން އިސްތިއުފާ ދިން ވާހަކަ މިއަދު އިއުލާން ކުރައްވާފަ އެވެ. އޭގެ އިތުރުން މަޖިލީހުގެ މައްޗަންގޯޅީ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން ވެސް ވަނީ ޕީޕީއެމްގެ މެންބަރު ކަމުން ވަކިވެވަޑައިގަތުމަށް ނިންމާފަ އެވެ.
ސައުދުއާ، އަބްދުﷲ އަހުމަދު އަދި ސިނާން ވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނަތް މައްސަލާގައި އިދިކޮޅު ފަރާތްތަކުން ހުށަހެޅި ގަރާރުގައި ސޮއިކުރެއްވި 45 މެންބަރުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވަ އެވެ. އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގަތުމުން މިދިޔަ އޭޕްރިލް މަހު ސައުދު ޕީޕީއެމްގެ މެންބަރުން ކަމުން ވަކި ކުރަން އެ ޕާޓީން ނިންމަވާފަ އެވެ.